ތެލެސީމިއާ ބަލި ހުންނަ ކުދިންގެ ފުރިހަމަ ދުޅަހެޔޮކަމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައިވަނީ ތެލެސީމިއާ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ތެލެސީމިއާ ކުދިންގެ ދުޅަހެޔޮކަމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވެފައިވާއިރު، މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު ތެލެސީމިއާގެ ފަރުވާ ރަނގަޅުކުރުމަށް ދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ނެވެ.

އެގޮތުން އާސަންދައިގެ ދަށުން ތެލެސީމިއާ ކުދިންނަށް ފަރުވާ ދޭން ހާއްސަ ހޮސްޕިޓަލެއް ގާއިމްކުރަން ސަރުކާރުންވަނީ ނިންމާފައެވެ. އަދި ތެލަސީމިއާ ހުންނަ ކުދިންނަށް ބޭނުންވާ ބޭހާއި ފަރުވާ އާސަންދަ މެދުވެރިކޮށް ހިލޭ ލިބޭނެ އިންތިޒާމުތައްވެސް ވަނީ ހަމަޖައްސާފައެވެ. ހަމައެހެންމެ ތެލެސީމިއާ ކެރިއަރެއްތޯ ބެލުމަށް ހަދާ ޑީއެންއޭ ޓެސްޓް އާސަންދަ މެދުވެރިކޮށް ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށް މިސަރުކާރުން ވަނީ ނިންމާފައެވެ.



ރައީސް މުއިއްޒު ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ތެލަސީމިއާ ކުދިންނަށް ޢިނާޔަތްދޭން ނިންމަވާފައިވާކަމަށްވެސް މީގެ ކުރީން ވިދާޅުވެފައެވެ.

މީގެއިތުރުން، ސަރުކާރުން މިއަހަރު ވަނީ ތެލެސީމިއާއަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕޭނެއްވެސް ފަށާފައެވެ. މި ކެމްޕޭންގެ މަގުސަދަކީ ތެލެސީމިއާ އާއި ގުޅިގެން ލޭއަޅާ ކުދިން އުފަންވާ ނިސްބަތް ކުރިއަށް އޮތް 10 އަހަރުގެ ތެރޭގައި 50 އިންސައްތައަށް ދަށްކުރުމެވެ.

ތެލަސީމިއާ ބައްޔަށް 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަރުވާ ހޯދަމުންދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން