މާދަމާ އިން ފެށިގެން އަވަށްޓެރި ސްރީލަންކާގެ ގްރޭޑް 6 އިން 9 އާއި ދެމެދުގެ ގްރޭޑް ތަކުގެ ދަރިވަރުން ސްކޫލަށް ހާޒިރުވެ ކިޔަވާގޮތަށް ހުޅުވާލަން އެގައުމުގެ ތަޢުލީމީ ވުޒާރާއިން ނިންމައިފިއެވެ.


ލަންކާގެ ސްކޫލުތަކުގެ ބައެއް ގްރޭޑް ތަކުގެ ކިޔެވުން މާދަމާ ހުޅުވާލަން ނިންމައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެޑިޝަނަލް ސެކްރެޓަރީ އޮފް ސްކޫލް އެފެއާޒް އެލް.އެމް.ޑީ ދަރްމަސޭނާ ވިދާޅުވީ ތައުލީމީ ހަރަކާތްތައް ކުރިއަށް ދާނީ ސިއްހީ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

މީގެއިތުރުން ސްކޫލުން ގެއަށް އަދި ގެއިން ސްކޫލަށް ދަތުރުކުރާއިރު ވައިރަސްއާ ކޮންޓެކްޓް ނުވާނެ ފަދައިން ދަތުރުފަތުރުކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވެސް ދަރްމަސޭނާ ވިދާޅުވިއެވެ.

ސްކޫލްތައް ހުޅުވާލާއިރު ހެލްތު މިނިސްޓްރީން ވަނީ ކޮވިޑް-19 ގެ ކޭހެއް ސްކޫލުން ފާހަގަވެއްޖެނަމަ އަމަލުކުރަންޖެހޭ ގައިޑްލައިން ވެސް އާންމުކޮށްފައެވެ. އެގޮތުން މިކަހަލަ ކޭހެއް ފާހަގަވެއްޖެ ނަމަ އެ ދަރިވަރަކު ނުވަތަ މުވައްޒަފަކު އައިސޮލޭޝަން ރޫމްގައި އެކަހެރި ކުރެވޭނެ ކަމަށާއި، އެއަށް ފަހު އާއިލާއަށް އެކަން އަންގަންވާނެކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

އަދި މިކަހަލަ ކޭހެއް ކުރިމަތިވެއްޖެ ނަމަ އެ ދަރިވަރަަކު ނުވަތަ މުވައްޒަފަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތްތައް ދެނެގަންނަން ޖެހޭނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ނެރުނު ގައިޑްލައިންގައި ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން، ސްކޫލުގެ މުވައްޒަފަކު ނުވަތަ ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެނަމަ، އެ މުވައްޒަފަކު ނުވަތަ ދަރިވަރަކު 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަންޖެހޭނެކަމަށް ހެލްތު މިނިސްޓްރީން ނެރުނު ގައިޑްލައިންގައި ބުނެފައިވެއެވެ. އަދި ކޮވިޑަށް ޕޮސިޓިވްވީ ފަރާތަކާ ޑައިރެކްޓް ކޮންޓެކްޓް ވެއްޖެނަމަ، އެ ކޮންޓެކްޓް ވި ފަރާތުން 10 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަންޖެހޭނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ނެރެފައިވާ ގައިޑްލައިންގައި ވެއެވެ. މި ގޮތަށް ވެއްޖެނަމަ، ކަރަންޓީނުގެ މުއްދަތު ފުރިހަމަކޮށް ނެގެޓިވް ޕީސީއާރ ނަތީޖާއަކާ އެކީ އަނބުރާ ސްކޫލަށް ދެވޭނެކަމަށް ލަންކާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ލަންކާގެ ސްކޫލުތައް ބަންދުކޮށް ކްލާހަށް ކުދިން ހާޒިރުވެގެން ކިޔަވައި ދިނުން ހުއްޓާލާފައިވަނީ އެ ގައުމުގައި ކޮވިޑް-19 އިންތިހާއަށް ފެތުރެމުން ދިއުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު