އީގަލް ހިލްސްގެ ބާނީ (ކ)
އީގަލް ހިލްސްގެ ބާނީ (ކ)
"މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" ގެ ނަމުގައި ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ ބިޔަ މަޝްރޫޢުގެ ހުރިހާ ކަމެއްވެސް ކުރިއަށްގެންދާނީ ހާމަކަން ބޮޑު ގޮތެއްގައި، ދިވެހި ވިޔަފާރިވެރިންނަށާއި މުޅި މުޖުތަމަޢަށް އެންމެ ބޮޑު ފައިދާއެއް ލިބޭނެ ގޮތަށް ކަމަށް އެ މަޝްރޫޢު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލައްބާރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބައެއް ވިޔަފާރިވެރިންނާއެކު އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަލައްބާރު ވިދާޅުވީ، އީގަލް ހިލްސްއިން ރާއްޖޭގައި ހިންގާ މި މަޝްރޫޢުގައި ފޮރުވަންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި ދުނިޔޭގެ 20 ޤައުމެއްގައި އެ ކުންފުނީގެ މަޝްރޫޢުތައް މިހާރުވެސް ކުރިއަށްދާއިރު، އެ ހުރިހާ މަސައްކަތެއްވެސް ބަލަހައްޓަނީ އަޚްލާޤީ އަދި ހާމަކަން ބޮޑު އުޞޫލުތަކުގެ ތެރެއިން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ އިސްވެ ހުންނަވައިގެން ވޭތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި ހިންގެވި 450 ބިލިއަން ޑޮލަރުގެ މަޝްރޫޢުތަކުގެ މައިގަނޑު ފަލްސަފާއަކީ އެ މަޝްރޫޢެއް ހިންގާ މުޖުތަމަޢަކަށް ވީހާވެސް ބޮޑު މަންފާއެއް ހޯދައިދިނުން ކަމުގައި އަލައްބާރު ވިދާޅުވިއެވެ. އެގޮތުން ރަސްމާލެ މަޝްރޫޢަށް ބޭނުންވާ ތަކެތި ގަތުމުގައާއި، ވަޒީފާއާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގައި ދިވެހިންނަށް އިސްކަންދެއްވާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ. މީގެއިތުރުން، ދިވެހި މުޖުތަމަޢަށް ފައިދާ ނުކުރާ އެއްވެސް މަޝްރޫޢެއް ހިންގުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށާއި، މި މަޝްރޫޢުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް އިންވެސްޓް ކުރުމުގެ ބޮޑެތި ފުރުޞަތުތަކެއް ހުޅވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ މާލީ އިންތިޒާމުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަލައްބާރު ވިދާޅުވީ، ފައިސާ ހަމަޖައްސާނީ އީގަލް ހިލްސްގެ އަމިއްލަ ފައިސާއާއި، ބޭންކް ލޯނުގެ އިތުރުން ވިއްކާ ޕްރޮޕަޓީތަކުން ލިބޭ އާމްދަނީން ކަމަށެވެ. އަދި ބޭންކުތަކުން ލޯނު ނެގުމުގެ ކުރިން ކުންފުނީގެ އަމިއްލަ ފައިސާ އިންވެސްޓްކުރަން ޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ކުންފުނިން އެއްވެސް ފައިދާއެއް ނެގުމުގެ ކުރިން، 500 މިލިއަން ޑޮލަރު ހޭދަކޮށްގެން ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ މާލީ ނިޒާމަށް ބޭރު ފައިސާ ވަނުމަކީ ވެސް މި މަޝްރޫޢުގެ ވަރަށް މުހިންމު ބައެއްކަން ފާހަގަކުރަށްވައި އަލައްބާރު ވިދާޅުވީ، މި މަޝްރޫޢުން އެޕާޓްމަންޓްތައް ވިއްކައިގެން ލިބޭ ބޭރު ފައިސާ އަބޫދާބީއަށް ގެންދިއުމުގެ ބަދަލުގައި، އެ ފައިސާ ބަހައްޓާނީ ރާއްޖޭގެ ބޭންކުތަކުގައި ކަމަށެވެ. މިއީ ރާއްޖޭގެ އިޤްތިޞާދަށް އިންތިހާއަށް ހެޔޮ އަސަރު ކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މަޝްރޫޢުގެ ތަފްޞީލީ އެއްބަސްވުން އަދި އާންމުނުކޮށް ލަސްވަނީ އެއްބަސްވުމުގެ އެންމެ ފަހުގެ ކަންކަން މުޅިން ނުނިމޭތީ ކަމަށާއި، ހުރިހާ ކަމެއް ފައިނަލްވުމުން އެ މަޢުލޫމާތު ހާމަކުރަންޖެހޭނެ ކަމަށް އަލައްބާރު ވިދާޅުވިއެވެ. އަދި ފައިނަލް އެއްބަސްވުމަކީ އެއްފަރާތަކަށް ބުރަނުވެ، ދެ ފަރާތުގެ ޙައްޤުތައްވެސް ފުރިހަމައަށް ހިމާޔަތްކުރެވޭނެ، ޒިންމާދާރު ޑިވެލޮޕަރެއްގެ ސިފަތައް އެކުލެވޭ އެއްބަސްވުމަކަށް ވާންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަލައްބާރު ވިދާޅުވީ، ރަސްމާލެ ޕްރޮޖެކްޓަކީ ފުރިހަމަ ކުދި ސިޓީތަކެއް ބިނާކުރުން ފަދަ ކަމެއް ކަމަށެވެ. މަގުތަކާއި، ސްކޫލްތަކާއި، ޕާކުތަކުގެ އިތުރުން ހޮޓާތަކާއި ވިޔަފާރި މަރުކަޒުތައް ހިމެނޭ ގޮތަށް ފުރިހަމަ މަންޒިލެއް ތަރައްޤީ ކުރުމަކީ އޭނާގެ ދިގު މާޒީގައި ކާމިޔާބުކަމާއެކު ކޮށްފައިވާ ތަޖުރިބާއެކެވެ. މީގެ ތެރޭގައި ސާބިއާގެ ބެލްގްރޭޑް ވޯޓަފްރަންޓާއި، އަލްބޭނިއާގެ ޑުރެސް ޔޮޓްސް އެންޑް މަރީނާގެ އިތުރުން ބަހްރޭނާއި މިސްރުގައި ހިންގާފައިވާ ބޮޑެތި މަޝްރޫޢުތައް ހިމެނެއެވެ.

ޖުމްލަ 20 ބިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫޢު ކުރިއަށްގެންދާ ކުންފުނީގެ އެންމެ އިސްވެރިޔާ އިއްޔެ ރާއްޖެއަށް ފެއްޓެވި މި ދަތުރުފުޅަކީ ރާއްޖޭގެ އިޤްތިޞާދީ އަދި އުމްރާނީ ތަރައްޤީއަށް އެޅިގެންދިޔަ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ދިވެހި ސަރުކާރުން އީގަލް ހިލްސްއާއެކު ފާއިތުވި ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން، ރަސްމާލެއިން ހިއްކާ 1010 ހެކްޓަރު ބިމުގެ ތެރެއިން 500 ހެކްޓަރުގެ ބޮޑު ސަރަޙައްދެއްގައި ބައިނަލްއަޤްވާމީ ފެންވަރުގެ މެރީނާއަކާއި ވޯޓާފްރަންޓް މަންޒިލެއް ތަރައްޤީކޮށް 99 އަހަރު ހިންގާނީ އެ ކުންފުނިންނެވެ. މި މަޝްރޫޢުގައި ހިއްކާ ބިމުގެ ބާކީ 600 ހެކްޓަރު ޚާއްޞަކޮށްފައިވަނީ ދިވެހި ރައްޔިތުންގެ އިޖުތިމާޢީ ބޯހިޔާވަހިކަމަށާއި، އާންމުންނަށް ދޫކުރާ ބިމުގެ ޕްލޮޓްތަކުގެ އިތުރުން މުނިސިޕަލް ޚިދުމަތްތައް ޤާއިމުކުރުމަށެވެ.

މި މަޝްރޫޢާ ގުޅޭގޮތުން މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެފައިވަނީ، ރަސްމާލޭގެ އަމަލީ މަސައްކަތް ސައިޓުގައި ސީދާ ފެށުމުގެ ކުރިން، އީގަލް ހިލްސްއިން ހުޅުމާލޭގައި 5،000 ހައުސިންގ ފްލެޓް އެޅުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. މިއީ މި ބިޔަ މަޝްރޫޢުގެ އިބްތިދާއީ މަރުޙަލާގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުހިންމު މަސައްކަތެކެވެ.

"މޯލްޑިވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" މަޝްރޫޢަކީ ރާއްޖޭގެ މާލީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނުވާނެ މަޝްރޫޢެކެވެ. މިގޮތުން މަޝްރޫޢުގެ ފުރަތަމަ އަހަރުގެ ތެރޭގައި އެކަނިވެސް 12 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ވަންނާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. އަދި އޭގެ ފަހުން ކޮންމެ އަހަރަކު 2 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ލިބިގެންދާއިރު، ދައުލަތަށް ސީދާ އާމްދަނީގެ ގޮތުގައި 11 ބިލިއަނަށްވުރެ ގިނަ ޑޮލަރު ލިބި، 54،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު މުޅި ރާއްޖެއަށް އުފެދިގެންދާނެ ކަމަށް ސަރުކާރުން އަންދާޒާ ކުރެއެވެ.

ޤާނޫނު އަސާސީގައިވާ ގޮތުން ރާއްޖޭގެ ބައެއް ބޭރު މީހުންނަށް 99 އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ކުއްޔަށް ދިނުމަކީ ހުއްދަ ކަމެކެވެ. ނަމަވެސް އެކަމާ ގުޅޭ ގާނޫނެއް މިހާތަނަކަށް ނެތެވެ. ޓޫރިޒަމާ ބެހޭ ގާނޫނުން އެހުއްދަ ލިބެނީ 50 އަހަރަށެވެ. އަދި ލީސް މުއްދަތު އިތުރު ކުރެވެނީ 49 އަހަރަށެވެ. ސްޕެޝަން އިކޮނޮމިކް ގާނޫނުގެ ދަށުން ބިދޭސީންނަށް އެންމެ ގިނަވެގެން ބިމެއް ދޫކުރެވެނީ 66 އަހަރަށެވެ. އަދި އެ މުއްދަތު އިތުރުކުރެވެނީ 33 އަހަރަށެވެ.

އަލައްބާރު ރާއްޖެ ވަޑައިގެންފައިވާއިރު، ރަސްމާލެއިން އީގަލްހިލްސް ކުންފުންޏަށް ބިން ދިން މައްސަލަ ބާތިލުކުރަން މިހާރުވަނީ ސުޕްރީމް ކޯޓަށްވެސް ހުށައަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް