މި ސަރުކާރުން ރަށްރަށަށް ތަރައްގީ ނުގެނެސްދޭ ކަމަށް ވާދަވެރި ފަރާތްތަކުން ބުނުމަކީ ރައްޔިތުންނަަށް ކުރާ މަލާމާތެއް ކަމަށް ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އއ. ތޮއްޑޫގައި މިއަދު ހަވީރު ބޭއްވި ރައީސް އިބްރާހިމް މުހައްމަދު ސާލިޙުގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ވިދާޅުވީ ވާދަވެރި ފަރާތްތަކުން މި ސަރުކާރުން ތަރައްގީގެ ނަމުގައި އަކުންބަކުން ކުޅެމުންދާކަމަށް ބުނެ މަލާމާތުގެ ބަސްތައް ރައްދު ކުރަމުންދާ ކަމަށެވެ. އަދި އެ މަލާމަތް ކުރަނީ ރައީސަށް ނުވަތަ ސަރުކާރަށް ނޫން ކަމަށާއި އެއީ ދިވެހި ރައްޔިތުންނަށް ކުރާ މަލާމާތެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ސަރުކާރާއި ޚިޔާލު ތަފާތުވިއަސް ރައްޔިތުންނަށް އެފަދަ މަލާމާތުގެ ބަސްތައް ރައްދުކޮށްގެން ނުވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.


"އެމަލާމާތުގެ ބަސްތައް ހަގީގަތުގައި އެ ރައްދުކުރެވެނީ ތިބޭފުޅުންނަށް (ރައްޔިތުންނަށް) އެއީ ކީއްވެތޯ؟ ތިބޭފުޅުންގެ ލޯ ކުރިމަތީގައި މިކަންތައްތައް މި ހިނގަނީ އެހެންވީމަ އެ ވިދާޅުވާ އެއްޗަކުން މި އެގެނީ ތިބޭފުޅުންގެ ފެނުމުގެ ހިއްސު ނެތޭ ނޫންތޯ؟ އެކަހަލަ މަލާމަތް އެކަހަލަ ވިޔާނުދާ ވާހަކަ ޚިޔާލުތަފާތުވިއަސް ރައްޔިތުންނާއި މުޚާތަބުކޮށް ނުވާނެ ދައްކަވާކަށް،" ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ވޭތުވެ ދިޔަ ހަތަރު އަހަރުގެ ތެރޭގައި އއ. ޢަތޮޅުގެ ތިން ރަށެއްގައި މިސަރުކާރުން 121 ޕްރޮޖެކްޓް ހިންގާފައިވާ ކަމަށެވެ. އެ ޕްރޮޖެކްޓް ތަަކަށް 467 މިލިއަން ރުފިޔާ ސަރުކާރުން ޚަރަދުކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.

"އެކަމު މި ބުނަނީ "އަކުން ބަކުން ކުޅެނީއޭ" ވާ އެއްވެސް ކަމެއް ހަރާމޭ! އެބަސް ރައްދުވަނީ ތިބޭފުޅުންނަށް، އެހެންވީމަ ތިބޭފުޅުންނަށް ތިޔަ ފެނިވަޑައިގަންނަވާ ތަރައްގީ އާއެކު ކުރިއަށް ދާންވީ. ތިބޭފުޅުންނަށް ތިޔަ ފެނިވަޑައިގަންނަވާ ހަމަޖެހުމާއި ސުލްހަ މަސަލަސް ކަމާއެކު ކުރިއަށް ވަޑައިގަތުމަށް ތިބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ޚުލްގު ހެޔޮ ކެއްތެރި އޯގާތެރި ރައީސަކާއެކު ކުރިއަށް ދިޔުމަަށްޓަކައި މިމަހުގެ 28 ވަނަ ދުވަހު ބާއްވާ އިންތިޚާބުގައި 2 ނަމްބަރުގައި ފާހަގަ ޖައްސަވާ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ އެމްޑީޕީ ހުއްޓި ތިބެވެން ނެތް ކަމަށެވެ. އެޕާޓީ ދާނީ އެއް ދުވަހަށް ވުރެ އަނެއް ދުވަހު ބާރަށް ކުރިއަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު