އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ސައޫދީ އަރަބިއްޔާގެ ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު، ދެކުނު އޭޝިއާގެ ޤައުމުތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ ޤުރުއާން ހިފްޒުކުރުމުގެ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތައް ނިމިފައިވާކަން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިޢުލާނު ކުރައްވައިފިއެވެ.

މިނިސްޓަރު ޝަހީމް ސޯޝަލް މީޑިއާގައި ވިދާޅުވި ގޮތުގައި، ދެ ޤައުމުގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން އިންތިޒާމުކުރާ މި މުބާރާތުގެ ކަންކަން ފައިނަލް ކުރުމަށްޓަކައި ސައޫދީ އިސްލާމިކް މިނިސްޓްރީގެ ޚާއްޞަ މަންދޫބަކު ރާއްޖެ ވަޑައިގެން ވަނީ މަޝްވަރާތައް ކުރައްވާފައެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދެނީ ސައޫދީ ސަރުކާރުން ކަމަށްވާއިރު، އެ ޤައުމުން ވެދެއްވާ ފުރިހަމަ އެއްބާރުލުމަށް މިނިސްޓަރު ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

މި މުބާރާތަކީ ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތައް އެއްތަނަކަށް ޖަމާވެ، އެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ލިބޭ އަގުހުރި ފުރުޞަތެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.

އަދި މި މުބާރާތުގެ ސަބަބުން އިސްލާމީ ތަޢުލީމު ހަރުދަނާވެ، ސަރަހައްދީ ޤައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ވިދާޅުވެ، މިއީ ކޮންމެ އަހަރަކުވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދެވޭނެ މުބާރާތަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި މުބާރާތް ރާއްޖޭގައި ބޭއްވުމަށް އެއްބަސްވެވުނީ މިއަހަރުގެ އޯގަސްޓް މަހު މިނިސްޓަރު ޝަހީމް ސައޫދީ އަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެ ޤައުމުގެ އިސްލާމިކް މިނިސްޓަރު ޝައިޚް ޑރ. ޢަބްދުއްލަޠީފް ބިން ޢަބްދުލްޢަޒީޒް އާލްޝައިޚްއާއެކު ބޭއްވެވި މަޝްވަރާތަކުގައެވެ.

ރާއްޖޭގައި މިފަދަ ބައިނަލްއަޤްވާމީ މުބާރާތެއް ފުރަތަމަ ފަހަރަށް ބާއްވަން ތައްޔާރުވަމުން އަންނައިރު، މިހާރުވެސް ރާއްޖޭގައި 300 އަށްވުރެ ގިނަ ހާފިޒުން ތިބިއިރު، 1,800 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް