ރަޝިޔާގެ އޭރޯފްލޮޓް އަދި ދުބާއީގެ އެމިރޭޓްސްއިން ރާއްޖެއަށްކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ބުނީ، މިހާރު ހަފުތާއަކު 2 ދުވަހު ރާއްޖެއަށް ދަތުރުކުރާ ރަޝިޔާގެ އޭރޯފްލޮޓުން މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ކުރާ ދަތުރުތައް 4 ފްލައިޓަށް އިތުރުކުރާނެކަމަށެވެ. އެ އެއަރލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމާއިއެކު ހުކުރުދުވަހާއި އާދިއްތަދުވަހުގެ އިތުރުން ހޯމަ އަދި ހޮނިހިރުގައިވެސް ދަތުރުތައް ކުރާނެއެވެ.

އޭރޯފްލޮޓުން ރަޝިޔާއާއި ރާއްޖެއާއި ދެމެދު ދަތުރުތައް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހުގެ 11 ވަނަ ދުވަހުއެވެ.

އޭރޯފްލޮޓްގެ އިތުރުން އެމިރޭޓްސްއިންވެސް މިމަހުގެ ތެރޭގައި ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރާނެކަމަށް ބުނެފައި ވެއެވެ. އެމިރޭޓްސްއިން މިހާރު ހަފްތާއަކު 7 ދަތުރު ރާއްޖެއަށް ކުރާއިރު، މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އެ އެއަރލައިނުން ރާއްޖެއަށް ހަފުތާއަކު 10 ފްލައިޓް އޮޕަރޭޓްކުރާނެއެވެ.

ކޯވިޑް19 އަށްފަހު މިހާރުވެސް ބައިނަލްއަޤްވާމީ 12 އެއަރލައިނަކުން ދަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ. އަދި އިތުރު އެއަރލައިންތަކުން ދަތުރުކުރުމަށް މިހާރު ވަނީ ޝެޑިއުލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު