މާލީ ވަޒީރު ޙަސަން ޒަރީރު
މާލީ ވަޒީރު ޙަސަން ޒަރީރު
ގައުމެއްގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ދަނޑުވެރިން އަދާކުރަނީ ވަރަށް މުހިންމު އަދި އަގުހުރި ދައުރެއް ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ދިވެހި ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރި ކުރަށްވައި އާންމުކުރެއްވި މެސެޖެއްގައި މާލީ ވަޒީރު ވަނީ، ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދިނުމަށާއި، ގައުމުގެ ކާބޯތަކެތީގެ ޔަގީންކަން ދެމެހެއްޓުމަށްޓަކައި ދަނޑުވެރިން ކުރަމުންދާ ބުރަ މަސައްކަތްތަކުގެ އަގު ވަޒަންކުރައްވާފައެވެ.

އެގޮތުން ވަޒީރު ވަނީ، ދަނޑުވެރިކަމަކީ އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގައުމުގެ ކުރިއެރުމާ ސީދާ ގުޅިފައިވާ މުހިންމު ދާއިރާއެއް ކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި މި މަސައްކަތުގައި އެކި ގޮތްގޮތުން މަސްއޫލުވެ އުޅޭ އެންމެހާ ފަރާތްތަކުން ކުރަމުންގެންދާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި، އެ ހުރިހާ ފަރާތްތަކަށް ވެސް ވަޒީރު ވަނީ ތަހުނިޔާއާއި މުބާރިކުބާދީ އަރިސްކުރަށްވާފައެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދަނީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އެތެރެކުރާ ކާބޯތަކެއްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި ދަނޑުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު