ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ފެމިލީ ކޯޓުގެ ގާޟީ އަލްއުސްތާޛާ ހުޒައިފާ މުޙައްމަދު ޢައްޔަން ކުރުމަށް ނިންމައިފިއެވެ.


ޖުޑީޝަލް ސަރވިސް ކޮމިޝަން ޖޭއެސްސީން މިއަދު ބުނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށް ކުރި އިޢުލާނާ ގުޅިގެން އެމަޤާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަރވިއު ކޮށްފައިވާ ކަމަށެވެ.

އެގޮތުން ފަނޑިޔާރުން ޢައްޔަންކުރާ ކޮމިޓީން "ހައިލީ ރިކޮމެންޑެޑް"ކަމަށް ކޮމިޝަނަށް ލަފާ އަރުވާފައިވާ، ހ.ސޭންޑީ ބީޗް، ހުޒައިފާ މުޙައްމަދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނުކުރުމަށް 2022 ޖޫން 22 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 43 ވަނަ ބައްދަލުވުމުގައި ވަނީ ނިންމާފައި ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

އަލްއުސްތާޛާ ހުޒައިފާ މުޙައްމަދަކީ ފަނޑިޔާރުކަމުގައި 14 އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އަލްއުސްތާޛާ ހުޒައިފާ މުޙައްމަދަކީ މިހާރު ފެމެލީ ކޯޓުގެ އިސްޤާޟީކަމުގައި މަޤާމް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.

އަލްއުސްތާޛާ ހުޒައިފާ މުޙައްމަދަށް ހައިކޯޓުގެ ފަނޑިޔާރުކަމުގެ ފަތްކޮޅު އެރުވުމަށް ހަމަޖެހިފައިވަނީ 2022 ޖޫން 27 ވާ ހޯމަ ދުވަހުއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމުގެ ޝަރުތަކީ ޝަރުއީ ނުވަތަ ޤާނޫނީ ދާއިރާއިން ޑިގްރީ އެއް އޮތުމާއިއެކު، ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.

ކިޔުންތެރިންގެ ހިޔާލު