މަންހެޓަން ގްރޭންޑް ހޮޓެލް
މަންހެޓަން ގްރޭންޑް ހޮޓެލް
މެންހަޓަން ގްރޭންޑް ހޮޓެލް ގެ ނަމުގައި މާލެ ސަރަހައްދުގައި މިހާތަނަށް ތަރައްގީކުރި އެންމެ ބޮޑު ފަސް ތަރީގެ ހޮޓެލް މިރޭ ރަސްމީކޮށް ހުޅުވައިފިއެވެ.

ހުޅުމާލޭގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މި ހޮޓެލް ހުޅުއްވައިދެއްވީ މާލީކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ހަސަން ޒަރީރެވެ. މި ހޮޓެލް ހުޅުވުން ފާހަގަކުރުމުގެ ގޮތުން މިރޭ ހަވާ އެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިއީ 34 މިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓަކާއެކު 2011 ވަނަ އަހަރު ތަރައްގީ ކުރަން ފެށި އިމާރާތެކެވެ. އިމާރާތުގެ ކޮންސްޓްރަކްޝަން ނިމުނު ނަމަވެސް މަސައްކަތް ކުރިއަށް ނުގޮސް އެތައް އަހަރެއް ވެފައިވަނިކޮށް، އަދި 17 އިންވެސްޓަރަކު 20 އަހަރު ވަންދެން މަސައްކަތްކޮށްފައި ވަނިކޮށް، އެތަން ހިންގުމަށް "ވޯލްޑް އޮފް ބިޒްނަސް"އާ ހަވާލުކުރިއެވެ. އެއާއެކު އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ "ޑީޕް ސީފުޑް ކޮމްޕެނީ"ގެ 50 އިންސައްތަ ފޮރިން އިންވެސްޓްމަންޓާއެކު އެންމެ 11 މަސް ދުވަހުގެ ތެރޭގައި ތަން ނިންމައި މިރޭ މިވަނީ ހުޅުވައިފައެވެ.

މި ހޮޓެލްގެ ނުވަ ފަންގިފިލާ ހާއްސަކޮށްފައިވަނީ ސީދާ ފަސް ތަރީގެ ހޮޓެލްގެ ހިދުމަތްތަކަށެވެ. އެގޮތުން 162 ކޮޓަރިއާއި ސުއިޓްސްގެ އިތުރުން ސްވިމިން ޕޫލް، ހޮޓް ޓަބް، ސްޕާ އަދި ވެލްނެސް ސެންޓަރަކާއި ޖިމް، ގްރޭންޑް ބެންކެޓް ހޯލް، ކޮންފަރެންސް/އިވެންޓްތަކަށް ހާއްސަ 3 ބޮޑު ހޯލް އަދި ބައިނަލްއަގުވާމީ ފްރެންޗައިސް 4 ރެސްޓޯރެންޓް މިތަނުގައި ހުންނާނެއެވެ. މިއީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ހުޅުމާލޭގައި ޓްރާންސިޓް ކުރެވޭނެ ފެންވަރު ރަނގަޅު ހޮޓަލެއް ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ބިނާކޮށްފައިވާ ތަނެކެވެ.

މި ހޮޓެލުން ދައުލަތަށް ޓެކްސް އާއި އާމްދަނީގެ ގޮތުގައި އަހަރަކު 3 މިލިއަނެއްހާ ޑޮލަރު ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކުރެއެވެ. މީގެއިތުރުން، އިމާރާތުން ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ 3.5 ފްލޯގެ ސްޕޭސްގައި މީޑިއާ ވިލެޖާއި، އީ-ސްޕޯޓްސް ހިމެނޭ ޔޫތް ސެންޓަރާއި، ހެރިޓޭޖް ކޮލެޖް އަދި މެޑިކަލް ކޮލެޖް ތަރައްގީ ކުރުމުގެ މަސައްކަތްތައް ވެސް މިހާރު ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު