ބޮމުގެ ހަމަލާއަށް ފަރުވާ ހޯއްދެވުމަށް ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖަރުމަންވިލާތަށް ވަޑައިގެންނެވިފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު، އެމަނިކުފާނަށް ގުޅުއްވާފައިނުވާކަން ހާމަވެއްޖެއެވެ.

މެއި މަހުގެ 6 ވަނަ ދުވަހުގެރޭ މާލޭގައި ދިން ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކާ ގުޅިގެން އިތުރު ފަރުވާ ހޯއްދެވުމަށް ރައީސް ނަޝީދު ޖަރުމަންވިލާތަށް ވަޑައިގެންނެވީ މޭމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ޖަރުމަންވިލާތުން ފަރުވާ ހޯއްދެވުމަށްފަހު ރައީސް ނަޝީދު މިހާރު ހުންނެވީ އިނގިރޭސިވިލާތުގައެވެ.

ރައީސް ނަޝީދުގެ އަރިސް ބޭފުޅެއްކަމަށްވާ، ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެއް) ވިދާޅުވީ ރައީސް ނަޝީދު ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވިފަހުން އެމަނިކުފާނުގެ ހާލުކޮޅު ބައްލަވާލަންވެސް، ރައީސް ޞާލިހު ގުޅުއްވާފައިނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިކަމަށެވެ. އަދި އެވާހަކަ އަޑުއިވުމުން ހައިރާންވެ ވަޑައިގެން، ވަރަށް ބޮޑަށް ދެރަވެއްޖެކަމަށްވެސް ދޮންބިލެއް ވިދާޅުވިއެވެ.



ރައީސް ނަޝީދުގެ ހާލުކޮޅު ބައްލަވާލައްވަން ރައީސް ޞާލިހު ނުގުޅުއްވާކަމަށް ދޮންބިލެއް ވިދާޅުވެފައި މިވަނީ ރައީސް ޞާލިހާއި ރައީސް ނަޝީދުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އެކަމުގެ ސަަބަބުން އެމްޑީޕީގެ ތެރޭގައި ރައީސް ޞާލިހަށް ތާއީދުކުރާ ފެކްޝަނަކާއި ރައީސް ނަޝީދަށް ތާއީދުކުރާ ފެކްޝަނެއް ވަނީ އުފެދިފައެވެ. އަދި ސަރުކާރާއި ދެކޮޅަށް އެމްޑީޕީގެ ތެރެއިން ބަޔަކު މަސައްކަތްކުރަމުންދާއިރު، އެ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އެޅުމަށްވެސް ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ރައީސް ނަޝީދު ދާދިފަހުން ވަނީ ރައީސް ޞާލިހާއެކު އޮތް ސިޔާސީ ގުޅުން ކަނޑުއްވައި ލެއްވިކަން ވެސް އިޢުލާން ކުރަށްވާފައެވެ. އަދި އެމަނިކުފާނު ހުންނެވީ ސަރުކާރާ ދެކޮޅު ފަރާތްތަކާ ގުޅިވަޑައިގެންވެސް މަސައްކަތް ކުރަށްވާން ކަމަށް ވެސް ހާމަކުރަށްވާފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން