ޔޯގާ ޙަރަކާތް ކުރިއަށް ދަނިކޮށް ހިންގި ހަމަނުޖެހުން
ޔޯގާ ޙަރަކާތް ކުރިއަށް ދަނިކޮށް ހިންގި ހަމަނުޖެހުން
ބައިނަލްއަޤުވާމީ ޔޯގާ ދުވަސް ފާހަގަ ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގާފައި ނުވާކަމަށް ކުޅިވަރާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހްލޫފް ސޮއިކޮށް މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުވެސް އިންޓަނޭޝަނަލް ޑޭ އޮފް ޔޯގާ ފާހަގަކޮށްފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން އާއި އެމިނިސްޓްރީ ގުޅިގެން ކަމަށެވެ. އަދި އެހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެދުވަސް ފާހަގަކުރަމުން އަންނަ އުސޫލުގެ ދަށުން ކަމަށް ބަޔާނުގައިވެއެވެ.

2014 އިން ފެށިގެން ޔޫތު މިނިސްޓްރީން އެކަމުގައި ބައިވެރިވަމުން އަންނަނީ ޔޯގާއަކީ ކުޅިވަރާއި ކަސްރަތުގެ ތެރޭގައި ހިމަނާފައިވާ ކަމެއް ކަމަށް ވާތީއާއި، އެހެން ހުރިހާ ގައުމުތަކުގެވެސް ކުޅިވަރު މިނިސްޓްރީން ބައިވެރިވާ އުސޫލުން ކަމަށް ބަޔާނުގައިވަނީ ބުނެފައެވެ.

"އިންޓަރނޭޝަނަލް ޑޭ އޮފް ޔޯގާ ފާހަގަ ނުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން މި މިނިސްޓްރީއަށް އަންގާފައި ނުވާ ކަމުގައި ދަންނަވަމެވެ." ކުޅިވަރާބެހޭ ވުޒާރާގެ ބަޔާނުގައިވެއެވެ.

ބަޔާނުގައި އިތުރަށްބުނީ ކަނޑައެޅިގެން އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ކަންކަމާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ޚިލާފުވާނެ އެއްވެސް ކަމެއް އެމިނިސްޓްރީގެ ފަރާތުން ނުހިންގާނެ ކަމުގެ ޔަގީންކަން އަރުވާކަމަށެވެ.

ބައެއް މައްސަލަތަކަކީ އިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ ކަންތައްތަކެއްކަމުން، ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެފަދަ މައްސަލަތަކާއި ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުން ސާފުކޮށް ރަޢުޔު ކަނޑައެޅުމަކީ މުހިއްމުކަމެއް ކަމުގައި ދެކޭ ކަމަށްވެސް ކުޅިވަރާބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނުގައިވަނީ ބުނެފައެވެ.

ކުޅިވަރާބެހޭ ވުޒާރާއިން މިފަދަ ބަޔާނެއް ނެރެފައިވާއިރު އެޙަރަކާތް ހުއްޓުވުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ފޮނުވާފައިވާ ސިޓީއެއް ސޯޝަލް މީޑިއާގައިވަނީ ޢާއްމުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން