ސްޓެލްކޯ ބިލްޑިންގް | ފޮޓޯ: ރަސް
ސްޓެލްކޯ ބިލްޑިންގް | ފޮޓޯ: ރަސް
19 ވަނަ އޭޝިއަން އެޗްއާރު ލީޑާރޝިޕް އެވޯޑްސްގެ "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިންގ" ގެ އެވޯޑް ސްޓެލްކޯއަށް ލިބިއްޖެ އެވެ.

މި އެވޯޑަކީ 72 އަހަރުގެ ހިދުމަތުގެ ރެކޯޑްއޮތް ސްޓެލްކޯ ކުރިއަރާ ގޮސްފައިވާ ގޮތާއި، އެކުންފުނިން ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތަކާއި، ހޯދަމުންދާ ކުރިއެރުންތަކަށް ބިނާކޮށް ދީފައިވާ އެވޯޑެކެވެ. އެގޮތުން މިއެވޯޑު އެކުންފުންޏަށް ދިނުމުގައި މާލޭގެ އާބާދީއާއި، އުމްރާނީ ތަރައްގީއާއި އެއްކޮށް އަންނަމުންދާ ހިފެހެއްޓުމެއްނެތް ކަރަންޓުގެ ޑިމާންޑަށް ކޭޓާ ކުރުމަށް ސްޓެލްކޯއިން ނަމޫނާ ދައްކާފައިވާތީއާއި، ޖާގައިގެ ދަތިކަމާއެކުވެސް، ސްޓެލްކޯއަށް ލިބިފައިވާ ބިމުގެ އެކިދިމަދިމާގައި ޖަނަރޭޓަރު ބަހައްޓައިގެން އެ އަރަމުންދިޔަ ޑިމާންޑަށް ކޭޓާ ކުރުމަށް ކޮށްފައިވާ މަސައްކަތްވެސް ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން މީހުން ބިނާ ކުރުމުގެ ރޮނގުން ސްޓެލްކޯއިން ކުރަމުންދާ ފުރިހަމަ މަސައްކަތްތަކާއި، ކޮވިޑްގެ ހާލަތުގައި ވަޒީފާގެއްލިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ދުވަހު މުސާރައަށް މިނިވަން މަސައްކަތްތެރިންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލުމާއި، ޕެރޯލްގައި ތިބި ބައެއް ފަރާތްތައް ރަނގަޅުގޮތުގައި އަނބުރާ މުޖުތަމައަށް ނުކުތުމަށް އެހީތެރިވުމަށް އެފަރާތްތަކަށް ސްޓެލްކޯގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމާއި، ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ކުންފުނީގައި އަދާކުރެވިދާނެ ފަދަ ވަޒީފާތައް އެފަދަ ފަރާތްތަކަށް ތަނަވަސްކޮށްދިނުމުގެ އިތުރުން، ކުންފުނީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަކީ ދިވެހިންނަށްވުންވެސް އެކުންފުންޏަށް މިއިނާމު ދިނުމުގައި ފާހަގަކޮށްފައި ވެއެވެ.

14 ކިލޯވޮޓްގެ ޖަނަރޭޓަރަކުން ފަށައިގެން، 200 މެގަވޮޓާއި ގާތްކުރާ އަދަދެއްގެ ކޮމްބައިންޑް ކެޕޭސިޓީއެއް ސްޓެލްކޯއިން ވަނީ ގާއިމްކޮށްފަ އެވެ.

އަދި ކުންފުންޏަށް އިތުރު އާމްދަނީ ހޯދުމުގެ ގޮތުން، އިސްތިހާރު ކުރުމަށް ރާއްޖޭގެ އެންމެ ބޮޑު އެއް ސްކްރީން (ސްޓެލްކޯ މާޓީވީ) ބެހެއްޓުމާއި، ސްޓެލްކޯ ސޭލްސް ސެންޓަރުގެ ޚިދުމަތާއި، ސޯލާ ޕެނަލް ވިއްކުމަށް ހުޅުވާފައިވާ ސްޓެލްކޯ ގްރީންލައިފް ސޯލާ ސެންޓަރާއި، ސްޓެލްކޯ ގްރީންލައިފް ބަސް ސްޓޮޕާއި، ސްޓެލްކޯ ފްލޯޓިންގ ސޯލާ ޕޮޑްގެ އިތުރުން، ކަސްޓަމަރުންނަށް އެންމެ ހެޔޮއަގުގައި ބޯފެން ފޯރުކޮށްދިނުމަށް "ސްޓެލްކޯފެން" ބާޒާރަށް ނެރުންވެސް ހިމެނެ އެވެ.

މީގެ އިތުރުން ކޮވިޑްގެ ހާލަތުގައި ކުންފުނީގެ ހިދުމަތް މެދުނުކެނޑި ކަސްޓަމަރުންނަށް ދިނުމާއި، މުވައްޒަފުންގެ ރައްކާތެރިކަމާއި، ކަސްޓަމަރުންގެ ރައްކާތެރިކަމަށް ކުންފުނިން ކޮށްފައިވާ މަސައްކަތްތަކާއި، މުޅި ކުންފުނީގެ ހުރިހާ ހިދުމަތެއް ބައިނަލްއަގުވާމީ މިންގަނޑެއް ކަމުގައިވާ އައި.އެސް.އޯ 9001:2015 އަށް ސެޓިފައި ކުރުމާއި، ސްމާޓްމީޓަރާއި، ސްމާޓް ގްރިޑްފަދަ ކުރިއަރާފައިވާ ޓެކްނޮލޮޖީތައް ކުންފުނިން ބޭނުންކުރަން ކުރަމުންދާ މަސައްކަތްތައް މީގެ ތެރޭގައި ހިމެނެ އެވެ.

19 ވަނަ އޭޝިއަން އެޗްއާރު ލީޑާރޝިޕް އެވޯޑްސްގެ "އެވޯޑް ފޯ އިންސްޓިޓިއުޝަން ބިލްޑިންގ" ގެ އެވޯޑް ސްޓެލްކޯއަށް ލިބިފައިވާއިރު، ކުންފުންޏަށް 2019 ވަނަ އަހަރު މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑާއި، ސީއެމްޑީއިން ދޭ ކޯޕަރޭޓް ގަވަރނެންސް އެންމެ ރަނގަޅު ކުންފުންޏަށްދޭ "ސީޖީ އެފޯޓްސް އެވޯޑް" އާއި، އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސްގެ އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑާއި، ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" އެވޯޑްވެސް ވަނީ ލިބިފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން