ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް
ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް
ހޯމްސްޓޭ ޓޫރިޒަމުން މުޅި ޤައުމަށް ފައިދާ ކުރާނެ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިމޭރުމުން ވިދާޅުވެފައި މިވަނީ، ސަރުކާރުން ވަޢުދުވެފައިވާ ގޮތަށް ހޯމްސްޓޭ ޓުއަރިޒަމް ފަށަން މިއީ އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް، ގޭމުން ބުނެފައިވާ ދަނޑިވަޅެއްގައެވެ. ގޭމުން މިއަދު ބުނެފައިވަނީ، ކޮވިޑު-19 ގެ ސަބަބުން ޓުއަރިސްޓުން އައުން މަދުވެ މުޅި ޓުއަރިޒަމް ސިނާއަތަށް ހީނަރުކަމެއް އައިސް މި ސިނާއަތަށް ބޮޑެތި އިންވެސްޓްތައްކޮށް ޚިދުމަތްދެމުންދާ ރިސޯޓްތަކާއި، ލިވަބޯރޑްތަކާއި އަދި ގެސްޓްހައުސްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ނުހަނު ގިނަ ދަތިތަކާއި ކުރިމަތިލާންޖެހިފައިވާތީ މިއީ ހޯމްސްޓޭ ޓޫރިޒަމް ފެށުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.

ގޭމްގެ ބަޔާނާއި ގުޅިގެން ސަރުކާރުގެ ސިޔާސަތު ދިފާޢުކުރަށްވަމުން މިނިސްޓަރ މައުސޫމް މިއަދު ވިދާޅުވީ، މުސްލިމުންގިނަ، އާދަކާދަފިސާރި މެލޭޝިއާފަދަ ގައުމުތަކުގައިވެސް "ހޯމްސްޓޭ" ފަތުރުވެރިކަން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދާ ކަމަށެވެ. އަދި ހަރުދަނާކަމާއެކު ކުރިއަށްގެންދެވިއްޖެ ނަމަ އެއީ ކާމިޔާބު ކޮންސެޕްޓެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ހޯމްސްޓޭ ޓޫރިޒަމުން ރިޒޯޓުތަކަށް، ހޮޓެލް (ގެސްޓްހައުސްތަކަށް) އަދި ސަފާރީތަކަށާއި ރައްޔިތުންނަށް ވެސް ފައިދާލިބޭނެ. މުހިންމީ ހަރުދަނާ ތަންފީޒުކުރެވޭ ގަވާއިދުތަކާއެކީގަ ކަންކުރުން." މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.



މިނިސްޓަރ މައުސޫމްގެ ވާހަކަތަކަށް ބާރު ދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ޢަލީ ރައްޒާން ވިދާޅުވީ، ހޯމްސްޓޭ ޓޫރިޒަމަށް ހުއްދަ ދެވޭނީ ހަރުދަނާ ރެގިއުލޭޓްރީ ފްރޭމްވޯކެއް އެކުލަވާލުމަށްފަހު ކަމަށާއި، ސީދާ ކައުންސިލްތަކުން ރެގިއުލޭޓްކޮށް، ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށެވެ. އަދި ގޭމް ގެ ކަންބޮޑުވުމާ އެއްވަރަށް، ރަށްފުށު ރައްޔިތުންވެސް ހޯމްސްޓޭ ޓޫރިޒަމް ލަސްވާތީ ކަންބޮޑުވާ ކަމަށް ރައްޒާން ވިދާޅުވިއެވެ.

ގޭމުން މިއަދު ނެރެފައިވާ ބަޔާނުގައި ވަނީ އެއް ގެއެއްގައި ގިނަ ގޭބިސީތަކެއް ދިރިއުޅޭގޮތަށް ގެތައް އިމާރާތްކުރެވިފައިވާ ރާއްޖޭގައި، ހޯމްސްޓޭގެ ސަބަބުން ދިމާވެދާނެ އިޖްތިމާއީ މައްސަލަތަކުގެ އިތުރުން، މިހާރު ރާއްޖެ މިއޮތް ޙާލަތުގައި ހޯމްސްޓޭއިން ފަތުރުވެރިންނާއި އެގޭބިސީތަކުގައި ދިރިއުޅޭ އާއިލާތަކުގެ ސެކިއުރިޓީއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާމެދު ކަންބޮޑުވާކަމަށެވެ.

އަދި އެމައްސަލަތަކަށް ފުރިހަމައަށް ކުރިމަތިލާ ހައްލު ހޯދައިދެވޭނެ ހަރުދަނާ ޕޮލިސީތަކާއެކު ތަންފީޒީ އިދާރާތައް ފުރިހަމައަށް ތައްޔާރުނުވެވެނީސް އަދި ހޯމްސްޓޭގެ ސަބަބުން އާމްދަނީ އިތުރުވާ މިންވަރާއި، އޭގައި ހުރި ގޮންޖެހުންތައް ރަނގަޅަށް ދިރާސާނުކޮށް ހޯމްސްޓޭ ތަޢާރަފްވެގެން ގޮސްފިނަމަ އޭގެ ސަބަބުން ރާއްޖެއަށް ޒަމާނުއްސުރެ ބުރަމަސައްކަތުން ލިބިފައިވާ ރީތިނަން ހުތުރުވެ ރައްކާތެރިނޫން ގޮތުގައި ރާއްޖެ ފާހަގަވެ، ފެންވަރުދަށް ޓުއަރިޒަމެއް އޮތް ގައުމަކަށް ރާއްޖެ ބަދަލުވެގެންދިއުމުގެ ބިރު އެބައޮތްކަމަށްވެސް ގޭމްގެ ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން