ނާނާ ޕާޓޭކަރު (ވިޝްވަނާތު ޕާޓޭކަރު)
ނާނާ ޕާޓޭކަރު (ވިޝްވަނާތު ޕާޓޭކަރު)
އިންޑިއާގެ މަޝްހޫރު އަދި ހުނަރުވެރި އެކްޓަރު ނާނާ ޕާޓޭކަރު (ވިޝްވަނާތު ޕާޓޭކަރު) ކުއްލި ހާޓް އެޓޭކެއް ޖެހިގެން އުމުރުން 75 އަހަރުގައި ފަތިހު ނިޔާވެއްޖެއެވެ.

އޭނާ ނިޔާވީ އިންޑިއާގެ ގޯއާގެ ދޯނާ ޕޯލާގައި ހުންނަ އޭނާގެ ގޭތެރޭގައި ހޭނެތިފައި އޮއްވާ ފެނިގެން، ވަގުތުން ގޯއާގެ މަނީޕާލް ހޮސްޕިޓަލަށް ގެންގޮސް ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުންގެ ޓީމަކުން 45 މިނެޓު ވަންދެން މަސައްކަތް ކުރުމަށްފަހު، ފަތިހު 5:20 ހާއިރުއެވެ.

މި މަރާ ގުޅިގެން ފުރިހަމަކުރަންޖެހޭ ޤާނޫނީ ކަންކަން ފުރިހަމަކުރުމަށް މެޑިކޯ-ލީގަލް ކޭސްއެއް ރަޖިސްޓްރީކޮށް ޕޯސްޓްމޯޓަމް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

1 ޖެނުއަރީ 1951 ގައި މަހާރާޝްތުރާއަށް އުފަންވި ނާނާ ޕާޓޭކަރަކީ ހިންދީ އަދި މަރާޓީ ފިލްމުތަކުގައި އޭނާގެ ވަރުގަދަ އެކްޓިންއާއި، ތަފާތު ޑައިލޮގް ކިޔުމުގެ ހުނަރުން އާންމުންގެ ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަންނާނެކެވެ.

1978 ވަނަ އަހަރު ނެރުނު “ގަމަން” އިން ބޮލީވުޑަށް ތައާރަފްވި ނާނާ ވަނީ “ޕަރިންދާ”، “ކްރާންތީވީރު”، “ޝަކްތީ: ދަ ޕަވަރ”، “އަބް ތަކް ޗައްޕަން” އަދި “ޓެކްސީ ނަންބަރު 9211” ފަދަ މަޝްހޫރު ފިލްމުތަކުން ފެނިގެންގޮސްފައެވެ. މީގެ އިތުރުން “ވެލްކަމް” ސީރީޒްގައި އޭނާ ކުޅެދިން “އުދޭ ޝެޓީ” ގެ ކޮމެޑީ ރޯލަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބުނު ކެރެކްޓާއެކެވެ.

އޭނާގެ ކާމިޔާބު ފިލްމީ ހަޔާތުގައި ތިން ފަހަރެއްގެ މަތިން އިންޑިއާގެ ނޭޝަނަލް ފިލްމު އެވޯޑު ހޯދާފައިވާއިރު، 2013 ވަނަ އަހަރު އިންޑިއާ ސަރުކާރުން ވަނީ އޭނާއަށް “ޕަދްމަ ޝްރީ” އެވޯޑު އަރުވާފައެވެ.

ސިނަމާގެ އިތުރުން ދަނޑުވެރިންނަށާއި އެމީހުންގެ އާއިލާތަކަށް އެހީތެރިވުމުގައި އިޖުތިމާއީ ގޮތުންވެސް ބޮޑެތި މަސައްކަތްތަކެއް ކޮށްދީފައިވާ ނާނާ ޕާޓޭކަރު ކުއްލިއަކަށް ވަކިވުމާ ގުޅިގެން، އިންޑިއާގެ ފިލްމީ އިންޑަސްޓްރީއަށާއި އޭނާގެ ސަޕޯޓަރުންނަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު