ދަންނަވަން މިއުޅެނީ، ރާއްޖޭގައި އެންމެ ގިނަދުވަސްވީ އަދި އެންމެ ގިނަ އުސްތާޒުންނާއި ޢާލިމުންނާއި މުދައްރިބުންނާއި މުދައްރިސުންނާއި ފަންނާނުންނާއި ޚިދުމަތްތެރިން އުފެއްދި މަޖީދިއްޔާ ސްކޫލް އުފެދިގެން އައި ތާރީޚީ ދުވަސް ބަދަލުކޮށްލި ވާހަކައެއް ނޫނެވެ. ދަންނަވަން މިއުޅެނީ ރާއްޖޭގެ ރަސްމީ ތަޢުލީމީ ބިންގާ އަޅައިދިން އެންމެ ދުވަސްވީ އެންމެ އަލިގަދަ ޢިލްމީ ދަންމަރު ހިންގުމުގެ ތާރީޚު ބަދަލުކޮށްލި ވާހަކައެވެ. މަޖީދިއްޔާގެ ތާރީޚުގައި ވެސް އެސްކޫލް ހިންގުމުގެ މުގުލުގައި އަންހެން ބޭފުޅަކު ހުންވައިގެން އެ މަދަރުސާ އާ މުޅިން އައު ތާރީޚީ ޞަފުހާއެއް ލިޔަންފެށި ވާހަކައެވެ. ސަތޭކަ އަހަރުގެ ތާރީޚީ ދަތުރަށް ފެށިވާހަކައެވެ.

ސުލްތާން މުހައްމަދު ޝަމްސުއްދީންގެ ރަސްކަމުގައި "މަަދަރުސަތުލް ސަލާހިއްޔާ"ގެ ނަމުގައި ހުޅުވި އެ މަދަރުސާ މިހާރުގެ ގޮތުން ނަމަ މަޖީދިއްޔާ ސުކޫލަށް 95 އަހަރު ފުރުނީ މިދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ. 1927 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު ފަނޑިޔާރުގޭގައި ސަރުކާރުން ހުޅުވި އެ މަދަރުސާއަކީ ރާއްޖޭގައި ރަސްމީ ތައުލީމުގެ ފުރަތަމަ ބިންގަލެވެ. މަޖީދިއްޔާ ސްކޫލުގެ ނަމަށް އެ ސުކޫލުގެ ނަން ބަދަލުކުރީ 1969 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހުއެވެ.

މަޖީދިއްޔާ ސުކޫލަށް 95 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށް އެސުކޫލުން ވަނީ މި ހިނގާ މެއި މަހު ވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ނިއްމާފައެވެ. އޭގެ ތެރޭގައި އެންމެ ބޮޑު އިވެންޓަކަށް އޮތީ "މަޖީދީ ރަން"ގެ ނަމުގައި ކުރިއަށް ގެންދާ ދިގު ދުވުމެކެެވެ. 95 ގަޑިއިރަށް ދިގު ދެމިގެންދާ އެ ދުވުމުގައި މަޖީދިއްޔާ ސުކޫލުގެ މުސްކުޅި ދަރިވަރުންގެ އިތުރުން ދުވުމުގައި ބައިވެރިވާން ބޭނުން ހުރިހާ ފަރާތްތަކަށް ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.

މިމަހުގެ 13 ވަނަ ދުވަހުގެ ރެއިން ފެށިގެން 17 ވަނަ ދުވަހުގެ ރޭގެ ނިޔަލަށް ކުރިއަށް ގެންދާ އެ ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށައަޅާ ފޯމު މެދުވެރިކޮށް ރަޖިސްޓްރީވުމުން އެ ދުވުމުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް މަޖީދިއްޔާ ސުކޫލުން ބުނެ އެވެ. މި ދުވުމާއި ގުޅޭގޮތުން "ރަސް އޮންލައިން" އަށް މައުލޫމާތު ދެއްވަމުން މަޖީދިއްޔާ ސްކޫލުގެ ފުރަތަމަ އަންހެން ޕްރިންސިޕަލް އައިޝަތު މުހައްމަދު ސޯލިހު ވިދާޅުވީ، އެސޫކުލުން އޮލިމްޕިކް ޓޯޗެއްގައި ފަށާ އެދުވުން މާލޭގެ މަގުތަކުގައި ކުރިއަށް ގެންދާނެ ކަމަށާއި، އެގޮތުން ސާދަ ސަރަހައްދެއްގައި ދުވެ އެ އޮލިމްޕިކް ޓޯޗު ބަދަލުކުރާނެ ކަމަށެވެ. އެއަށްފަހު ދުވުމުގެ ބައިވެރިން ދާނީ ޓްރެކް ދަނޑަށް ކަމަށާއި 95 ގަޑިއިރަށް ދެމިގެންދާ އެ ދުވުން އޭގެ ފަހުން ކުރިއަށްދާނީ ދަނޑުގައި ކަމަށް އައިސްތު ޞާލިހު ވިދާޅުވިއެވެ. ދުވުން ފެށުމަށްފަހު 95 ގަޑިއިރު ދުވާނެ 95 މުސްކުޅި ދަރިވަރުން އެސުކޫލުން ކަނޑައަޅާނެ ކަމަށް އައިސްތު ވިދާޅުވިއެވެ."މާލޭގެ ރޫޓް މާޗް ހިނގާ މަގުތަކުގައި ސްޓޮޕްތަކުގައި އެ އޮލިމްޕިކް ޓޯޗު ބަދަލުކުރާނެ. ފުރަތަމަ ނިކުންނަ ކުއްޖާ ސޯސަންގެއާއި ހިސާބުން ބަދަލުވާނެ އެހެން ކުއްޖަކަށް. އެެހެން ތިބި ކްރައުޑްސް 14 ސޮޕްޓެއްގައި ބައިތިއްބައިގެން ގާތްގަޑަކަށް 200 އެއްހާ މީހުންނާއެކު 13 ވަނަ ދުވަހުގެ ރޭ 10:30ގައި އަޅުގަނޑުމެން ޓްރެކަށް ވަންނަ ގޮތަށް ފަށައިގެން 95 ގަޑިއިރު ވަންދެން ހަަމަ ދުވާނެ އެތެރޭގައި. ރެޖިސްޓްރީ ވެފައި ތިބި ހުރިހާ ބޭފުޅުން ރަޖިސްޓްރީވެފައި ހުރި ގަޑިއަކަށް ދުވެވޭނެ އިންތިޒާމް ޓްރެކް ދަނޑުގައި ހަމަޖެހިފައި ހުންނާނެ." އެ ދުވުން ކުރިއަށް ގެންދާ ގޮތުގެ ތަފްސީލް ހާމަކުރައްވަމުން ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސްކޫލުގެ ފުރަތަމަ އަންހެން ޕްރިންސިޕަލް އާއިޝަތު މުހައްމަދު ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން މަޖީދިއްޔާ ސުކޫލުގެ ޕްރިންސިޕަލް އާއިޝަތު މުހައްމަދު ސާލިޙު، ވިދާޅުވީ އެ ސުކޫލުން ގެންދާ އޮލިމްޕިކް ޓޯޗުން ބޮޑު ޓޯޗެއް ޓްރެކް ދަނޑުގައި ރޯކުރާނެ ކަމަށެވެ. އެ ބޮޑު އޮލިޕިކް ޓޯޗް ރޯކޮށްދެއްވާނީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކަމަށާއި، އޮލިމްޕިކް ޓޯޗް ދުވުމަށް ކަނޑައަޅާފައިވާ ހަތަރު ދުވަސް ވަންދެން ނުނިވި އެ ދަންމަރު ހުންނާނެ ކަމަށް އައިސްތު ވިދާޅުވިއެވެ. އައިސްތު ވިދާޅުވީ އެ ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށް ޚާއްސަކޮށްފައިވާ ޓީޝާޓެެއް ގަންނަންޖެހޭނެ ކަމަށެވެ.

އެޓީޝާޓް ވިއްކައިގެން ލިބޭ ފައިސާ ޚަރަދު ކުރުމަށް ހަމަޖެހިފައިވަނީ މަޖީދިއްޔާ ސުކޫލުގެ ތަރައްގީއަށް މިހާރު ނުކުރެވި ހުރި ކަންކަން ކުރުމަށާއި ޗެރިޓީ ފަންޑަށާއި ސުކޫލު ދަރިވަރުންނަށް ހިންގާ އެކި ކަހަލަ ޕްރޮގުރާމްތަކަށެވެ. މިމަހުގެ 8 ވަަނަ ދުވަހުން ފެށިގެން މި ޓީޝާޓް މަޖީދިއްޔާ ސުކޫލުންނާއި އެދުވުން ކުރިއަށް ގެންދާ ޓްރެކް ދަނޑުން ލިބޭނެ ކަމަށް މަޖީދިއްޔާ ސުކޫލުން މައުލޫމާތުދެއެެވެ.

އެ ދުވުން ކުރިއަށްދާ ހަތަރު ދުވަހުވެސް ޓްރެކް ދަނޑުގައި ހަދާފައިވާ ސްޓޭޖްގައި މަޖީދިއްޔާ ސުކޫލުގެ މުސްކުޅި ދަރިވަރުންގެ ބޭންޑްތަކުގެ މިއުޒިކް ހަރަކާތްތަކެއްވެސް ބޭއްވުމަށް ވަނީ ރާވާފައެވެ. މަޖީދިއްޔާ ސުކޫލުގެ ޕްރިންސިޕަލް އާއިޝަތު މުހައްމަދު ސާލިޙު، ވިދާޅުވީ އެންމެ ފުރަތަމަ އޮލިމްޕިކް ޓޯޗް ހިފައިގެން ދާނީ ރައީސް ސާލިޙުގެ އަރިޙަށް މުލީއާގެ ދޮރު މަައްޗަށް ކަމަށާއި، އެ ހަރާކަތް ނިންމާލުމަށް ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނަށް ދައުވަތު އަރުވާނެ ކަމަށެވެ.

"ރައީސް ބައިވެރިވެވަޑައިގަންނަވާނަމަ އެދުވުމާއި ގުޅިވަޑައިގެންނެވޭ ގޮތަށް އޮތީ. ނޫނީ ދެން ބައިވެރިވެވަޑަައިގަންނަވާނީ އަޅުގަނޑުމެން އަރުވާ ދައުވަތަށް އެންމެ ފަހުގެ 1 ގަޑިއިރު ދުވުމަށް. އެ 1 ގަޑިއިރު ބޮޑަށް ޚާއްސަ ކޮށްފައިވާނީ ދުވެވަޑައިގަންނަވަން ބޭނުންފުޅުވާ ގައުމުގެ ރައީސްކަން ކުރައްްވާފައިވާ ބޭފުޅުންނަށް އެ ފުރުސަތު ދީފައި އޮތީ. އެކަމަކު ރަސްމީކޮށް ޝަރަފުވެރި މެހެމާނަކަށް ވަޑައިންގަންނަވަނީ ރައީސް. އޮލިމްޕިކް ޓޯޗު ނިއްމާލައްވަނީ ރައީސް." އައިސްތު ޞާލިހު ވިދާޅުވިއެވެެ.ދުވުން ނިންމާލުމުގެ ގޮތުން ޓްރެކް ދަނޑުގައި ބާއްވާ ނިންމުމުގެ ރަސްމިއްޔާތުގައި މަޖީދިއްޔާ ސުކޫލު ކުދިން އައިޓަމެއް ހުށައެޅުމަށް ވަނީ ނިންމާފައެވެ.

މަޖީދިއްޔާ ސުކޫލުން އަަހަރީ ދުވަސް ފާހަަގަކުރުމަށް ދެން ރާވާފައިވަނީ ގަސް އިންދުމުގެ ޕްރޮގުރާމެކެވެެ. ހުޅުމާލެ ދެވަނަ ފޭސްގައި ކުރިއަށް ގެންދާ އެ ޕްރޮގުރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެެވެ. "ރަސްއޮންލައިން" އަށް ދެއްވި އިންޓަވިއުގައި ވާހަކަ ދައްކަވަމުން މަޖީދިއްޔާ ސުކޫލުގެ ޕްރިންސިޕަލް އާއިޝަތު މުހައްމަދު ސާލިޙު ވިދާޅުވީ އެޗްޑީސީ އާއި ގުޅިގެން ކުރިއަށް ގެންދާ އެ ޕްރޮގުރާމްގައި 1927 ގަސް އިންދުމަށް ނިންމާފައިވާ ކަމަށެވެ. 1927 ގަސް އިންދަނީ އެއަހަރަކީ މަޖީދިއްޔާ ސުކޫލު އުފެދުނު އަހަރަށް ވާތީ އެ އަދަދަށް ނިސްބަތްކޮށެވެ. އެ ޕްރޮގުރާމަށް އިންދަން ބޭނުންވާ ގަސް ހޯދުމުގެ މަސައްކަތް އެޗްޑީސީ އާއި ގުޅިގެން ކުރަމުންދާ ކަމަށް އައިސްތު ވިދާޅުވިއެވެ.

"މަޖީދިއްޔާ ސުކޫލުގެ ދަރިވަރުން ދާނީ ގަސް އިންދަން، ޓީޗަރުންނާއި ބައިވެރިވާން ބޭނުންވާ ސަރުކާރުގެ އެކި ބޭފުޅުންނަށް ފުރުސަތު އަރުވާފައި އޮތީ. ގަސް ތަކަކީ މަޖީދިއްޔާ ސުކޫލުން އިންދި ގަސް ތަކެއް ކަން ދިގު މުއްދަތަކަށް އެނގޭނެ ކަހަލަ ނިޝާނެއް ބެހެއްޓުމަށް އެޗްޑީސީގައި އެދިފައިވާނީ. އެޗްޑީސީއިން ވިދާޅުވެފައި އޮތީ އެކަން އެގޮތަށް ހަމަޖައްސައިދޭނަމޭ." ރައީސް ސާލިޙުގެ ދައްތާފުޅު އާއިޝަތު ޞާލިހު ވިދާޅުވިއެވެ.

މަޖީދިއްޔާ ސުކޫލަށް 95 އަހަރުން ފުރުން ފާހަގަކުރުމަށް ރަސްމީ ޖަލްސާއެއް ވެސް ބޭއްްވުމަށް ވަނީ ނިންމާފައެވެެ. ރައީސް ސާލިޙު ޝަރަފުވެރި ކޮށްދެއްވާ އެޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުއެެވެ. އެޖަލްސާގައި ޚިދުމަތުގެ އިނާމު ދިނުމާއި ސުކޫލު ކުދިންގެ އައިޓަމްތަކާއި ސުކޫލުގެ ތާރިޚާއި ގުޅޭ ފޮތެއް ނެރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ރާއްޖޭގެ ތައުލީމް އެންމެ ފުރަތަމަ ފެށި ދާރުލް އުލޫމް ހޯލުތެރޭގައި ހިނގާފައި ހުރި ތާރިޚީ ކަންތައްތައް ދައްކުވައިދޭ ޑޮކިއުމަންޓްރީ އެއް ހެދުމުގެ މަސައްކަތް މަޖީދިއްޔާ ސުކޫލުން ދަނީ ކުރަމުންނެވެެ. މަޖީދިއްޔާ ސުކޫލުގެ ޕްރިންސިޕަލް އާއިޝަތު މުހައްމަދު ސާލިޙު، ވިދާޅުވީ އެ ޑޮޮކިއުމަންޓްރީ އަންނަ ޖޫން މަހުގެ މެދެއްހާ ހިސާބުގައި ނިންމާލެވޭނެ ކަމަށެވެ.

"އެ ޑޮކިއުމަންޓްރީ ނެރެން ރަސްމިއްޔާތެއް ބާއްވާނެ. އަދި މަޖީދިއްޔާގެ ދާރުލް އުލޫމް ތެރެއިންނާއި އޯޑިއޯކޮށް އެކިތަންތަނުން ފެންނާނެ އަޑުއިވޭނެ އިންތިޒާމް ހަމަޖައްސާނަން." އައިސްތު ވިދާޅުވިއެވެެ.

މަޖީދިއްޔާ ސުކޫލަށް 95 އަހަރު ފުރުން ފާހަގަކުރުމަށް ޚާއްސަ އެސެމްބްލީ އެއް ވެސް ވަނީ ބާއްވާފައެެވެ. އެ އެސެމްބުލީގައި 100 އަހަރުގެ ކައުންޑައުން ވަނީ ފަށާފައެވެ. މީގެ އިތުރުން މަޖީދިއްޔާގެ ތާރިޚުގެ އުސްއަލިތައް އެކުލެވިގެންވާ ކޮފީ މޭޒު މަތީގައި ބަހައްޓާ ފޮތެއް އެ ސުކޫލުން ވަނީ ނެރެފައެވެ. ސުކޫލާ ބެހޭ ގޮތުން ދަރިވަރުންނާއި ޓީޗަރުން ދެކޭ ގޮތް ހާމަކޮށް އަހަރީ ފޮތެއްް ވެސް ނެރުނެވެެ.

ތަޢުލީމު އުނގަންނައިދިނުމުގެ އެންމެ އުސް ކުރިބޯށިއާއި ހަމައަށް ވާސިލުވެފައިވާ ރާއްޖޭގެ އެންމެ އަލިގަދަ ތަޢުލީމީ ދަންމަރު ސަތޭކަ އަހަރުގެ ތާރީޚު ގުނަންފަށާފައި މިވަނީ އެއަލިގަދަ ދަންމަރުގައި މިއަދު ހިއްޕަވައިގެން އެންމެ ކުރީގައި ހުންނެވި އެސްކޫލްގެ މުޅި ތާރީޚު ބަދަލުކޮށްލި ފުރަތަމަ އަންހެން ޕްރިންސިޕަލް، އައިޝަތު މުޙައްމަދު ޞާލިޙާއި އެކުގައެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެތަކެއް ތަޖުރިބާކާރު ޕްރިންސިޕަލުން ހިންގާފައިވާ މަޖީދިއްޔާ ސްކޫލްގެ ތާރީޚު ބަދަލުކޮށްލުމުގެ ފުރުސަތު ލިބިވަޑައިގެންނެވި އިރު އައިޝަތު މުހައްމަދު ޞާލިހު ހުންނެވީ ތާޖުއްދީން ސްކޫލްގެ ޕްރިންސިޕަލަކަށެވެ. އައިސްތުއަށް ސަރުކާރުން ދެއްވި މި ފުރުސަތު ފުރަތަމަ ޝޮކަކަށް ވީ ފަދައިން، ތާޖުއްދީން ސްކޫލްގެ ބެލެނިވެރިންނަށް ވެސް އެކަންވީ ހަމަ ޝޮކަކަށެވެ. އެސްކޫލްގެ ބެލެނިވެރިންގެ އިތުބާރާއި އިހުތިރާމާއި ލޯބި އައިސްތުއަށް އޮތްކަން އެނގުނު އެއް ހާދިސާއަކީ އެސްކޫލާއި އެކަމަނާ އެންމެ ހިނދުކޮޅަކަށް ވެސް ވަކިވާން އެބެލެނިވެރިން ނޭދޭކަށް އެމީހުންގެ އަމަލާއި ބަހާއި ހިތާ ރޫހުން ދައްކާލި ތާރީޚީ ހާދިސާއެވެ. ހަމަ އެގޮތަށް މިއަދު މަޖީދިއްޔާ ސްކޫލްގެ ތާރީޚު ބަދަލުކޮށްލައްވައި އެސްކޫލް ހިންގުމުގެ މުގުލުގައި ހުންނަވައިގެން އައިސްތު ކުރިއަށް އެވަޑައިގަންނަވަނީ ވެސް އެސްކޫލްގެ ބެލެނިވެރިންނާއި ސްކޫލްގެ މުސްކުޅި ދަރިވަރިންގެ އިހުތިރާމާއި ލޯތްބާއި އެކުގައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން