ޞާދިރު ޢަލީދީދީ   10 ޖުލައި 2021 - 10:5
ބޯގަންވިލާ
ބޯގަންވިލާ
26 ވަނަ ބައި
................

"އެއްވެސް މީހަކު މީހުންއުޅޭ މަޖިލިސްތަކުގައި ތިފޮތިގަނޑު ނުނަގާތި....އިހަށް އަހަރެން ގޮސްލަނީ...." ޒަހީރާ ހިނގައިގަތެވެ. ޒަހީރާ ގެއިން ނުކުތްތަނާ ދެން ފެނުނީ އަމީނު އައިސް ކޮޓަރިއަށް ވަންތަނެވެ. އޭނާގެ މޫނުމަތިން އުފާވެރިކަމުގެ ކުޑަވެސް އަސަރެއް ފާޅެއް ނުވެއެވެ. ހީވަނީ ކޮންމެވެސް ކަމަކާ ހާސްވެ ކަންބޮޑުވެފައި ވާހެނެވެ.

"އަމީނު ސާރާ ވިހެއީ ފިރިހެން ކުއްޖެއް. އަރިމަތިން ބަލާލާއިރު ހީވަނީ ކުޑަކުޑަ އަމީނެއްހެން." އަމީނު ވަނުމާއެކު ތޮއްޔިބު ހިތުން އޭނާ އެދިނީ އުފާވެރި ޚަބަރެކެވެ.

"އަހަރެން ދެނަހުރިން ފިރިހެން ކުއްޖެއްކަން...." ކޮޓަރިއަށް ވަންނަމުން އަމީނު އެޚަބަރު އާނޫންކަން އެންގިއެވެ. ކޮޓަރިއަށް ވަދެ އެނދުގައި ނިދިފައި އޮތް ދަރިފުޅަށް ބަލައިލުމުގެ ބަދަލުގައި އޭނާ ބަލާލީ ސާރާއަށެވެ. ސާރާ އޮތީ އެނދުގެ ފަޑީގައި ލެނގިލައިގެން ހިނިއައިސްފައެވެ. ތެދުތެދަށް ބުނާނަމަ ސާރާ އޮތީ އިންތިހާއަށް އުފާވެފައެވެ. މިހާރު ދުނިޔެއިން އޭނާ ބޭނުންވި ހުރިހާ ހިތްހަމަޖެހުމެއްވެސް އޭނާއަށް ލިބިއްޖެ ކަމުގައި އޭނާ ދެކޭކަހަލައެވެ.
"އަމީން....ކޮންތާކުން ތިއައީ. އަހަރެން އަމީނަށް އެންމެ ބޭނުންވީ ވަގުތު ކޮންތާކު ހުރެފަތަ ތިއައީ...." ސާރާ ޝަކުވާގެ ރާގުގައި އެއްސެވެ.
"އަހަރެން ސާރާއާ ދުރަކަށް ނުދަން. ހުރިހާ ވަގުތެއްގައިވެސް އަހަރެން ސާރާއާ ވަރަށް ގާތުގައި ހުރިން.....ވިހޭއިރުވެސް ސާރާއާ އެންމެ ގާތުގައި ހުރީ އަހަރެން." އަމީނު ސާރާގެ އަތުގައި ހިފައި އަތަށް ފިސާރި ލޯތްބާއެކީ ފިތާލިއެވެ.

"ތީ ދޮގެއް އަމީނު މިސަރަހައްދަކުވެސް ނެތް...." ސާރާ ކުސްތަޅައިގަތެވެ.
"ތިޔައީ ދޮގެއް....ސާރާއާ އެންމެ ގާތުގައި ހުރީ އަހަރެން. ސާރާއަށް އަހަރެން ހުރިކަމުގެ އިޙްސާސްވެސް ކުރެވެންވާނެ." އަމީނު އެނދުގެ މަގަތުގައި އިށީނެވެ.
"ތިބުނީ؟ އަމީނުގެ ތިޔަ އިޝާރާތެއް އަހަންނަކަށް ނުވިސްނޭ...." ސާރާ އަމީނު އާ ހަތަރުކަޅި ހަމަކޮށްލިއެވެ.

"ނުވިސްނުނުދޯ؟ އަހަރެންގެ އެތެރެހަށީގައިވާ ހިތަކީ ސާރާގެ ހިތް. ސާރާގެ އެތެރެހަށީގައިވާ ހިތަކީ އަހަރެންގެ ހިތް. ދެން ކޮބައިތަ އަހަރެން ސާރާއާ ދުރުވެފައި....ހަމަގައިމުވެސް ހިނދުކޮޅަކަށްވެސް ހިތެއް ސާރާއާ ދުރަކަށް ނުދާނެ...." އަމީނުގެ ވާހަކައާއި ރޭވުންތެރިކަން ކިތަންމެހާވެސް މޮޅެވެ. އަމީނުގެ އެޖުމްލައާއެކު ސާރާއަށް ލިބުނު އުފަލާއި ހިތްހަމަޖެހުމާއެކު ނިކަން ބާރަށް ހީގަނެވުނެވެ. އެވަގުތު މަންމަ ހުސްނާ އައިސް އެހާ އަވަހަށް ހީސަކަރާތް ނުޖެހުމަށް އެދެމަފިރިންނަށް މަޝްވަރާދިނެވެ.

"އަމީނު.....ނުވޭތަ ދަރިފުޅު އުރާލާހިތެއްވެސް." އަމީނު އެކަންޏެއް ނޫނެވެ. އެކަކުވެސް އަދި އެދަރިފުޅު ނޫރައެވެ. އެންމެންވެސް އެތިބެނީ ބޭކެނބި ޒަހީރާގެ ނަސޭޙަތް އަޑުއަހައިގެންނެވެ. އެމީހުންނަށް ދަރިފުޅުގެ ފެންނަނީވެސް ކަނާތްފަރާތް އެކަންޏެވެ. ވާތްފަރާތް އޮތީ މޫނާއި (މޫނުގެވެސް އެއްފަރާތް) އެކު ހުދުފޮތިގަނޑަކުން ނިވާކޮށްފައެވެ.

"އުރާލާހިތް ކިތަންމެވިޔަސް....ނެތެއްނު އުރޭކަށް ޒަހީރާ ދައްތަ އަހަރެން ގާތުވެސް ބުންޏޭ އެސޮރު އޮތް ގޮތަށް ބާއްވާށޭ." އަމީން ދަރިފުޅުގެ މޫނުގެ ފެންނަން އޮތް ތާނގައި ބޮސްދިނެވެ. އޭރުވެސް ދަރިފުޅު އޮތީ ނިދާ ހަރުވެފައެވެ.
"ކީއްވެބާ ޒަހީރާ ދައްތަ އެހެން އެބުނީ؟" ސާރާގެ ހިތުގައި ސުވާލު އުފެދުނެވެ.
"ވެދާނެ ދަރިފުޅު ބަލީ ކަމަށްވެސް. އޭނާ އެދިޔައީ ނުތަޅުވާށޭ ބުނެފައި. އެއްވެސް މީހަކު ދަރިފުޅު ގައިގަ އަތްލައިގެން ނުވާނެ." އަމީން ދަރިފުޅުގެ މޫނުގައި ލޯބިކޮށްލިއެވެ. އަމީނު މިހެން ބުނީމާ ތޮއްޔިބު އަނގަކަހާލިއެވެ.

"ތިހެންވީއިރު އަމީނުވެސް އަތްނުލާ. އަމީނުވެސް ވާނީ ހަމަ މީހަކަށޭ." ތޮއްޔިބުގެ މިޖުމްލައިން އަމީނުގެ ތުންފަތާ ކުޅެލީ ސިއްރުން ފުރިގެންވާ ހިނިތުންވުމެކެވެ.

"އަސްލު އަހަރެން ނުވާނެޔޭ މީހަކަށްދޯ ދަރިފުޅާ؟" އަމީނުދޯ ދިނީ ނިދާފައި އޮތް ދަރިފުޅަށެވެ. އެއަށްފަހު އޭނާ ނިކަން ބާރަށް ހީގަތެވެ.
"އާނ...އަމީނު ދައްކާ ވާހަކަ އެންމެ ރަނގަޅަށް އެނގޭނީ ތިކުއްޖާއަށްވިއްޔަ....އޭތް....ދެން މިވަގުތު އަހަރެން ގޮސްލީއޭ.....އަޒުމާ މިހާރު އުޅޭނެ އަހަރެންވީ ތަނެއް ނޭނގިގެން...." ތޮއްޔިބު ނުކުންނަން ހިނގައިގަތެވެ.
"މަންމާ ތޮއްޔިބަށް ކޮންމެވެސް އެއްޗެއްދީފަ ފޮނުވަބަލަ." ސާރާ ތޮއްޔިބު ހުއްޓުވަން މަސައްކަތް ކުރިއެވެ.

"ދެން އެހެން ފަހަރަކުން....މިހާރު ވަގުތެއްނެތް." ތޮއްޔިބު ނުކުތެވެ.
"އަހަންނަށްވެސް ދަރިފުޅު އުރާލާހިތުން ހުރެވެނީކީ ނޫން. ޒަހީރާ ކިތަންމެ ބުންޏަސް ދަރިފުޅު އަބަދަކު އެގޮތަކަށް ނުބޭއްވޭނެއެއްނު." އަމީނުގެ މަންމަ ރަޒިއްޔާއަކަށްވެސް ހިމޭނަކުން ނުހުރެވުނެވެ. އޭނާ އުޅުނީ ދަރިފުޅު ފުރޮޅާލާށެވެ. ނަމަވެސް އަމީނު މާހުޝިޔާރެވެ. އޭނާ މަންމަގެ އަތުގައި ހިފެހެއްޓިއެވެ.
"މަންމާ ޒަހީރާ ދައްތަ އެހެން ބުނާނީ ކޮންމެވެސް ކަމެއްވީމައެއްނު. އިހަށް ދަރިފުޅު ބާއްވަބަލަ." އަމީނު އުޅެގަތްގޮތުން ހީވަނީ އެދަރިފުޅުގެ ވާތްފަރާތުގައި ސިއްރުން ފުރިގެންވާ ސިފައެއްހުރީ ކަމުގައެވެ. ނަމަވެސް އެފަދަ ކަމަކަށް އެކަކުވެސް ޝައްކެއް ނުކުރެއެވެ.

"އަމީން.....ދަރިފުޅަށް ކިޔާނެ ރީތި ނަމެއް މިހާރު ފާސްވެއްޖެތަ؟" ސާރާ ހަނދާންކޮށްދިނެވެ.
"އާނ. އައިމަން." މިއީ މާކުރިއްސުރެންވެސް އަހަރެން ޚިޔާލުކޮށްފައިވާ ނަމެއް. މިނަން ރީތިދޯ މަންމާ...." އަމީނު ދަރިފުޅަށް އޭނާ ކިޔަން ބޭނުންވާ ނަން ހާމަކުރުމަށްފަހު މަންމައަށް ދޯދިނެވެ. ރަޒިއްޔާ ބޯޖަހާލިއެވެ.
"އައިމަން." ވަރަށް ރީތިނަމެއް ތިޔަބުނީ." ސާރާއަށްވެސް އެނަން ކަމުދިޔައެވެ. އެހެންކަމުން އެންމެންގެ ޚިޔާލު އެއްގޮތްވުމުން އެދަރިފުޅަށް އައިމަން ކިޔަން ނިންމީއެވެ.

ތޮއްޔިބުގެ ޚިޔާލުތައް ސިކުނޑިއަށް ފައިދާވުމާއެކު ސޯބިރާގެ ދެލޮލުން ކަރުނަ ހިލިގަތެވެ. އޭނާގެ ހިތް އަހާކަހަލައެވެ. ތޮއްޔިބު އޭނާގެ އިޝާރާތަށް އާނ ބަސް ނުބުނީ ކީއްވެގެން ހެއްޔެވެ؟ އަޒުމާގެ ހުރީ އޭނާގެ ކިބައިގައި ނެތް ކޮން ސިފައެއް ހެއްޔެވެ.

"އަޅެ ކީއްވެތަ އަހަންނަށް މީހެއްގެ ފިރިއަކުދެކެ ލޯބިވެވުނީ؟ ނޭނގެ އޭނާ ފެނުނީމަ އަހަންނަށްވާގޮތްތައް ބުނެދޭންވެސް ދަތި." ސޯބިރާ ވާހަކަ ދެއްކީ އޭނާގެ ކުރީގެ ކްލާސްމޭޓެއް ކަމުގައިވާ އޭނާގެ ރަހްމަތްތެރިޔާ ޒޫނާއާއެވެ.

އެދެމީހުން ވާހަކަ ދައްކަން ތިބީ ސޯބިރާމެންގޭ ސިޓިންގރޫމްގައެވެ. އޭރު އެގޭގައިވެސް ތިބީ ސޯބިރާ އާއި ޒޫނާއާ ދެމީހުން އެކަންޏެވެ.
"ތިކަހަލަ ބޭކާރު ޚިޔާލު ނުކުރޭ. ސޯބިރާ ތިބުނާ މީހަކު އަދި ވިސްނާފައެއްވެސް ނެތެއްނު." ޒޫނާ ބޭނުންވަނީ ސޯބިރާއަށް ނަސޭހަތްދީގެން އޭނާގެ ޚިޔާލު ބަދަލުކުރެވޭތޯއެވެ.

ނަމަވެސް އެއީ ކުރެވޭވަރުގެ ކަމެއް ނޫނެވެ. ކިތަންމެ މަސައްކަތް ކުރިޔަސް ސޯބިރާގެ ހިތުން ތޮއްޔިބަށް ޚާއްޞަ ކުރެވިފައިވާ މަގާމަށް ބަދަލެއް އަތުވެދާނެ ކަމަކަށް ނުބެލެވެއެވެ. އެކަން އޭނާގެ އަމަލާއި ބަހުން ނިކަން ރަނގަޅަށްވެސް ދޭހަވެއެވެ.
"އަހަންނަށް އޭނަދެކެ ލޯބިވެވުނުއިރު ޙަޤީޤަތުގައި އޭނަ އެމީހަކާ ނުވެސް އިނދެއެއްނު.....ދެރަކަމަކީ ލަދުވެތި ފަރުދާގެ ނިވަލުގައި ހުރެ އަހަންނަށް ފުރުސަތު ނަގާލެވުނުކަން." ސޯބިރާއަށް އޭނާގެ ފިނޑިކަން ފުރަތަމަ ފަހަރަށް އިހްސާސް ކުރެވިއްޖެއެވެ. ތެދެކެވެ. އޭނާ ތޮއްޔިބުގެ ކައިވެނީގެ މާކުރިންވެސް ތޮއްޔިބާ ދޭތެރޭ ވިސްނިއެވެ. އޭނާގެ ހިތުގެ އިޙްސާސްތަކަށް ނަމެއްދޭން އޭރު އޭނާއަށް ނޭނގުނީއެވެ. އޭރުވެސް އޭނާއަށް ތޮއްޔިބުގެ ހަރަކާތްތަކަށް ބެލެއެވެ. ތޮއްޔިބުގެ އަޑު އަހާލާހިތްވެއެވެ.

ނަމަވެސް އެއީ ކުރެވޭވަރުގެ ކަމެއް ނޫނެވެ. ކިތަންމެ މަސައްކަތް ކުރިޔަސް ސޯބިރާގެ ހިތުން ތޮއްޔިބަށް ޚާއްސަ ކުރެވިފައިވާ މަގާމަށް ބަދަލެއް އަތުވެދާނެ ކަމަކަށް ނުބެލެވެއެވެ. އެކަން އޭނާގެ ޢަމަލާއި ބަހުން ނިކަން ރަނގަޅަށްވެސް އެނގެއެވެ.

"އަހަންނަށް އޭނަދެކެ ލޯބިވެވުނުއިރު ޙަޤީޤަތުގައި އޭނަ އެމީހަކާ ނުވެސް އިނދެއެއްނު....ދެރަކަމަކީ ލަދުވެތި ފަރުދާގެ ނިވަލުގައި ހުރެ އަހަންނަށް ފުރުސަތު ނަގާލެވުނުކަން." ސޯބިރާއަށް އޭނާގެ ފިނޑިކަން ފުރަތަމަ ފަހަރަށް އިހްސާސް ކުރެވިއްޖެއެވެ. ތެދެކެވެ. އޭނާ ތޮއްޔިބުގެ ކައިވެނީގެ މާކުރިންވެސް ތޮއްޔިބާ ދޭތެރޭ ވިސްނިއެވެ. އޭނާގެ ހިތުގެ އިޙްސާސްތަކަށް ނަމެއްދޭން އޭރު އޭނާއަށް ނޭނގުނީއެވެ. އޭރުވެސް އޭނާއަށް ތޮއްޔިބުގެ ހަރަކާތްތަކަށް ބެލެއެވެ. ތޮއްޔިބުގެ އަޑު އަހާލާހިތްވިއެވެ. ނަމަވެސް އޭނާގެ ހިތުގައި ތޮއްޔިބަށްޓަކައި އުފެދުނީ ލޯބިކަން އޭނާއަށް ގައމުވީ ތޮއްޔިބުގެ ކައިވެނީގެ ދައުވަތު އޭނާގެ އަތްމައްޗަށް އެރީމައެވެ.

އެހާ ހިސާބުން ތޮއްޔިބާ ދޭތެރޭ ނުވިސްނުމަށްވެސް އޭނާ އަޒުމް ކަނޑައެޅިއެވެ. ނަމަވެސް އޭނާގެ ހިތަށް އޭނާއަކަށް އެއްވެސް ބާރެއް ނުފޯރުވުނެވެ. އޭނާގެހިތް އެއްވެސް ހިފެހެއްޓުމެއްނެތި ދައުރުވާން ފެށީ ސީދާ ތޮއްޔިބާ ދިމާއަށެވެ. އެހިތަށް ބޭނުންވާ ލޯބީގެ ލައްޒަތު އެހިތަށް ދެވޭނެ ހަމައެކަނި ފަރާތަކީ ތޮއްޔިބު ކަމުގައި އެހިތްދެކޭ ކަހަލައެވެ.
"އަހަންނަށް އަހަރެންގެ ހިތަށް ބާރުފޯރުވޭނެނަމަ އަހަރެން މީހެއްގެ ފިރިއެއްކަން އެނގިހުރެ އޭނައާ ދިމާއަށް ބަލައިވެސް ނުލާނަން. ސޯބިރާ އޭނާ އިށީނދެއިން ތަނުން ތެދުވެއްޖެއެވެ.
"ސޯބިރާ ހަނދާން ނައްތާލަން މަސައްކަތް ކޮށްބަލަ. އަހަންނަކަށް ނޭގުނު ބުނާނެ އެއްޗެއްވެސް. އަހަރެން މިއުޅޭގޮތަށް އުޅެން ދަސްކޮށްބަލަ." ޒޫނާ ދެންވެސް ސޯބިރާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ.

"އަހަރެންވެސް މިއޮއްހާދުވަހު ހުރީނު. ޒޫނާ އަހަންނަށް ވުރެން ދެއަހަރު ހަގެއްނު. މިއުމުރަށް އައިމަ ކޮންމެވެސް މީހެއްގެ ލޯބީގައި ޒޫނާވެސް ގައިދުވާނެ." ދިފާއުގައި ސޯބިރާ ބުންޏެވެ. ޒޫނާގެ ގާތަށް ހިނިއައެވެ.
"ތިބުނީ ވިހިއަހަރު ފުރުމުން މީހަކުދެކެ ލޯބިވުން މަޖުބޫރުވާނެއޭތަ؟" ޠަބީޢަތުގައި ޅަގޮތެއް ހުންނަ ޒޫނާ ސީރިއަސްވިއެވެ. ސޯބިރާ ބުނިގޮތުން އޭނާއަށް ހީކުރެވުނީ އުމުރުން ވިހިއަހަރުވުމާއެކު ލޯބިވާން މަޖުބޫރުވާނެ ކަމަށެވެ.
"އުނހު....މަޖުބޫރުވާނެ ވާހަކައެއްނޫން. އެދުވަސް އައިމަ ޒޫނާއަށްވެސް ބޭއިޚްތިޔާރުގައި އަހަރެން ގާތު އެވާހަކަ ދެއްކޭނެ." ސޯބިރާ ކޮޓަރިއާ ދިމާއަށް ހިނގައިގަތީ އިޝާރާތުން ފާޚާނާއަށް ވަދެލާފައި އެބަ އަންނަމޭވެސް ބުނެފައެވެ. ސޯބިރާ ފާޚާނާއަށް ދިޔައީ ޒޫނާ އޭނާގެ ވާހަކައަށް ޝައުޤުވެރިވީ ވަގުތުއެވެ. އެހެންވެ އޭނާހުރީ ސޯބިރާ އަންނަންދެން ކެތްތެރިކަން ކުޑަވެފައެވެ. ސޯބިރާ ފާޚާނާއިން ނިމިގެން އައީ ޒޫނާ އިންތިޒާރުގައި ހުންނަތާ ފަސްވަރަކަށް މިނިޓް ފަހުންނެވެ.

"ހާދަ ލަސްވީ ކޮންތާކުން ތިއައީ؟" އަޒުމާ ވާހަކަ ދެއްކީ ތޮއްޔިބުއާއެވެ، އެއީ މީގެކުރިން ދުވަހަކުވެސް އޭނާކުރި ޝަކުވާއެއް ނޫނެވެ. އެހެންވެ ތޮއްޔިބު ކޮންމެވެސް ވަރަކަށް ހުއްޓުން އަރާގޮތްވިއެވެ.
"މިއައީ.....އަމީނުމެން ގެއިން. އަމީނުގެ އަންހެނުން ފިރިހެން ކުއްޖަކު ވިހައިފި. އަޒުމާވެސް ވާނެއެއްނު އެގެއަށް ވަދެލަން...." ތޮއްޔިބު އަޒުމާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ.
"އަހަރެންގެ ހިތަށް ފުރަތަމަވެސް އެރިއޭ އެކަހަލަ ކަމެއް މެދުވެރިވެގެން ނޫނީ މިހާ ލަސްނުވާނެއޭ..." އަޒުމާގެ ވާހަކައިން އޭނާ ފިރިމީހާއަށް އިތުބާރު ކުރާ މިންވަރު ދޭހަވިއެވެ. އަބަދުވެސް ތޮއްޔިބު އެކަމާ އުފާކުރެއެވެ. ލިބުނު އުފަލާއެކު ތޮއްޔިބު ނިކަން ލޯބިން އަޒުމާގެ ނޭފަތުގައި ހިފާލިއެވެ.

"އަވަހަށް ހެދުން ބަދަލުކޮށްގެން ކާން ހިނގާބަލަ. އިންތިޒާރުކޮށްކޮށް އަހަރެންވެސް މިހުރީ ހާންތިވެފައި." އަޒުމާ ތޮއްޔިބުގެ ގަމީހުގެ ގޮށްތަށް ނައްޓުވަން ފެށިއެވެ. އެހިނދު އަޒުމާ ލަމުންދިޔަ ނޭވާގެ ވައި ތޮއްޔިބުގެ މޭމަތީގައި ބީހިލުމާއެކު އޭނާގެ ހިތަށް މަސްތުކަމެއް ވެރިވެގަތުމާއެކު އަޒުމާ އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ. އެއާއެކު އޭނާގެ ކެތްތެރިކަންވެސް ކުޑަވިކަހަލައެވެ.
ޙަޤީޤަތުގައިވެސް ސާރާ އޮތީ ކެތްތެރިކަން ކުޑަވެފައެވެ. އޭނާގެ ދެލޯ ފަދައިން އެދޭ ދަރިފުޅު ހަމަޔަށް ދެކިލާހިތުންނެވެ. ޒަހީރާ ކިތަންމެ ބުންޏަސް ދަރިފުޅު އެގޮތަށް ބާއްވާކަށް އޭނާގެ ހިތެއް ނޭދެއެވެ. އޭނާގެ ހުރިހާވެސް އުއްމީދަކާ ގުޅިފައިވަނީ އެތުއްތު ދަރިފުޅެވެ. ސާރާ ކޮންމެ ގޮތެއްވިޔަސް ވަރިހަމަކޮށްފައި ދަރިފުޅު އޮތް އެނދާ ދިމާއަށް ހިނގައިގަތީ ދަރިފުޅު އުރާލާ ލޯބިކޮށްލާނަމޭ ހިތައެވެ. އެނދާ އަރާ ހަމަކޮށް ފުރަތަމަ އޭނާ އަމީނު ފެންނަން ހުރިތޯ ވަށައިގެން ހޯދާލިއެވެ. ހޯދާނެ ނޫންހެއްޔެވެ. އަމީނުވަނީ ޒަހީރާއެކޭ އެއްފަދައިން ދަރިފުޅު ގައިގައި އަދި އެއްވެސް މީހަކު އަތްލުން މަނާކޮށްފައެވެ. މިއީ ސާރާ ވިހޭފަހުން އަމީނު އެދަރިފުޅާ ދުރަށް ޖެހިލިވަގުތުއެވެ.
ސާރާ ދަރިފުޅު އޮތް އެނދާ ދިމާއަށް ގުދުވިއެވެ. އެއަށްފަހު ފުރަތަމަ ދަރިފުޅުގެ ކޮލުގައި ތުންފަތް ޖައްސާ ލޯބިކޮށްލިއެވެ. އެއާއެކު ކުޑަކުޑަ ދަރިފުޅު ލޯ ހުޅުވައި މަންމައަށް ބަލާލިއެވެ. ބޮޑަށް ދަރިފުޅު އުރާލުމަށް އޭނާގެ ހިތް އެދުނީ އެހާހިސާބުންނެވެ. އޭނާ އަނެއްކާވެސް ވަށައިގެން ހޯދާލުމާއެކު ދަރިފުޅުގެ މޫނުގެ އެއްފަރާތާއެކު މުޅި ހަށިގަނޑު ނިވާކޮށްފައިވާ ފޮތިގަނޑު ނެގުމަށްޓަކައި ފޮތިގަނޑުގައި ހިފިއެވެ. އެވަގުތު އޭނާގެ ހިތް އޭނާގާތު ބުނާކަހަލައެވެ.

"ތިޔައީ އެހެން މީހެއްގެ ދަރިއެއް ނޫނެވެ. އަމީނު އައުމުގެ ކުރިން އަވަހަށް ދަރިފުޅު އުރާލާ ލޯބިކޮށްލާށެވެ. ދަރިފުޅުގެ ފަރާތުން ހާމަވާން އުޅޭ ސިއްރު ދެނެގަންނާށެވެ." ފޮތިގަނޑުގައި ހިފަހައްޓައިގެން ހުރެ ސާރާ އަނެއްކާވެސް ދޮރާ ދިމާއަށް އެނބުރުނެވެ. އަމީނު އާދޭތޯއެވެ. އެއަށްފަހު އޭނާ އަނެއްކާވެސް އެނދާ ދިމާއަށް ގުދުވިއެވެ. މަޑުމަޑުން އޭނާގެ ދެއަތް ދަރިފުޅުގެ ގައިމަތީގައި އަޅާފައި އޮތް ފޮތިގަނޑާ ދިމާއަށް ހަރަކާތްކުރަން ފަށައިފިއެވެ.


******************
* މޫސާ ޞާޢިދުގެ ހިތްގައިމު ވާހަކަ "ބޯގަންވިލާ" ގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 101 އިން 104 ށެވެ.

ކިޔުންތެރިންގެ ހިޔާލު