އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީގައި ޕީޕީއެމަށް އެއްޗެހި ގޮވާނަމަ އެކަމަށް ރައްދު ދޭނެ ކަމަށް ޕީޕީއެމްގެ އެޑްވައިޒަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޢަބްދުالله ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޑރ. ޝަހީމް މިމޭރުމުން ވިދާޅުވެފައި މިވަނީ ރައީސް ޔާމީންގެ އަނިޔާވެރި ވެރިކަން އަނބުރާ ގެނައުމަށް ނޭދޭނަމަ ރައީސް ޞާލިޙަށް ވޯޓު ދިނުމަށް އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީ ކެމްޕޭނުގައި ޚާރިޖީ ވަޒީރު ޢަބްދުالله ޝާހިދު ވިދާޅުވުމާ ގުޅިގެންނެވެ.


މިނިސްޓަރ ޝާހިދަށް ރައްދު ދެއްވަމުން ޑރ. ޝަހީމް ވިދާޅުވީ ޕީޕީއެމަކީ ކޮންމެ ދިމާއަކުން ބިނާކުރަނިވި ޚިދުމަތްތަކެއް ޤައުމަށް ކޮށްދީފައިވާ ޕާޓީއެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި ޤާއިމުކުރި ބޮޑެތި ބިޔަ މަޝްރޫޢުތައް ފެންނަން ހުރިކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.

“ޝާހިދުމެން އެތެރޭގެ ޕްރައިމަރީގައި ޕީޕީއެމަށް އެއްޗެހި ގޮވަންޏާ ރައްދު ދެވޭނެ ވާހަކަ ދަންނަވަން.” ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭނުގައި މިނިސްޓަރ ޝާހިދު ވަނީ ރައީސް ޔާމީންގެ ވެރިކަމަކީ އަނދިރި ވެރިކަމެއްކަމަށް ސިފަކުރަށްވާފައެވެ. އަދި އެދުވަސް އަނބުރާ ގެނައުމަށް ބޭނުންނުވާނަމަ އެންމެންނާ ގުޅިގެން މަސައްކަތް ކުރެވޭނެ ކެންޑިޑޭޓަކަށް ވޯޓު ދެއްވުމަށް އެމްޑީޕީގެ މެންބަރުންގެ ކިބައިން ޝާހިދު ވަނީ އެދިވަޑައިގެންފައެވެ.

ހަމައެއާއެކު ކުރިން ރާއްޖޭގައި ވެރިކަން ކުރެއްވި ރައީސް ޔާމީންގެ ސަރުކާރަކީ ވަށައިގެން ފަންފުޅަށް ޖަހާލައިގެން ފިލާތިބެ މަސައްކަތް ކުރި ބައެއް ކަމަށްވެސް ޝާހިދު ވަނީ ސިފަ ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު