އެކި މުއައްސަސާތަކުން 19 ބޭފުޅަކު ތަޖުރިބާ ދަތުރެއްގައި ސަޢޫދީ ޢަރަބިއްޔާއަށް ފުރައިފިއެވެެ.

ސަޢޫދީގެ ހެޔޮއެދޭ މުއައްސަސާއެއްގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި އުމްރާ އަދި އިސްލާމީ ތަޢުލީމީ ތަޖުރިބާ ދަތުރުގައި އިސްލާމިކް މިނިސްޓްރީއާއި، ޒަކާތު ހައުސްއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، ޒުވާން ޚަޠީބުންނާއި، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާއި، ޒިކުރާ ކޮލެޖާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ސިވިލް ސަރވިސް ކޮމިޝަންގެ އިތުރުން އެވިޑް ކޮލެޖުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ދަތުރުގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ ތާރީޚާއި، ދީނީ ތަޢުލީމު އަދި އިސްލާމީ މުއައްސަސާތައް ހިންގުމާ ގުޅޭގޮތުން ބައިވެރިންގެ ޢިލްމީ މަޢުލޫމާތު އިތުރުކުރުން ކަމަށެވެ. ހަމައެއާއެކު، ސަޢޫދީ ޢަރަބިއްޔާގެ ފާހަގަކޮށްލެވޭ ދީނީ، ތަޢުލީމީ އަދި ތާރީޚީ މުއައްސަސާތަކުން ޢިލްމީ އަދި ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީވެސް މި ދަތުރުގެ މަޤްޞަދެއްކަމަށް އެމިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން މައުލޫމާތުދިންގޮތުގައި މި ތަޢުލީމީ ޕްރޮގްރާމްގެ ދަށުން، ބައިވެރިން ސަޢޫދީ ޢަރަބިއްޔާގެ ފާހަގަކޮށްލެވޭ އިސްލާމީ މުއައްސަސާތަކަށާއި ތާރީޚީ ބިނާތަކަށް ޒިޔާރަތްކުރައްވާނެއެވެ. އެގޮތުން، އުއްމުލް ޤުރާ ޔުނިވަރސިޓީއާއި، ކުއްލިއްޔަތުލް ޙަރަމިލް މައްކިއްޔިއްޝަރީފާއި، މަސްޖިދުލް ޙަރާމްގެ ކުތުބުޚާނާގެ އިތުރުން ޙައްޖުގެ މުހިންމު މާތް ބިންތަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ކީރިތި ރަސޫލާ ﷺ ގެ ސިޔަރަތާ ބެހޭ ބައިނަލްއަޤްވާމީ ދާރުލްއާޘާރަށާއި، ކީރިތި ޤުރްއާނާ ބެހޭ ދާރުލްއާޘާރަށާއި، މަދީނާގެ ދާރުލްއާޘާރުތަކަށާއި، މަސްޖިދުއްނަބަވީއަށާއި، އިސްލާމީ ތާރީޚުގައި ފާހަގަކޮށްލެވޭ ބަދުރާއި އުޙުދުގެ މައިދާނަށްވެސް ބައިވެރިން ޒިޔާރަތްކުރައްވާނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް