މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމް، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގ ލިޒިންއާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސް ޝީ ޖިން ޕިންއާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހު އެއްބަސްވެވަޑައިގެންފައިވާ ގޮތަށް ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ސިއްހީ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ހެލްތު މިނިސްޓަރާއި ޗައިނާ ސަފީރު މަޝްވަރާކުރެއްވިއެވެ.


މިބައްދަލުކުރެއްވުމުގައި ޗައިނާއިން ރާއްޖެއަށް ހަދިޔާކުރުމަށް ނިންމާފައިވާ 4 ލައްކަ ވެކްސިން ޑޯޒް ވަރަށް އަވަހަށް ރާއްޖެއަށް ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށް ޗައިނާ ސަފީރު ވިދާޅުވިއެވެ.



މިދިޔަ ޖުލައިމަހު ރައީސް ސާލިހު ވަނީ ޗައިނާގެ ރައީސް ޝީ ޖިން ޕިންއާ ފޯނުން ގުޅުއްވާ މަޝްވަރާތަކެއް ބާއްވަވާފައެވެ. އެ ފޯނުކޯލުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ޗައިނާއިން މުޅި ދުނިޔެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ހަމަ އެއާއެކު އެމަނިކުފާނު ވަނީ ދިވެހިރާއްޖެއަށްވެސް ސިނޯފާމް ވެކްސިން ޗައިނާއިން ހަދިޔާ ކުރައްވާފައިވާތީ އެކަމަށްޓަކައި ޗައިނާގެ ރައީސަށާއި، އެޤައުމުގެ ސަރުކާރަށް އިޚުލާސްތެރިކަމާއެކު ޝުކުރުއަދާކުރައްވާފައެވެ.

މި ފޯނުކޯލުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޗައިނާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ ކުރިއަށް އޮތް އަހަރު 50 އަހަރު ފުރޭއިރު، މިހާތަނަށް ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިޔަށްގެންދާ އަދި ހިންގާފައިވާ ބައެއް މަޝްރޫޢުތައް ފާހަގަކުރައްވައި، ކުރިމަގުގައިވެސް ޗައިނާގެ އެހީތެރިކަން އެގޮތުގައި ލިބެމުންދާނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްހުމްހޫރިއްޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު