ހޫނު މޫސުމާއި ދިމާކޮށް ޤަތަރު އެއަރވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

ޤަތަރު އެއަރވޭސްއަކީ މިދިޔަ އަހަރު ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު އެންމެ ފުރަތަމަ ރާއްޖެއައި އެއަރލައިނެވެ. އޭގެފަހުން އެ އެއަރލައިނުން ދަނީ ކޮންމެ ދުވަހަކުވެސް ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ.

ޤަތަރު އެއަރވޭސްއިން ބުނީ މިއަހަރުގެ ހޫނު މޫސުމާއި ދިމާކޮށް ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި އެއީ ހޫނު މޫސުމާއި ދިމާކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވާނެ ކަމަށް ލަފާކުރެވޭތީކަމަށްވެސް ޤަތަރު އެއަރވޭސްއިން ބުނެއެވެ. އެހެންކަމުން ކުރިއަށް އޮތްތާނގައި ރާއްޖެއަށް ދުވާލަކު 4 ފްލައިޓް ބޭއްވުމަށް ނިންމާފައިވާކަމަށް ޤަތަރު އެއަރވޭސްއިން ބުނެއެވެ.މިދިޔަ އަހަރު ބޯޑަރު ހުޅުވާލުމާއި ހަމައިން މިދިޔަމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ޤަތަރު އެއަރވޭސްއިން ވަނީ ރާއްޖެއަށް 974 ދަތުރުކޮށްފައެވެ. މި ދަތުރުތަކުގައި ރާއްޖެއަށް 80250 ފަސިންޖަރުން ވަނީ އުފުލާފައެވެ. މިއާއެކު ޤަތަރު އެއަރވޭސް ވެފައިވަނީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ އަދަދަކަށް ދަތުރުތައް ކުރާ އެއަރލައިނަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު 30 އެއަރލައިނަކުން ދަނީ ދަތުރުތައް ބާއްވަމުންނެވެ. އޭގެތެރޭގައި ޝެޑިއުލް 21 އެއަރލައިނަކާއި، ޗާޓަރު 9 އެއަރލައިން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު