ކޮވިޑް ކޮންޓްރޯލް ކުރުމަށް ކަމަށްބުނެ ކަމަކަށްކަމެއް ކުރުމުގެ ބަދަލުގައި އިޚުލާސްތެރިކަމާއެކު މަސައްކަތްކޮށް، އަސްލު މައްސަލަ ދެނެގަތުމަށް ދީނީ އިލްމްވެރިިޔާ ޑރ. މުހަންމަދު އިޔާޒް ރައީސް ސޯލިހަށް މިއަދު ގޮވާލައްވައިފިއެވެ.

ރައީސް ޞާލިހުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއީދުކުރަށްވައި ރައީސް ޞާލިހުގެ ބައެއް ނިންމުތަކަށް ވަރަށް ބޮޑަށް ތަޢުރީފު ކުރަށްވަމުން ގެންދަވާ ޑރ. އިޔާޒް މިހެން ވިދާޅުވީ ނަމާދުގައި ސަފު ހަދާއިރު ގައިދުރުކޮށް ސަފު ހެދުމަށް އެޗްޕީއޭއިން އެންގުމާއި ގުޅިގެން އެކަމަށް ފާޑުވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.


ޑރ. އިޔާޒް ވިދާޅުވީ، ކަމަކަށް ކަމެއް ކުރުމުގެ ބަދަލުގައި އިޚުލާސްތެރި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، ވަކި ގަޑިއެއްގައި ވެހިކަލް ދުއްވުން މަނާކޮށް މިސްކިތު ސަފުތައް ހަލާކު ކުރިނަމަވެސް ކޮވިޑް ކޮންޓްރޯލް ނުކުރެވޭނެ ކަން މިހާރު ސާފުވެފައިވާ ކަމަށެވެ. އެހެންކަމުން އަސްލު މައްސަލަ ދެނެގަތުމަށް އިޔާޒް ވަނީ ރައީސް ސޯލިހަށް ގޮވާލައްވާފައެވެ." ކަމެއް ޙައްލުކުރަން ބޭނުންނަމަ ފުރަތަމަ ކަމަކަށް އެކަމާއި ގުޅޭ ދިރާސާއެއް ހަދަން ޖެހޭ. ކޮވިޑް ކޮންޓްރޯލް ނުކުރެވިގެން އުޅޭތާ އަހަރަކަށްވުރެ ގިނަ ދުވަސްވީ، އެކި ކަހަލަ ފިޔަވަޅުތައް އެޅިއްޖެ، ނަމަވެސް ޙައްލެއް ނުލިބުނު. ވީމާ، މައްސަލަ އުޅެނީ ކޮން ދިމާލަކުންތޯ ބަލަން ޖެހޭ." އަދާލާތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. އިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން އިޔާޒް ކުރެއްވި އެހެން ޓްވީޓެއްގައި ބިރަކާ ނުލާ މަޖާ ކުރަން ރަށްރަށަށް ގޮސް، މުޑުދާރު ވައްތަރުތައް ޖައްސާފައި، ބަލި ބޮޑުވީމަ އަޅާ ބޭސްގަނޑަކަށް މިސްކިތުގެ ސަފާއި ކުޅުން ނުހެދުމަށް އެޗްޕީއޭ އަށް ވަނީ ގޮވާލައްވާފައެވެ. އިޔާޒު އެ އިޝާރާތް ކުރަށްވަނީ ނިމިދިތަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭން ތެރޭގައި އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ލަވަޖަހާ މަޖާކޮށް އުފާކޮށް ނަށާ ހަދާފައިވާތީ އެކަމަށް ކަމުގައި ބެލެވެއެވެ.

ރާއްޖޭގައި ހިފެހެއްޓުމެއް ނެތި ކޮވިޑް ޖެހޭ މީހުންގެ އަދަދު މަތިވަމުން ދިއުމާއި ގުޅިގެން ރޭ، އެޗްޕީއޭއިން ނެރުނު އާ އުސޫލުގައި މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ނަމާދު ކުރާއިރު މާސްކު އެޅުން ވަނީ މަޖުބޫރުކޮށްފައެވެ. އަދި މިސްކިތުގައި ނަމާދަށް ސަފު ހަދަންވާނީ ގައިދުރުކަން ބަހައްޓައިގެން ކަމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު