2008 ވަނަ އަހަރު ތަސްދީޤްކުރެވުނު ޤާނޫނުއަސާސީއާއެކު މިނިވަން މުސްތަޤިލް މުޢައްސަސާތަކެއް އުފެދިގެން އައެވެ. ދައުލަތުގެ އެކި ވުޒާރާތަކާއި އޮފީސްތައް ވިލަރެސްކޮށް، އެތަންތަނުގައި ހިނގާ ކަންކަން ބަލާ ތަހުޤީޤްކުރުމަކީ މިފަދަ މުޢައްސަސާތަކުގެ އެންމެ ބޮޑު ޒިންމާއެވެ. އެހެންކަމުން މިފަދަ މުޢައްސަސާތަކުގައި ސިޔާސީ ނުފޫޒުން އެއްކިބާވެފައި ތިބި ބަޔަކު އައްޔަންކުރުމަކީ ޤާނޫނުގައި ބުނާ މަޤްޞަދު ހާސިލުކުރުމަށް މުހިއްމުކަމެކެވެ. ބޭނުންހާ މީހަކު، ބޭނުންހާ ކޮމިޝަނަކަށް ލައިގެން ރައްޔިތުންނަށް ކުރާނެ ފައިދާއެއް ނެތެވެ. ފަހަރެއްގައި ސިޔާސީ މީހުންނަށް އޭގެ ފައިދާ ކޮށްފާނެއެވެ.

އެންމެފަހުން މިނިވަން މުއައްސަސާއަކަށް މެމްބަރުން ހޮވުމުގެ މަސައްކަތް މަޖިލީހުން ކޮށްފައިވަނީ ހޯމަދުވަހުއެވެ. ހޯމަދުވަހުގެ ޖަލްސާގައި މަޖިލީހަށް އެޖެންޑާކޮށްފައި އޮތީ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުކަމަށް ބޭފުޅުން އައްޔަންކުރުމުގެ މައްސަލައެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ، ކަސްޓަމްސް ސަރވިސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި، މޯލްޑިވްސް އިމިގްރޭޝަން ގެ މުވައްޒަފުން ކުރާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙްޤީޤުކުރަން އޮންނަ މުއައްސަސާއެކެވެ. ނުވަތަ ކުރު ގޮތަކަށް ދަންނަވާނަމަ އެއީ ސަރުކާރުގައި ޔުނިފޯމް އެޅި ވަކި ޚިދުމަތްތަކެއް ދޭ މުއައްސަސާ ތަކަށް ފާރަވެރިވާ ނުވަތަ އެމުއައްސަސާ ތަކާއި މެދު ހުށައެޅޭ ޝަކުވަތައް ތަހުގީގުކޮށް ފިޔަވަޅު އަޅާ ކޮމިޝަނެވެ.

ކޮންމެއަކަސް 4 މެމްބަރުން ތިބޭ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މެމްބަރުން އައްޔަންކުރަން މަޖިލީހުގައި ވޯޓް ނެގުނެވެ. މަޖިލިސް ތަޅުމުގައި ވޯޓަށް އެހުމުގެ ކުރިން އެކޮމިޝަނަށް ނަން ހުށަހެޅުއްވި ފަރާތްތަކުގެ މައުލޫމާތު ދިރާސާކޮށް ތަޢުލީމީ ފެންވަރާއި ގާބިލުކަން ޔަގީން ކުރުމަށްޓަކައި އެބޭފުޅުންނާ އިންޓަވިއު ކުރުން މަޖިލީހުގައި ކުރިއަށްގެންދިޔައެވެ. އެއީ ވަރަށްވެސް ޕްރޮފެޝަނަލްކޮށް ކުރިއަށްދިޔަ އިންޓަވިއުތަކެއްކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް މަޖިލީހުގައި ވޯޓް ނަގާ، ކޮމިޝަނަށް މެމްބަރުން އައްޔަންކޮށް ނިމުނުއިރު ކަމަކުދާކަށް ނެތެވެ. އުސްތާޒުންނާއި ޕީއެޗްޑީ ނަގާފައި ތިބި ފަރާތްތަކަށް ކުރިމަތިވީ ލަދުވެތި ގޮތެކެވެ. ކޮމިޝަނުގެ މެމްބަރުކަމަށް ހޮވުނީ ރުޤްޔާކުރަން އުޅޭ މީހަކާއި، ޤާނޫނާއި ޤަވާއިދާ ޚިލާފަށް މަޤާމުގައި ހުރެގެން އަމަލުކުރިކަމަށް ބުނާ މީހަކާއި، މިހެން ގޮސް ޕާޓީގައި ސިޔާސީ ކަންކަމުގައި އިސްކޮށް އުޅުއްވި ކުދިންކޮޅެކެވެ.

ވާނީވެސް އެހެންތާއެވެ. ރައްޔިތުންނަށް ކިތަންމެ ޗާލާކީ ވައުދުތަކެއް ވެގެން ވިޔަސް ބޭނުންވަނީ ވެރިކަން އަތުޖެހުމެވެ. އެތެރެކޮއިލަށް ވަދެވުމެވެ. ދާނުގައި އިށީދެވުމެވެ. އެއެއްޗެއް އަތުޖެހުނީމާ އެއޮތީ ނިމިފައެވެ. ދެން ވެރިކަން ހިންގާން ޖެހޭނީ ޕާޓީއަށް ހޭހަންކޮށް މަގުމައްޗަށް ނުކުމެ ގުރުބާންވި ކުދިންނަށް މަގާމުތައް ދީގެންކަން މިއީ ރައްޔިތުންވެސް އަދި މަތި މައްޗަށް ފާސް ނަގައިގެން ހުވަފެން ދެކޭ ފަރާތްތަކުން ވެސް ގަބޫލުކުރަން ޖެހޭ ކަންކަމެވެ. ކިތަންމެ އަޑަށް ބާރުލާފައި އިސްލާހޭ ގޮވިޔަސް އިސްލާހު އަންނާނީ ޕާޓީގެ މަސްލަހަތަށް ފަހުގައިކަން މިދެންނެވި މީހުންނަށް ހަދާން ނެތެނީއެވެ. ޑިމޮކްރެސީގެ ނަން ކިތަންމެ ރީތިވެފައި އެގޮލާ ކިތަންމެ ފުރިހަމަޔަކަސް މިގައުމުގައި ސިޔާސީ ޕާޓީ ވެރިކަން ހިނގަނީ މިދެންނެވި މަގުންނެވެ. އެންމެ ފުރަތަމަ ޕާޓީއެވެ. ނަޒާހަތްތެރިކަމާއި ޚިދުމަތްތެރިކަމާއި އަތްތެރިކަމާއި ކެތްތެރިކަންވެސް އަންނާނީ އޭގެ ފަހަތަށެވެ. ޖަޒީރާ ރާއްޖެއެއް އެޖެންޑާ 19 އެއް ކިޔާނެ ކަމެއް ނެތެވެ. ވެރިކަން ހިނގާނީ ޕާޓީ މަސްލަހަތަށް އިސްކަން ދީގެންނެވެ.

ކޮންމެއަކަސް މިދެންނެވި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މެންބަރުން ހޮވުންވެސް ދިޔައީ ހަމަ މި ބީދައިންނެވެ. މަގާމަށް ކުރިމަތިލި ބޭފުޅުންގެ އިންޓަވިއު ކުރިއަށްދިޔަ ގޮތުގެ ރިޕޯޓަށް ބަލާލާއިރު، ބައެއް ބޭފުޅުންނަކީ މަޤާމަށް އެކަށީގެންވާ ބޭފުޅުންކަމަށާއި އެހެން ބައެއް ބޭފުޅުންނަކީ މަޤާމަށް ވަރަށް ބޮޑަށް އެކަށީގެންވާ ބައެއްކަމަށް ބުނެފައިވެއެވެ.

ކަން ހިނގާފައި އޮތް ގޮތިގެ ނަޒާހަތްރެރިކަން ވަޒަން ކޮށްލުމަށްޓަކާ މިރިޕޯޓަށް ރިޢާޔަތް ކުރުމުން ފާހަގަވީ އެންމެ މިސާލެއް މިތާނގައި ދަންނަވާލާނަމެވެ. މިދެންނެވި ރިޕޯޓަށް ބަލާއިރު ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލި ބޭފުޅުންގެ ތެރޭގައި ކޮމްޕިއުޓަރ ސައިންސްއިން ޕީއެޗްޑީ ނަންގަވާފައިވާ އައިޓީ އެކްސްޕާޓެއްކަމަށްވާ ޑރ. އިބްރާހިމް ޝިޔާމް ވެސް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް ކޮމިޓީ ރިޕޯޓްގައި އެބޭފުޅާ ހިމެނިވަޑައިގަތީ އެންމެ ފުލަށް ދިޔަ ބޭފުޅުންގެ ތެރޭގައެވެ.މިކަމުގައި އެބޭފުޅާގެ އުދާސްތައް ހުރިގޮތް ހިއްސާކޮށްލެއްވި ޓްވީޓް މަތީގައި އެވަނީއެވެ. މީގައި ހަމަ ދަންނަވާނެ އިތުރު ވާހަކައެއް ނެތެވެ. ސިޔާސީ ޕާޓީ ވެރިކަމުގައި މިގައުމުގައި ކަންހިނގާ މަގު ނިކަން ރަނގަޅަށް އެނގޭތީއެވެ. ފަޔަށް ކިތަންމެ ބާރުލާފައި އިސްލާހަށް ވޯޓު ދެއްވަން ރައްޔިތުން ނުކުމެ ވަޑައިގެންނެވި ނަމަވެސް ޕާޓީ ވެރިކަމުގައި ކަންހިނގާ މަގު މިހާރު ރައްޔިތުންނަށް ނޯޅޭނެކަމަށް ހީކުރަމެވެ. ބޮޑު ޚަރަދުކޮށްފައި އުމުރުގެ ބޮޑުބައި ހޭދަކޮށްފާ ތިޔަ ކިޔާ މޮޅެތި ފާސްތަކާއި ސެޓްފިކެޓްތަކާއި ތިޔަ އެޗްޑީތައް ނަގަން އުޅޭނެ ކަމެއް ނެތެވެ. ނެގިޔަސް އެއީ ބޭނުމެއް ހިފޭ އެއްޗެއް ނޫނެވެ. މަގާމުގެ ޝަރުތަކީ މަގާމުދޭން ބޭނުންވާ މީހާގެ ގަޔަށް ހެޔޮވަރުކޮށް ފަހާ ކޯޓެކެވެ. ޕާޓީ ކުއްޖެއް ވިއްޔާ އެއީ ސްމިތު ވިޔަސް، ސަމިތު ވިޔަސް އަޖިތު ވިޔަސް އޯކޭއެވެ. އެ ކޯޓު ހަމަ ފިޓުވާނެއެވެ. ޕާޓީ ނިޒާމުގައި ޕީއެޗްޑީ ނަގައިގެން މަގާމަށް ކުރިމަތިލާ ޝިޔާމާއި ޝަމީމާއި އަމީމާ އަކަށް އެ ކޯޓު ފިޓެއް ނުވާނެއެވެ. މިއީ ކަންހިނގާނެ މަގުކަން ގަބޫލުކުރަށްވާށެވެ.

އެންއައިސީއަށް މެމްބަރުން އައްޔަންކުރި ގޮތާއިމެދު ގިނަ ބަޔަކު މިހާރު ދަނީ ފާޑުކިޔައި ސުވާލު އުފައްދަމުންނެވެ. ކިތަންމެ ފާޑެއް ކިޔައި ކިތަންމެ ޝުޢޫރެއް ބަޔަކު ފާޅުކުރިޔަސް އެއީއަކީ މާބޮޑު ބަދަލު ތަކެއް، އިސްލާހެއް އަންނާނެ ކަމެއް ނޫނެވެ. މިދެންނެވި ފާޑުކިޔުން ތަކުގައި މަޖިލީހުން ކޮމިޝަންތަކަށް މެމްބަރުން އައްޔަންކުރުމުގައި ބަލަނީ ކޮން އުސޫލަކަށްތޯ ކޮންހަމައަކަށްތޯ ބުނެ ގިނަ ބަޔަކު ޝަކުވާކޮށް ސުވާލު ކޮށްފައި ވެއެވެ. އުމުރު ދުވަހު ބުރަ މަސައްކަތުން ކިޔަވައިގެން މަޤާމަކަށް ކުރިމަތިލުމުން އެފަދަ ފަރާތްތައް ބާކީ ކޮށްލުމުން މިޤައުމަށް ޚިދުމަތްކުރާނެ ފަންނުވެރިން ގެއްލިގެންދާނެ ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.

ރައްޔިތުންނަށް ކިތަންމެ ވާހަކައެއްވެސް ދެއްކިދާނެއެވެ. ކިތަންމެ ޚިޔާލެއް ވެސް ފާޅުކުތެވިދާނެއެވެ. ބައެއް ފަހަރު ވެރިން އެވާހަކަތައް އަޑުއަހަމޭ ވެސް އަދި އިސްލާހު ކުރާނަމޭ ވެސް ބުނެފާނެއެވެ. އެކަމަކު އެއީ ހުސް ހޮޅި ވާހަކައެވެ. އެކަމެއް ނުވާނެއެވެ. ނުވެސް ކުރާނެއެވެ. އެވާނީ ހަމަ މާ ކަނޑުގައި ޝަހާދަތް އިނގިލިން އަޅާލާ ރޮނގަކަށެވެ. ފަހަތަށް ބަލައި ލުމުގެ ކުރިން އެ ރޮނގު ހުންނާނީ ފިލައިގެން ފޮހެވިގެން ގޮސްފައެވެ.ތެދެކެވެ. އެއީ ހަމަ ހަގީގަތެވެ. މި ދެންނެވި ޕާޓީ ނިޒާމު ހިނގާ ގޮތުން، މި ޕާޓީ ނިޒާމުގައި ރައްޔިތުންގެ މަޖިލީހުން، ނުވަތަ ރައްޔިތުންގެ މަންދޫބުން އަމަލުކުރާ ގޮތުން ކިޔަވައިގެން ތިބި ބޭފުޅުން ވަނީ ދައުލަތުގެ މަޤާމުތަކުން ބާކީވެފައެވެ. ސިޔާސީ އެކްޓިވިސްޓުންނަށް ހުރިހާ މަޤާމެއް ދީ ހުސްކޮށްލުމުން މިޤައުމަށް އެކަމުގެ ސަބަބުން ވާނެ އެއްވެސް ފައިދާއެއް ނެތެވެ. ބައެއް މީހުން މިހާރު ޤަބޫލުކުރާ ގޮތުގައި ސިޔާސީ މީހުންގެ ފަސްބައިގައި އެލިގެން ނޫނީ މަޤާމެއް ނުލިބޭނެއެވެ. ގަބޫލު ކުރަށްވަންވީ އެކަންޏެއް ނޫނެވެ. އެއީ މި ނިޒާމުގައި ރާއްޖޭގައި ކަން ހިނގާ މަގެވެ. އެކަން ހިނގާނީ އެމަގުންކަން ޔަގީން ކުރަށްވާށެވެ.މަޖިލީހުން މިއަދު ކޮމިޝަންތަކަށް ބޭފުޅުން އައްޔަންކުރުމުގައި މިގެންގުޅޭ ފީކަޅާ އުސޫލުގެ ސަބަބުން ގެއްލުން ލިބޭނީ ހަމަ ދިވެހި ރައްޔިތުންނަށެވެ. މިއީ މިއަދު ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަތީ ތަޢުލީމް ހާސިލުކުރަމުންދާ ދަރިވަރުންނަށް ދެވޭ ވަރަށް ނުބައި މެސެޖެކެވެ. މަތީ ތައުލީމް ހާސިލުކޮށްގެން މިޤައުމަށް އައިސްގެން ކުރާނެ އެއްވެސް ފައިދާއެއް ނެތްކަން އެދަނީ ލޯމައްޗަށް ފެންނަމުންނެވެ. މިހެން މިކަންކަން ހިނގާނަމަ މާދަމާ ގައުމަށް، ރައްޔިތުންނަށް ޚިދުމަތްކޮށްދޭނެ ދިވެހި ޑޮކްޓަރަކު ނުހުންނާނެއެވެ. ޕީއެޗްޑީ ނަގައިގެން ތިބި ދިވެހި ތަޖުރިބާކާރު ދިވެހި ދަރީންނެއް ނުފެންނާނެއެވެ. ޖަޒީރާ ރާއްޖެ ހިންގާނެ އެޖަޒީރާ ރާއްޖެ ހިމާޔަތްކުރާނެ ތިމާވެށީގެ މާހިރުންނެއްވެސް ނުތިބޭނެއެވެ. މިއީ ހަމަޤައިމުވެސް މިއަދު އަޅުގަނޑުމެން ވިސްނާލަންޖެހޭނެ ކަމެކެވެ.

ހަމަ ހެޔޮވެރިކަމޭ ޖަޒީރާއޭ ތަރައްގީއޭ ބްރިޖޭ ނަރުދަމާއޭ ބަނދަރޭ ފާލަމޭ އިސްލާހޭ ޑިމޮކްރެސީއޭ ހަމަހަމަކަމޭ އިންސާނީ ހައްގޭ ތެދުވެރިކަމޭ ނަޒާހަތްތެރިކަމޭ ފްލެޓޭ ބޯހިޔާވަހިކަމޭ އިންސާފޭ ތިލަފަތޭ ގޮވާލާއިރަށް ނުކުމެ ވޯޓުލާން ދުއްވައިގަތުމުގެ ކުރިން މިވެރިން އެކިޔާ ޒަމާނީ ޑިމޮކްރެސީގެ ވެރިކަމަކީ ކޮބައިކަން އެޑިމޮކްރެސީގެ ވެރިކަމުގައި މިހާތަނަށް ރާއްޖޭގައި ވެރިކަންތައް ހިނގާފައިވާ ގޮތް ރަނގަޅަށް ހަނދާނަށް ގެނަސް ވަޒަންކޮށް އެކަންކަން އަމިއްލަ ވިސްނުމާއި ބުއްދިން ކިރާލާށެވެ.

ކިޔުންތެރިންގެ ހިޔާލު


1

ގައުމީ ލޯބި

21-Oct-2020

އެމްޑީޕީ ނޫން ހުރިހާ މީހުން ޚާއްޞަކޮށް އެމީހުން ރުޅިއަންނަ ކެބިނެޓް މީހުން ވަކި ކުރުމުގެ ސިލްސިލާ ރޭވުމެއް މިއީ، ވެންޓިލޭޓަރ އަކި އަސްލު ރޭވުމެއް ޑަބަލިއު.އެޗ.އޯ ގައި އުޅޭ އިންޑިޔާ މީހަކު ނަޝީދުގެ އޯޑަރަށް އަބުރާލި ގޭސްގަނޑެއް.. އަދި ކޮންމެވެސް ދުވަހެއް އަންނާނެ "އެފަނި އެޅުވީ އަހަރެން" މިހެން ބުނާނެ. މީގެ 2 މަސްކުރީން އެމްޑީޕީން ނިންމި ކޮންމެ ހާލެއްގައިވެސް "މިކަން ކުރާނަން! ސާފުކުރާނަން" އެބުނާ ސާފުކުރުމަކީ އެމްޑީޕީ ނޫން މީހުން ކެބިނެޓްއިން ބޭރުކުރުން ކަން މިފެންނަނީ ދިވެހީން ނިކަން ވިސްނަބަލަ..