ކޮވިޝީލްޑުގެ ދެވަނަ ޑޯޒު ނުޖަހާ ވާނެ ގޮތަކާ މެދު އިންޑިއާގައި ދިރާސާއެއް ކުރަން ފަށައިފިއެވެ.


އެސްޓްރަޒެނެކާ އަދި އޮކްސްފޯޑުން އުފައްދާފައިވާ ކޮވިޑް ވެކްސިން، ކޮވިޝީލްޑުގެ ނަމުގައި އުފައްދަމުންދަނީ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިންނެވެ. ދެޑޯޒް ފުރިހަމަ ކުރަން ޖެހޭ މިވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރަންޖެހެނީ 12 ހަފްތާ އާއި 16 ހަފްތާއާއި ދެމެެދުގެ މުއްދަތެއްގައި ކަމަށް ނިންމާފައިވަނީ ހުސްވިމަހުގެ 13 ވަނަ ދުވަހު އިންޑިއާ ސަރުކާރުގެ ހާއްސަ ޕެނަލް އަކުންނެވެ. މިފަދަ ނިންމުމެއް ނިންމާފައިވަނީ ސައިންޓިފިކް ތަހުލީލުތަކަށް ބެލުމަށްފަހުގައި ކަމަށް އިންޑިއާ ސަރުކާރުގެ ހާއްސަ ޕެނަލުން ބުނެފައިވެއެވެ.

ނަމަވެސް އިންޑިއާއަށް ބޭނުންވާވަރަށް ވެސް ވެކްސިން އުފެއްދެމުން ނުދާތީއާއި، ވެކްސިން އުފެއްދޭ މިންވަރު މަދުވުމާއި ގުޅިގެން، އިންޑިއާގެ ބައެއް ސަރަހައްދުތައް މިހާރު ވަނީ ވެކްސިނަށް ޖެހިފައެވެ. މިއާއެކު ކޮވިޝީލްޑުގެ އެއްޑޯޒުންވެސް ދެޑޯޒުން ލިބެން ވާވަރަށް ރައްކާތެރިކަން ލިބޭތޯ ބެލުމަށް އިންޑިއާ ސަރުކާރުން ދިރާސާތަކެއް ކުރުމަށް ވަރަށް އަވަހަށް ފަށާނެކަމަށް ބޭރުގެ ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މިގޮތުން ކޮވިޝީލްޑުގެ ދެވަނަ ޑޯޒު ނުޖެހުމަށް ނިންމާނީ، ކުރެވޭ ދިރާސާތަކުގެ ނަތީޖާއަށް ބިނާކޮށްކަމަށްވެއެވެ.

އިންޑިއާއިން އުފައްދާ ކޮވިޝީލްޑުގެ ދެޑޯޒު ޖެހުމުގެ މުހުލަތު ދުރުކޮށްފައިވާކަން މިފަހުން އިއުލާންކޮށްފައިވާއިރު، މީގެކުރިން ކޮވިޝީލްޑުގެ ދެޑޯޒު ފުރިހަމަ ކުރަންޖެހެނީ ހަހަފްތާއާއި އަށް ހަފްތާ އާއި ދެމެދުގެ މުއްދަތެއްގައެވެ. އަދި މިހާރު ކުރެވޭ ދިރާސާތަކަށް ބިނާކޮށް މިވެކްސިނުގެ އެއްޑޯޒު އެކަނި ފުރިހަމަކުރުމަށް އިންޑިއާ ސަރުކާރުގެ ހާއްސަ ޕެނަލަކުން ނިންމުމުގެ ފުރުސަތު ބޮޑުކަމަށް ބޭރުގެ ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ރާއްޖޭގައި ވެސް އެންމެ ގިނަ ބަޔަކަށް ދީފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ. އޭގެ ތެރޭގައި މިހާރު ގިނައީ އެއްޑޯޒް ޖެހުމަށްފަހު ދެވަނަ ޑޯޒަށް އިންތިޒާރުކުރާ ފަރާތްތަކެވެ. ރާއްޖެއިން ވެސް ވަނީ ކޮވިޝީލްޑްގެ ދެލައްކަ ޑޯޒް ވެކްސިނަށް އޯޑަރުކޮށްފައެވެ. ނަމަވެސް އިންޑިއާގައި ކޯވިޑްގެ ބަލިމަޑުކަން ވަރަށް ބޮޑަށް ގޯސްވެ ވެކްސިން ޖެހުމަށް ގިނަ ބަޔަކު މަސައްކަތް ކުރަމުންދާތީ އެގައުމަށް ކުރިމަތިވެފައިވާ ވެކްސިންގެ ދަތިކަމުގެ ހާލަތުން އަރައިގަނެވިގެން ނޫނީ އެހެން ގައުމުތަކަށް ވެކްސިން ފޯރުކޮށް ނުދެވޭނެކަން އެގައުމުގެ ރަސްމީ އިދާރާތަކުން މިހާރުވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު


4

ކިނބޫ

02-Jun-2021

ހެހެހެ ދިރާސާއެއް ނެހެދިޔަސް ނުލިބޭ އެއްޗެއް ނުޖެހޭނެނު!