ރާއްޖޭގެ ހާރިޖީ ވަޒީރު އަދި އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު، އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެންއާ ބައްދަލުކުރައްވައިފިއެވެ.

މިއީ އެމެރިކާގެ އައު ސަރުކާރުގެ ހާރިޖީ ވަޒީރާއެކު، ރާއްޖޭގެ ހާރިޖީ ވަޒީރު ބޭއްވެވި ފުރަތަމަ ބައްދަލުކުރެއްވުމެވެ. ޝާހިދު، އެމެރިކާގެ ހާރިޖީ ވަޒީރާއެކު ބޭއްވެވި މިބައްދަލުވުމަކީ އދގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ބޭއްވެވި ބައްދަލުވުމެކެވެ.
ޝާހިދު ވިދާޅުވީ އެމެރިކާއިން އެމަނިކުފާނުގެ ރިޔާސަތަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ބްލިންކެން ދެއްވިކަމަށެވެ. މީގެއިތުރުން ކޯވިޑާއި މޫސުމީ ބަދަލުތަކާއި ގުޅޭގޮތުން މިބައްދަލުވުމުގައި މަޝްވަރާކުރެވުނުކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އެމެރިކާގެ ހާރިޖީ ވަޒީރުގެ އިތުރުން މިނިސްޓަރ ޝާހިދު ވަނީ އެރަބް ސްޓޭޓްގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު އެބޯގެއިޓްއާވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ގުޅިގެން މަސައްކަތްތައް ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
އދ 76 ވަނަ އާއްމު މަޖިލިސް ފަށައިގެން ކުރިއަށްދާއިރު، މިދައުރުގެ ރިޔާސަތު ބަލަހައްޓަވަނީ ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއެވެ.

ކިޔުންތެރިންގެ ހިޔާލު