ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓު
މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވުނު ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަހީދުގެ ޕާސްޕޯޓް ބާތިލްކުރުމުން ހައިކޯޓުގައި އިސްތިޢުނާފުކުރި މައްސަލައިގެ ދަޢުވާ ފޯމް އެކޯޓުން މިއަދު ބާތިލްކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ ދަޢުލަތުން ހައިކޯޓުގައި އިސްތިޢުނާފް ކުރުމުން އެ މައްސަލައިގެ އަޑުއެހުމުގައި ފަނޑިޔާރު ވިދާޅުވީ އަލީ ވަހީދު ދިރިއުޅުއްވާ އެޑްރެހެއްގެ ގޮތުގައި ކޯޓަށް ދެއްވާފައިވާ އެޑްރެހުގައި ނޫޅުއްވާ ކަމަށާއި، އަދި ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުންކޮށްގެންވެސް ޢަލީ ވަޙީދަށް ޗިޓު ލިބުނުކަން ކަށަވަރު ނުވާ ކަމަށެވެ. މި މައްސަލާގައި ފަނޑިޔާރުންގެ ބެންޗުން ދަޢުލަތަށް އަންގަވާފައިވަނީ، އަންގާރަދުވަހުގެ 14:00 ގެ ކުރިން ޢަލީވަޙީދު ދިރިއުޅޭތަނެއްގެ މަޢުލޫމާތު ހޯދައި އެކަން ކޯޓަށް އެންގުމަށެވެ. ނަމަވެސް އަލީ ވަޙީދު އުޅޭތަނެއް ދަޢުލަތަށް ނޭނގޭ ކަމަށް ކޯޓަށް އެންގުމުން ކޯޓުން ވަނީ އެ މައްސަލައިގެ ދައުވާފޯމް މިއަދު ބާތިލްކޮށްފައެވެ.

އެ މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދަޢުލަތުން އެދިފައިވަނީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންގޮސް ދިނުމަށެވެ. އެހެން ނަމަވެސް ފަނޑިޔާރު ވިދާޅުވީ، ޖިނާއީ މައްސަލަތައް ޣައިރު ހާޒިރުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ސުޕްރީމްކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އަލީ ވަޙީދުގެ މައްޗަށް 7 ދަޢުވާއެއް ކޮށްފައިވެއެވެ. އަދި މިމަސައްލައިގެ އެންމެ ފަހުގެ އަަޑުއެހުމުގައި އަލީ ވަޙީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރު މުރާޖަޢާކޮށް، ޕާސްޕޯޓް ހިފަހައްޓަން ކޯޓުން ނެރުނު އަމުރު ބާތިލްކޮށް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި އަލީ ވަހީދުގެ ޕާސްޕޯޓް ކޯޓުން ވަނީ ދޫކޮށްލާފައެވެ.

ކްރިމިނަލް ކޯޓުން ބުނެފައިވަނީ ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލީ އޭނާއަށް ޖާމިނުވާނެ ފަރާތެއް ހުށަހެޅުމުން ކަމަށެވެ. ޒިންމާވާނެ ފަރާތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު އަލީ (އަޑުބަރޭ) އެވެ. ޢަލީ ވަޙީދުގެ ޕާސްޕޯޓް ދޫކޮށްލުމާއެކު އޭނާ ވަނީ ފުރައިގެން ތުރުކީ ވިލާތަށް ގޮސްފައެވެ.

މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަޚުލާގީ އެތައް މައްސަލައެއް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ހިންގެވިކަމުގެ ތުހުމަތާއެކު ޓުއަރިޒަމް މިނިސްޓަރ ކަމުގެ މަގާމުން އިސްތިއުފާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އަލީ ވަހީދަށް އެންގެވީ މިދިޔަ އަހަރުގެ ޖުލައިމަހުގެ 8 ވަނަ ދުވަހުއެވެ. ނަމަވެސް، ރައީސްގެ އެންގެވުމާ އެއްގޮތަށް އަލީ ވަހީދު އިސްތިއުފާ ނުދެއްވުމުން، ރައީސް ސާލިހް އަލީ ވަހީދު މަގާމުން ވަކިކުރައްވާފައި ވަނީ ޖުލައިމަހުގެ 9 ވަނަ ދުވަހުއެވެ. އަލީ ވަހީދު މަޤާމުން ވަކިކުރީ އޭނާގެ ފަރާތުން ޖިންސީ ގޯނާ އާއި ފުރައްސާރަ ލިބުނު އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީއާ ބައްދަލުކޮށް އެކަން ސަމާލުކަމަށް ގެނައުމުންނެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނެނީ ޖިންސީ ކުށުގެ ގާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި، ޖިންސީ ކުށުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން