އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް
ކުރިއަށް އޮތް އެމެރިކާގެ އިންތިޚާބާ ދިމާކޮށް، ވޯޓުލުމުގެ ހައްގު ދިފާއުކުރުމަށާއި އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް ވޯޓު ދިނުމަށް، ހޮލީވުޑްގެ މަޝްހޫރު އެކްޓަރު މާކް ރަފަލޯ އާންމުންނަށް ގޮވާލައިފިއެވެ.

އޮކްޓޫބަރު 4 ވީ ހުކުރު ދުވަހު ބޭއްވި "ހޭންޑްސް އޮފް އަވާ ވޯޓު" އެއްވުމުގައި ވާހަކަދައްކަމުން، މާވެލް ސިނަމެޓިކް ޔުނިވާސްގެ "ހަލްކް" ގެ ކެރެކްޓާއިން ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ރަފަލޯ ވަނީ، އޭނާ ކުޅޭ ކެރެކްޓާގެ މަޝްހޫރު ޑައިލޮގްތައް ބޭނުންކޮށްގެން ޓްރަމްޕަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައެވެ.

އެގޮތުން، "އަހަރެން ހަލްކަށް ބަދަލުވެދާނެ ކަމަށާއި، އަހަރެން ރުޅިއައިސްފިނަމަ އެކަން އެއްވެސް މީހަކަށް ކަމަކުނުދާނެ" ކަމަށް ބުނެ އޭނާ އިންޒާރުދިނެވެ. އަދި އޭނާއަކީ އަދިވެސް ހަލްކްގެ ރޯލު އަދާކުރާ ފަރާތްކަން ހަނދާންކޮށްދެމުން، އާންމުން ވޯޓުލާން ނުކުތުމަށް ހުރަސްއެޅުމުގެ ގޮތުން ބިރުވެރިކަން އުފައްދަން މަސައްކަތްކުރަމުންދާ ކަމަށް ބުނެ ޓްރަމްޕްގެ ޓީމަށް އޭނާ ތުހުމަތުކުރިއެވެ.

މީގެއިތުރުން، އެމެރިކާގެ ރައްޔިތުން ސިޔާސީ ކަންކަމުގައި ފުރިހަމައަށް ބައިވެރިވުމަށާއި، މި އިންތިޚާބުގައި ޓްރަމްޕް ބަލިކޮށް، އޭނާއަކީ ބާރުތައް ގެއްލިފައިވާ "ލޭމް ޑަކް" ރައީސަކަށް ހެދުމަށް ރަފަލޯ ގޮވާލިއެވެ. އަދި އިންތިޚާބުކުރެވޭ މަންދޫބުންނަށް އަންނަ ޖެނުއަރީ މަހު މަގާމާ ހަވާލުވެވޭނެ މާހައުލެއް ކަށަވަރުކުރުމުގެ މުހިންމުކަންވެސް އޭނާ ފާހަގަކުރިއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކުގެ ދިފާއުގައި އަބަދުވެސް ވަރުގަދައަށް ވަކާލާތުކުރާ މާކް ރަފަލޯއަކީ، އޭނާގެ މަގުބޫލުކަން ބޭނުންކޮށްގެން ދިމިގްރާތީ ހަމަތަކާއި، އިންސާނީ ހައްގުތައް އަދި އިޖުތިމާއީ އިންސާފު ގާއިމުކުރުމަށް އަބަދުވެސް ވަކާލާތުކުރަމުން އަންނަ ފަންނާނެކެވެ.



ކިޔުންތެރިންގެ ހިޔާލު