މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ބިޔަ ރަސްމާލެ މަޝްރޫއު އެއްވެސް ބަޔަކަށް ނުހުއްޓުވޭނެ ކަމަށާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެ މަޝްރޫއަށް ހުރަސްއަޅުއްވަން އުޅުއްވަނީ ހަމައެކަނި ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަހީމް ޢަބްދުﷲ އެމަނިކުފާނަށް ވަރަށް ހޫނު ބަހުގެ ހަމަލާތަކެއް ރައްދުކުރައްވައިފިއެވެ.

ރަސްމާލޭގައި ޔޫއޭއީގެ ކުންފުންޏަކާ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއު ހުއްޓުވުމަށް، އިދިކޮޅު އެމްޑީޕީއާ ގުޅިގެން ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅުތަކަށް އިޝާރާތްކުރައްވަމުން އަބްދުއްރަހީމް ވަނީ އެމަނިކުފާނުގެ ވެރިކަމުގެ މާޒީ ހަނދާންކޮށްދެއްވާފައެވެ. އެގޮތުން، ރައީސް ޔާމީންގެ ވެރިކަމުގައި ސައޫދީ އަރަބިއްޔާގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން ރޭވި ބިޔަ މަޝްރޫއު ހުއްޓުވަން އޭރު އެމްޑީޕީން މަސައްކަތް ކުރުމުން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި އެ ޕާޓީން ގައުމާއި ރައްޔިތުންނަށް ވީ ޚިޔާނާތެއް ކަމަށް ޔާމީން ވިދާޅުވިކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭރު އެމްޑީޕީން ކުރި ކަންކަމާއި މިއަދު އެމްޑީޕީއާ ގުޅިގެން ރައީސް ޔާމީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ހުރީ ކޮން ތަފާތެއްތޯ ވިދާޅުވެ އަބްދުއްރަހީމް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އޭރު ދެއްކެވި ވާހަކަފުޅުތަކާއި މިހާރު ދައްކަވާ ވާހަކަފުޅުތައް އެއްގޮތަކަށްވެސް ދިމާނުވާކަން ފާހަގަކުރައްވައި، މިއަދު ހަމަ އެފަދަ ސިޔާސީ ދަހިވެތިކަމެއްގައި ރައީސް ޔާމީނަށް ވެސް ޣައްދާރުވެވެނީ ގައުމާއި ރައްޔިތުންނަށް ނޫންތޯ އޭނާ އެއްސެވިއެވެ. މީގެއިތުރުން، ވެރިކަމުގެ ދަހިވެތިކަން އިންތިހާއަށް ބޮޑުވެގެން ގޮސް، އަމިއްލަފުޅަށް ކުރެއްވޭ ނުކުރެއްވޭ ކަންކަމާއި، ދެއްކެވޭ ނުދެއްކޭ ވާހަކަތައް ވެސް ވަކިކުރަން އެނގިވަޑައިނުގަންނަވާ ހިސާބަށް ރައީސް ޔާމީންގެ ކަންކަން ގޮސްފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ދިވެހި ރައްޔިތުންގެ ހޭލުންތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ދިވެހިންނަކީ ސިޔާސީ ލީޑަރުން ޖައްސަވާހާ ބެރަކަށް ނަށާނެ ބައެއް ނޫން ކަމަށާއި، ރައްޔިތުންނަކީ ގައުމާ މެދު ފުންކޮށް ވިސްނައި، ރަނގަޅާއި ނުބައި ސާފުކޮށް ވަކިކުރަން ދަންނަ، ފިކުރީ ގޮތުން ތަސައްއްރުފު ފުދިފައިވާ ހަރުދަނާ ބައެއް ކަމަށެވެ. އަދި ދިވެހިން އަބަދުވެސް ބޭނުންވަނީ ގައުމީ ހަމަޖެހުމާއި، ރައްކާތެރިކަމާއި، ހަގީގީ ތަރައްގީ ކަމަށް ފާހަގަކުރައްވައި، އެންމެންގެ އިސް ޝިއާރަކަށް ވާންވާނީ "އެންމެ ފުރަތަމަ ގައުމު" ކަމަށްވެސް ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫއު ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، މާތް ﷲ ގެ ތަނަވަސް ރަހުމަތްފުޅާއެކު، ރައީސް ޑރ. މުއިއްޒުގެ މި ޒައާމަތުގައި މާ ލަސްތަކެއް ނުވެ މި ތާރީޚީ މަޝްރޫއު ފެށިގެންދާނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ހުރިހާ މަސައްކަތެއްވެސް ކުރިއަށްދާނީ ގާނޫނުއަސާސީއާއި ގާނޫނުތަކުގެ ހަމަތަކުގެ މަތިން ކަމަށާއި، މި ބިޔަ ތަރައްގީގެ ފޮނި މޭވާ ކުރިމަގުގައި އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނީ ދިވެހި ރައްޔިތުންނަށް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު