މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާ
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާ
މިދިޔަ ޑިސެންބަރު މަހު ޢާމްދަނީގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ބުނެފިއެވެ.

މީރާއިން ބުނީ މިދިޔަ ޑިސެންބަރުމަހު 2.03 ބިލިއަން ރުފިޔާ ޢާމްދަނީގެ ގޮތުގައި މީރާއަށް ބަލައިގެންފައިވާ ކަމަށެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 95 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއީ ޑިސެންބަރުމަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 45 އިންސައްތަ އިތުރު އަދަދެއް ކަމަށްވެސް މީރާއިން ބުނެއެވެ.

މީރާއިން ބުނީ ފާއިތުވެ ދިޔަ އަހަރުގެ ޑިސެންބަރުގައި ލިބުނު އާމްދަނީ އިތުރުވެފައިވާ މައިގަނޑު ސަބަބަކީ, ޖީ.އެސް.ޓީ، އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުމުން ކަމަށެވެ. މީގެއިތުރުން ޑިސެންބަރު މަހު ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ޢާމްދަނީ ލިބިފައިވުމަކީ ވެސް ޢާމްދަނީ އިތުރުވި ސަބަބެއް ކަމަށް މީރާއިން ހާމަކޮށްފައިވެއެވެ.

ހުސްވި އަހަރުގެ ޑިސެންބަރު މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ. އެވެ. އެއީ 952.77 މިލިއަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 485.44 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 153.60 މިލިއަން ރުފިޔާ އާއި އިންކަމް ޓެކްސްގެ ގޮތުގައި 95.69 މިލިއަން ރުފިޔާ މީރާ އަށް ބަލައިގެންފައިވެއެވެ.

މީރާއިން ބުނީ މިދިޔަ ޑިސެންބަރު މަހު 105.48 މިލިއަން އެމެރިކާ ޑޮލަރުވެސް ޢާމްދަނީގެ ގޮތުގައި ބަލައިގެންފައިވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން