މަޖުނޫން ގެ ޕޯސްތަރު
މަޖުނޫން ގެ ޕޯސްތަރު
މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ ކުރިއަށް އޮތް ފިލްމު "މަޖުނޫން" ގެ ޝޫޓިން ތެރޭގައި ހިތުގައި ޖެހި، އެތައް ފަހަރަކު ރޮވުނު ކަމަށް އެ ފިލްމުގެ ލީޑު އެކްޓަރު އަހުމަދު ޝާރިފް ބުނެފިއެވެ.

ޝާރިފް މިހެން ބުނީ ރޭ ކުރިއަށްދިޔަ ނަހުލާގެ ޓިކްޓޮކް ލައިވްގައެވެ. އެއްފަހަރާ 1،000 އަށްވުރެ ގިނަ މީހުން ބައިވެރިވެ، 20،000 އަށްވުރެ ގިނަ މީހުން ބެލި މި ލައިވް ސެޝަންގައި، މަޝްހޫރު ޓިކްޓޮކް އިންފްލުއެންސަރު އެވްރީޝާ ކުރި ސުވާލަކަށް ޖަވާބުދެމުން ޝާރިފް ބުނީ ފިލްމުގެ މަސައްކަތުގެ ތެރޭގައި ހަގީގަތުގައިވެސް އެތައް ފަހަރަކު ފެންކަޅިވެ ރޮވުނު ކަމަށެވެ. އަދި އެ މަންޒަރުތަކަކީ އަސްލު އިންސާނަކު ތަހައްމަލުކުރި ހަގީގީ ހާދިސާތަކެއްކަން އެނގުމުން، ހިތަށް ކުރި އަސަރު ވަކިން ބޮޑުވި ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

ޑައިރެކްޓަރު ނަހުލާ ހާމަކުރި ގޮތުގައި "މަޖުނޫން" އަކީ ހަގީގީ ހާދިސާތަކަކުން އިންސްޕަޔާވެގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ބޮޑު ބަޔަކީ ހަގީގަތް ކަމަށް ވިޔަސް، ސިނަމެޓިކް ތަޖުރިބާއަކަށް ހެދުމަށްޓަކައި ވަކި ހިސާބަކުން ބައެއް ބަދަލުތައް ގެނެސްފައިވާނެ ކަމަށް އޭނާ ބުންޏެވެ. އަދި މި ވާހަކަ ބިނާކޮށްފައިވަނީ މި ދާއިރާގެ މާހިރުންނާ މަޝްވަރާކޮށް، ފުޅާ ދާއިރާއެއްގައި ދިރާސާކުރުމަށް ފަހުގައި ކަމަށްވެސް ނަހުލާ ބުންޏެވެ.

މިހާރު މުޖުތަމައުގައި ގިނަވަމުންދާ، ނަމަވެސް ދުނިޔޭގެ ނިސްބަތުން މަދުން ނޫނީ ނުފެންނަ ފަދަ ހާލަތެއް ދައްކުވައިދޭ މި ފިލްމާ ބެހޭގޮތުން ބަތަލާ ޝިފާ ބުނީ، މިއީ ފިލްމުގެ އެއްވެސް ތަރިއަކަށް ކުޅެލަން ފަސޭހަވި ފިލްމެއް ނޫން ކަމަށެވެ.

"ކޮންމެ މީހަކަށްވެސް އޮތީ އެހާ ބޮޑު މަސައްކަތެއް. ހުރިހާ އަސަރުތަކެއް އޭގެ އިންތިހާއަށް ދައްކަން ޖެހުނު. މިއީ އުނދަގޫ މަސައްކަތެއް. އެކަން ފިލްމުން ފެންނާނެ. ވަރަށް ޕްރައުޑްވާ ފަދަ މަސައްކަތެއް މިއީ،" ޝިފާ އޭނާގެ ރޯލާމެދު ހިތްހަމަޖެހިފައި ހުރެ ބުންޏެވެ.



ރޭގެ ޓިކްޓޮކް ލައިވް ނިމިގެން ދިޔައީ ބެލުންތެރިންގެ މެދުގައި ފިލްމަށް އޮތް ޝައުގުވެރިކަމާއި އިންތިޒާރު އިންތިހާއަށް އިތުރުކުރުވަމުންނެވެ.

ނަހުލާ ބުނެފައިވާ ގޮތުގައި މިފަހަރު އޮލިމްޕަސް ލިބިފައިވާ މުއްދަތު ކުރުވުމުން، ފިލްމު ބަލަން ބޭނުންވާ ހުރިހާ އެންމެންނަށް ބޮޑު ސްކްރީނުން ފިލްމު ބަލައިލުމުގެ ފުރުސަތު ނުލިބިދާނެއެވެ. އެހެންކަމުން ވީހާވެސް އަވަހަކަށް ޓިކެޓު ނެގުމަށް އޭނާ ވަނީ ބުނެފައެވެ. ފިލްމުގެ ޓިކެޓު މިހާރު އޮލިމްޕަހުގެ ކައުންޓަރުން ލިބެން ހުރިއިރު، 7844422 އަށް ގުޅައިގެން އޮންލައިންކޮށްވެސް ޓިކެޓު ގަނެވޭނެ ގޮތް ވަނީ ހަމަޖެހިފައެވެ.

ގިނަ ބަޔަކު ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން އަންނަ "މަޖުނޫން" އޮލިމްޕަހުގެ ސްކްރީނުގައި ރަސްމީކޮށް ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މިމަހު 26 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު