ރާއްޖޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑްގައި ހާލު ބޮޑުވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށް އައިޖީއެމްއެޗްގެ ކޮންސަލްޓެންޓް ރޭޑިއޮލޮޖިސްޓް ޑޮކްޓަރ ފާތިމަތު މުފްލިހާ މިރޭ ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައިޖީއެމްއެޗްގެ ކޮންސަލްޓެންޓް ރޭޑިއޮލޮޖިސްޓް ޑޮކްޓަރ ފާތިމަތު މުފްލިހާ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުނުކުރެވޭނަމަ ބަލި މީހުންނަށް ފަރުވާ ނުދެވޭ ހިސާބަށް ހިނގައިދާނެ ކަމަށެވެ. އެގޮތުން ބަލީގައި އެޑިމިޓްކުރާ މީހުންގެ އަދަދު އިތުރުވަމުންދާއިރު ބަލީގައި ހާލުބޮޑުވާ މީހުންގެ އަދަދު ވެސް އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.


ޑޮކްޓަރ މުފްލިހާ ވިދާޅުވީ ބަލިޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާދޭންޖެހޭ މީހުންގެ އަދަދު އިތުރުވެ، 80 އިންސައްތަ އެނދު ފުރިފައިވާކަމަށެވެ. އަދި ހާލަތު ބަދަލުވާގޮތަށް ބަލާއިރު ޑޮކްޓަރުންނާއި ނަރުހުންވެސް ނެތްކަން ފާހަގަކުރަށްވައި ޑޮކްޓަރު މުފްލިހާ ވަނީ ރާއްޖޭގެ ހާލަތަށް ބަލާއިރު އޮކްސިޖަންގައި ފަރުވާދޭންޖެހޭ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކުރަައްވާފައެވެ.

ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު ރާއްޖޭގެ ހާލަތު އިންޑިއާއާއި ނޭޕާލް އޮތް ހާލަތަށް ދިޔަ ނުދިނުމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ބަލި ކޮންޓްރޯލް ނުވެ ފެތުރެމުންދާނަމަ އާ ވޭރިއަންޓެއް ރާއްޖޭގައި އުފެދިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް މުފްލިހާ ވިދާޅުވިއެވެ.

މީގެއިތުރުން މުފްލިހާ ވިދާޅުވީ ކޮވިޑާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހުރިހާ ފަރާތްތަކުން ވެސް އަމަލު ކުރަންޖެހޭ ކަމަށެވެ. އެގޮތުން ބޭރުގައި އުޅޭއިރު މާސްކް އެޅުމާއި ގައިދުރު ކުރުމާއި ގިނަގިނައިން އަތްދޮވުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް މުފްލިހާ ވިދާޅުވިއެެވެ.

ރެކޯޑު އަދަދަކަށް ރާއްޖެއިން މިރޭ ކޮވިޑަށް މީހުން ޕޮޒިޓިވްވެފައިވާއިރު މާލެ ސަރަހައްދުން އެކަނިވެސް 397 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ހަމަމިޔާއެކު މި ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 6،000 އިން މައްޗަށް އަރާފައިވާއިރު، ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 173 ކަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު