ފަސްޓްލައިން މެނޭޖްމަންޓް ކޯސް – 17 ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ފުލުހުން
ފަސްޓްލައިން މެނޭޖްމަންޓް ކޯސް – 17 ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން، ފޮޓޯ: ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުގެ ސައުތު ސެންޓްރަލް ޕޮލިހުގައި މަސައްކަތްކުރާ ފުލުހުންގެ ލީޑަރޝިޕް އަދި ސުޕަވައިޒަރީ ހުނަރުތައް ތަރައްޤީކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ "ފަސްޓްލައިން މެނޭޖްމަންޓް ކޯސް – 17" ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ކޯސް ނިންމުމަށް މި މަހު 16 ވަނަ ދުވަހު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސަދަން ޕޮލިސް ކޮމާންޑަރު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދުއެވެ. މީގެއިތުރުން މި ރަސްމިއްޔާތުގައި ސައުތު ސެންޓްރަލް ޕޮލިސް ކޮމާންޑަރު، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފާޠިމަތު ނަޝްވާއާއި، ތ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިފާޢު ބައިވެރިވެލެއްވިއެވެ.

އޮކްޓޫބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެން ހަތަރު ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގައި ޖުމްލަ 22 ފުލުހަކު ވަނީ ބައިވެރިވެ، ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ތ. އަތޮޅުގައި މަސައްކަތްކުރާ ނުވަ ފުލުހަކާއި، ލ. އަތޮޅުގައި މަސައްކަތްކުރާ 13 ފުލުހެކެވެ. މި ކޯހުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ސީނިއަރ ސާޖަންޓް މުޙައްމަދު ރިޟްވާންއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި، ސައުތު ސެންޓްރަލް ޕޮލިސް ގުޅިގެން ލ. ގަމުގައި ހިންގި މި ކޯހުގައި މައިގަނޑު ގޮތެއްގައި އުނގަންނައިދީފައިވަނީ ފުލުހުންގެ ލީޑަރޝިޕް ގާބިލުކަން އިތުރުކުރުމަށާއި، ސުޕަވައިޒަރީ ފެންވަރު މަތިކުރުމަށް ބޭނުންވާ މުހިންމު ދާއިރާތަކެވެ.

އެގޮތުން، "ލީޑަރޝިޕް އެތިކްސް އެންޑް ޕީޕަލް މެނޭޖްމަންޓް، ސްޓްރެޓީޖިކް އެންޑް އޮޕަރޭޝަނަލް ލީޑަރޝިޕް، ލީގަލް އެވެއާނެސް އެންޑް ކޮމިއުނިޓީ ޕޮލިސިންގ، ޑިޖިޓަލް ޑާޓާ އެންޑް ޓެކްނޮލޮޖީ އިން ލޯ އެންފޯސްމަންޓް" ފަދަ މޮޑިއުލްތައް ކޯހުގެ ބައިވެރިންނަށް ވަނީ އުނގަންނައިދީފައެވެ. މީގެއިތުރުން ކިޔަވައިދެވުނު މޮޑިއުލްތަކުގެ އަމަލީ ތަޖުރިބާ ހިމެނޭ ސިނާރިއޯ ބޭސްޑް ޓްރެއިނިންގތަކާއި، ޕްރެޒެންޓޭޝަން އަދި މުވާސަލާތީ ހުނަރުތައް ވެސް މި ކޯހުގެ ތެރެއިން ވަނީ ފުލުހުންނަށް ދަސްކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު