ސްރީލަންކާގެ އިދިކޮޅު ޕާލަމެންޓް މެމްބަރު މުޖީބުއްރަޙްމާން
ސްރީލަންކާގެ އިދިކޮޅު ޕާލަމެންޓް މެމްބަރު މުޖީބުއްރަޙްމާން
ސްރީލަންކާގައި އިސްރާއީލުގެ ހަރަކާތްތަކާއި އިސްރާއީލުގެ ޖާސޫސީ އިދާރާ (މޮސާޑް) ގެ އޭޖެންޓުންނަށް ފުރުސަތު ދިނުމަކީ އެ ގައުމުގެ ގައުމީ ސަލާމަތަށާއި، މުސްތަގުބަލަށް އަދި މުޖުތަމައުގެ އެއްބައިވަންތަކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ސްރީލަންކާގެ އިދިކޮޅު ޕާލަމެންޓް މެމްބަރު މުޖީބުއްރަޙްމާން ވިދާޅުވެއްޖެއެވެ.

ޕާލަމެންޓުގައި ވާހަކަދައްކަވަމުން އޭނާ ވަނީ ސްރީލަންކާގެ ހިލޭ ވިސާ ސްކީމްގައި އިސްރާއީލު ހިމަނާފައިވާ ސަބަބާ މެދު ސުވާލު އުފައްދަވާފައެވެ. އަދި ކޮލަމްބޯ 7 ގައި ހުންނަ އިސްރާއީލުގެ "ޗަބާޑް ހައުސް" އަކީ މީގެ ކުރިން ބޮޑުވަޒީރު ވެސް ގާނޫނާ ހިލާފު ތަނެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ތަނަކަށް ވާއިރު، މިހާތަނަށް ވެސް އެތަން ބަންދުނުކޮށް ހުރީ ކީއްވެގެންތޯ އޭނާ ސުވާލު ކުރެއްވިއެވެ.

އިސްރާއީލު ރައްޔިތުންނަށް ހިލޭ އޮންލައިން ވިސާ ދިނުމަށް ނިންމި ނިންމުމަށް ފާޑުވިދާޅުވަމުން މުޖީބުއްރަޙްމާން ވިދާޅުވީ، އެ ނިންމުމުގެ ސަބަބުން ފަލަސްތީނުގެ ގާތްގަނޑަކަށް 20،000 ކުޑަކުދިންނާއި 75،000 އާ ގާތްކުރާ އަދަދަކަށް މީހުން ޝަހީދުކޮށްލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އިސްރާއީލު ސިފައިންނަށް ޗުއްޓީ ހޭދަކޮށްލުމަށް ސްރީލަންކާއަށް އައުމުގެ ފުރުސަތު ހުޅުވިގެންދާ ކަމަށެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކާއި، ކެނެޑާ އަދި މެދުއިރުމަތީގެ ގައުމުތަކުން އިސްރާއީލާއެކު އޮންނަ ގުޅުންތައް ކުޑަކުރަމުންދާކަން ފާހަގަކުރައްވައި، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން އިސްރާއީލު ސަރުކާރުގެ މައްޗަށް ހަނގުރާމައިގެ ޖަރީމާތަކާއި ނަސްލު ނައްތާލުމުގެ ތުހުމަތު ކޮށްފައިވާކަން ވެސް އޭނާ ހަނދާންކޮށްދެއްވިއެވެ.

މީގެއިތުރުން، ކޮލަމްބޯ 7 ގެ ސިނަމަން ރެޑް ހޮޓަލުގެ ކުރިމަތީގައި ހުންނަ ޗަބާޑް ހައުސް އަދިވެސް ހުޅުވާފައި ހުރުމުން ކަންބޮޑުވުން ފާޅުކުރައްވަމުން، ކުރިން އެތަނުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔައީ ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) އިން ނަމަވެސް މިހާރު އާންމު ފުލުހުން އެތަނަށް ސެކިއުރިޓީ ދެމުންދާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

އަދި ކުރީގެ އެއްވެސް ސަރުކާރަކުން ނުދޭ މިންވަރަށް މިހާރުގެ ސަރުކާރުން ސްރީލަންކާގައި ހަރަކާތްތެރިވުމުގެ ޖާގަ އިސްރާއީލަށް ދީފައިވާ ކަމަށް ވިދާޅުވެ، މިފަދަ ކަންކަމުގެ ސަބަބުން ގައުމީ ސަލާމަތަށާއި އެކި ނަސްލުތަކުގެ މެދުގައި އޮތް އެއްބައިވަންތަކަމަށް ބޮޑު ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް