އުތުރު ކޮރެޔާއިން ނިއުކްލިއަރ ޓެސްޓެއް ކުރަން އުޅޭކަމަށް ދެކެވޭ ވާހަކަތަކަށް އިތުރު ބާރުތައްދޭ ހެކިތަކެއް ހާމަވެއްޖެއެވެ.

އަމިއްލަ ޖަމުއިއްޔާއެއްކަމަށްވާ ސެންޓަރ ފޯރ ސްޓްރޭޓީޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީސް، ސީއެސްއައިއެސްއިން ބުނީ، ޖޫންމަހުގެ 14 ވަނަ ދުވަހު ނަގާފައިވާ ސެޓްލައިޓް ފޮޓޯތަކަކުން، އުތުރު ކޮރެޔާގެ ޕަންގްއެއިރީ ނިއުކްލިއަރ ޓެސްޓް ފެސިލީޓީގައި މަސައްކަތްތަކެއް ހިނގާކަން ހާމަވާކަމަށެވެ.

ޕަންގްއެއިރީ ނިއުކްލިއަރ ޓެސްޓް ފެސިލީޓީއަކީ ސުލްހައިގެ ވާހަކަތަކަށް މަގުފަހިކުރުމަށް 2018 ވަނަ އަހަރު އުތުރު ކޮރެޔާއިން ބަންދުކޮށްފައިވާ ތަނެކެވެ. އަދި ބަންދުކޮށް، ހަލާކުކޮށްލާފައިވާކަން ހާމަކުރަން ކޮރެޔާއިން އޭރު ފޮޓޯތަކެއްވެސް އާއްމުކުރިއެެވެ.



ސީއެސްއައިއެސްއިން ބުނީ މިދިޔަ 4 މަހެއްހާ ދުވަހު ކޮރެޔާއިން ވަނީ އެ ފެސިލިޓީ މަރާމާތުކުރުމުގެ މަސައްކަތްކޮށްފައިވާކަމަށެވެ. އަދި މިހާރު އެތަނުގެ މަސައްކަތް އެއްކޮށް ނިންމައި، ނިއުކްލިއަރ ޓެސްޓަކަށް އެ މަރުކަޒު ބޭނުންކުރެވޭ ވަރަށް ތައްޔާރުކޮށްފައިވާކަމަށްވެސް ސީއެސްއައިއެސްއިން ބުނެއެވެ.

މިއަހަރުގެ މިހާތަނަށް އުތުރު ކޮރެޔާއިން ވަނީ ގިނަ އަދަދެއްގެ މިސައިލްތައް ޓެސްޓްތަކެއް ކުރިއަށްގެންގޮސްފައެވެ. އޭގެ ތެރޭގައި ދުރުރާސްތާތަކަށް ހަމަލާދޭ އިންޓަރކޮންޓިނެންޓަލް ބެލަސްޓިކް މިސައިލެއްވެސް ހިމެނެއެވެ. މިކަންކަމަށް ރިޔާއަތްކޮށް އެމެރިކާ، ޖަޕާނު އަދި ދެކުނު ކޮރެޔާއިން ވަނީ އުތުރު ކޮރެޔާއިން ނިއުކްލިއަރ ޓެސްޓަކަށް ތައްޔާރުވަމުންދާކަމަށް ބުނެފައެވެ.

މިއީ ޓެސްޓް ކުރިއަށް ގެންގޮސްފިނަމަ، މި ޓެސްޓް ވެގެންދާނީ 5 އަހަރު ތެރޭގައި ކޮރެޔާއިން ކުރިއަށްގެންދާ ފުަރަތަމަ ނިއުކްލިއަރ ޓެސްޓަށެވެ. އަދި އެ ގައުމުގެ 7 ވަނަ ނިއުކްލިއަރ ޓެސްޓަށެވެ.

އުތުރު ކޮރެޔާގެ ޕަންގްއެއިރީ ނިއުކްލިއަރ ޓެސްޓް ފެސިލީޓީއަކީ، 2006 ވަނަ އަހަރުން ފެށިގެން 10 ވަރަކަށް އަހަރު ވަންދެން ނިއުކްލިއަރ ޓެސްޓްތައް ކުރިއަށްގެންދިޔަ މަރުކަޒެވެ.

އިންޓަރނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީ، އައިއީއޭއިންވެސް ވަނީ އުތުރު ކޮރެޔާއިން ނިއުކްލިއަރ ޓެސްޓަކަށް ތައްޔާވަމުންދާކަމަށް ބެލެވޭކަމަށް ބުނެފައެވެ. ނަމަވެސް އުތުރު ކޮރެޔާއިން މިކަމާއި ގުޅޭ އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން