މިމަހުގެ 15 ވަނަ ދުވަހު މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހަކު މަރުވުމުގައި މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ އިހުމާލެއް ނެތް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މަރުވެފައިވަނީ މ. މުލި ހުދުފިނިފެންމާގޭ މުޙައްމަދު ނަޝީދު 43އ، އެވެ.

ކަރެކްޝަނަލް ސަރވިސްއިން ކުރިން ބުނެފައި ވަނީ މުޙައްމަދު ނަޝީދު ނޭވާ ނުލާތީ އޭނާގެ ގޮޅީގައި ހުންނަ ބަންދުމީހަކު ޕްރިޒަން އޮފިސަރުންނަށް އެންގުމުން، އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ވަގުތުން ގެންގޮސް ސީޕީއާރް ދިން ކަމަށާއި ސީޕީއާރަށް ފަހުވެސް ނޭވާ ނުލުމުން، ޑޮކްޓަރު 17:26 ހާއިރު އޭނާ މަރުވި ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ނަމަވެސް އޭނާ މަރުވުމުގައި ކަރެކްޝަންސްގެ އިހުމާލު އޮތް ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.

މިކަމާއި ގުޅިގެން މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ އޭނާގެ މަރުގެ ހަބަރު ލިބުމުން މާފުށީ ޖަލުގައި ތިބި އޮފިސަރުން ހެދި ރިޕޯޓާއި އިތުރު އެހެން މެޑިކަލް ރިޕޯޓުތައް ބެއްލެވި ކަމަށެވެ. އަދި އެކަމުގައި ކަރެކްޝަންސްގެ އިހުމާލެއް އޮތް ކަމަކަށް އަދި އެއްވެސް މީހެއްގެ ގަސްދުގައި ކޮށްފައި އޮތް އެއްވެސް އަމަލެއް ނެތްކަމަށް އިމްރާން ވިދާޅުވިއެވެ.

މުޙައްމަދު ނަޝީދަކީ މަސްތުވާތަކެއްޗާ ބެހޭ މައްސަލައެއްގެ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށް ކަރެކްޝަނުން ބުނެއެވެ.

މުޙައްމަދު ނަޝީދު މަރުވުމާއި ގުޅިގެން ވަގުތުން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާކަމަށްވެސް ކަރެކްޝަނުން ވަނީ ބުނެފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން