ހުޅުމާލޭ ރުއްގަނޑު 2 ސަރަހައްދު މުނިފޫހިފިލުވުމުގެ މަރުކަޒަކަށް ތަރައްގީ ކުރުމުގެ ޑިޒައިން، ފޮޓޯ: އެޗްޑީސީ
ހުޅުމާލޭ ރުއްގަނޑު 2 ސަރަހައްދު މުނިފޫހިފިލުވުމުގެ މަރުކަޒަކަށް ތަރައްގީ ކުރުމުގެ ޑިޒައިން، ފޮޓޯ: އެޗްޑީސީ
ހުޅުމާލޭ ފޭސް އެކެއްގައި ހިތްފަސޭހަކަމަށް މަޝްހޫރު "ރުއްގަނޑު 2" ސަރަހައްދުގައި އޮތް ހުސްބިމުގައި، ޒަމާނީ ވަސީލަތްތަކާއެކު މުނިފޫހިފިލުވުމުގެ ބޮޑު މަރުކަޒެއް ތަރައްގީކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ރައްޔިތުންނާއި، އެ ރަށަށް ޒިޔާރާތްކުރާ ދިވެހިންނާއި ބޭރުގެ ފަތުރުވެރިންނަށްވެސް އެއް ފުރާޅެއްގެ ދަށުން ކުޅިވަރާއި މުނިފޫހިފިލުވުމުގެ އުފާވެރި ވަގުތުތަކެއް ހޭދަކޮށްލެވޭނެ ފަދަ ފުރިހަމަ ވެއްޓެއް ބިނާކުރުމެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން 10 ލޭނުގެ ޒަމާނީ ބޯލިންގ އެލީއަކާއި، ކުޑަކުދިންނާއި ޒުވާނުން ޝައުގުވެރިވާނެ ފަދަ ގޭމިންގ އާކޭޑެއް އެ ސަރަހައްދުގައި ގާއިމުކުރެވޭނެއެވެ. މީގެއިތުރުން، އުފަންދުވަހުގެ ޕާޓީތަކާއި އެކި ކަހަލަ އިޖްތިމާއީ ހަރަކާތްތައް ބޭއްވުމަށް ޚާއްސަ މަލްޓި-ޕާޕަސް ހޯލަކާއި، ކުޅިވަރުތައް ބަލަން ތިބެވޭނެ ހިތްގައިމު ޖާގައެއްވެސް މި ތަނުގައި ހިމެނެއެވެ.

އަތިރިމައްޗާ ކައިރި މި ސަރަހައްދަށް ޒިޔާރާތްކުރާ ފަރާތްތަކުގެ ފަސޭހައަށްޓަކައި، މޫދަށް އެރި އުޅުމަށްފަހު ފެންވެރޭނެ އިންތިޒާމާއި، ލޮކަރު ރޫމް އަދި އާންމު ފާހާނާބަރިއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވެހިކަލްތައް ޕާކުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ތަނަވަސް ޕާކިންގ އޭރިއާއެއްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

އެޗްޑީސީން ފާހަގަކުރި ގޮތުގައި، މި ތަން ޑިޒައިންކޮށްފައިވަނީ އެ ސަރަހައްދުގެ ގުދުރަތީ ރީތިކަމާއި ތިމާވެއްޓަށް އެއްވެސް ގެއްލުމެއް ނުވާނޭހެންނެވެ. އެގޮތުން، ރުއްގަނޑު ސަރަހައްދުގެ ގޮނޑުދޮށާއި، އެތަނުގައިވާ ފެހިކަމާއި ގަސްގަހާގެއްސަށް ބަދަލެއް ނާންނާނެ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ އިސްކަންދީފައެވެ.

މި އައު ވަސީލަތްތަކާއެކު ރުއްގަނޑު 2 ސަރަހައްދު ތަރައްގީވެގެން ދިޔުމަކީ، ހުޅުމާލޭގެ އާއިލާތަކުގެ އިތުރުން މުޅި މުޖުތަމައުގެ މެދުގައި އިޖްތިމާއީ ގުޅުން ބަދަހިވެ، އެންމެންނަށްވެސް ރައްކާތެރި އަދި އުފާވެރި މާހައުލެއް ލިބިގެންދާނެ ކަމެއް ކަމަށް އެ ކޯޕަރޭޝަނުން ދެކެއެވެ. ހުޅުމާލެއަކީ ދިރިއުޅެން ފަސޭހަ، ފުރިހަމަ ސްމާޓް ސިޓީއަކަށް ހެދުމަށް އެޗްޑީސީން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް