ރައީސް ޑރ. މުހައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި ހާއްސަ ގާނޫނެއް ވުޖޫދުކުރުމާއި، ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، ރައްޔިތުންނަށް ފަސޭހައިން ވާސިލުވެވޭ، އޯގާތެރި އަދި ހަމަހަމަ ނަފްސާނީ ސިއްހަތުގެ ނިޒާމެއް ބިނާކުރުމަށް ސަރުކާރުން ވެފައިވާ ވައުދު އަލުން ކަށަވަރުކޮށްދެއްވާ ކަމަށެވެ. އަދި މި ނިޒާމު ބައްޓަންކުރާނީ މި ހިދުމަތް ލިބިގަންނަ މީހުންގެ އަޑުއަހައި، އެމީހުންގެ ތަޖުރިބާތަކުގެ މައްޗަށް ބިނާކޮށް، ދިވެހި ރައްޔިތުންގެ ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި އަމާޒަށް ވާސިލުވުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، 2025 އިން 2029 އަށް އަމާޒުކޮށްގެން އެކުލަވާލާ "މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން" ގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. މީގެއިތުރުން ގާނޫނީ އަދި ސިޔާސީ އޮނިގަނޑު ހަރުދަނާކުރުމުގެ ގޮތުން، ގައުމީ ފެންވަރުގެ ނަފްސާނީ ސިއްހަތުގެ ސިޔާސަތެއް (ނޭޝަނަލް މެންޓަލް ހެލްތު ޕޮލިސީ) އެކުލަވާލުމާއި، ފުރިހަމަ އަދި ޝާމިލު "މެންޓަލް ހެލްތު އެކްޓް" އެއް އެކުލަވާލުމުގެ މަސައްކަތް ވެސް ކުރެވެމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ޕްރިއިމަރީ ހެލްތުކެއާ ދިނުމުގެ ތެރެއަށް ނަފްސާނީ ސިއްހަތުގެ ހިދުމަތްތައް ލާމެހިގެންދާނެ ގޮތް ހަމަޖެއްސުމާއި، އަތޮޅުތަކުގައި ދެވޭ ސަރަހައްދީ އަދި ހާއްސަ ފަރުވާތައް ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޓެކްނޮލޮޖީގެ އެހީގައި ފޯރުކޮށްދޭ "ޓެލެ-މެންޓަލް ހެލްތު" ހިދުމަތްތަކާއި، ކާރިސާތަކާއި ކުއްލި ހާލަތްތަކުގައި އަވަހަށް އިޖާބަދޭ ނިޒާމުތައް ތަރައްގީކުރުމަކީ ވެސް މި މަސައްކަތުގެ މުހިންމު ބައެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު އިތުރަށް ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އިސްކަމަކީ ބަލި ޖެހުމުގެ ކުރިން ރައްކާތެރިވުމަށާއި، ބަލީގެ ކުރީކޮޅުގައި ދެނެގަނެ ފަރުވާ ފެށުމަށް އިސްކަންދިނުމެވެ. އަދި އެންމެހައި ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމެވެ.

އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވަމުން ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އުއްމީދަކީ ކޮންމެ ރަށެއްގައާއި، ކޮންމެ މުޖުތަމައެއްގައި، އަދި އެކަކު އަނެކަކާ ދެމެދު ދެކެވޭ ތެދުވެރި ވާހަކަތަކުން، އެކަކު އަނެކަކަށް އަޅާލާ، އޯގާތެރި ދިވެހިރާއްޖެއެއް ބިނާކުރުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް