ފްރެންޑް 4 ދޯނިން ގެއްލުނު މީހުން-
ފްރެންޑް 4 ދޯނިން ގެއްލުނު މީހުން-
މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ހުވަދޫ ކަނޑަށް އަޑިއަށްދިޔަ ސަޕްލައި ދޯނީގެ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށްގެންދިޔަ ސަލާމަތީ އޮޕަރޭޝަން ރަސްމީކޮށް ހުއްޓާލައިފިއެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ދެވަނަ ދުވަހު ކ. ތިލަފުށިން މުދާ ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް ހަތަރެއް" ނަމަކަށް ކިޔާ ސަޕްލައި ދޯނި، އެ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ހުވަދޫ ކަނޑަށް ދިޔަވެ އަޑިއަށްދާން ފެށުމާ ގުޅިގެންނެވެ. އެ މައުލޫމާތު ލިބުމާއެކު ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ވަގުތުން ސަލާމަތީ އޮޕަރޭޝަނެއް ފެށިއެވެ.

ދޯނި އަޑިއަށްދިޔަ ވަގުތު އޭގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހުން ވަނީ ސަލާމަތީ ބާރުތަކުގެ ހިތްވަރުގަދަ މަސައްކަތުން ސަލާމަތްކޮށްފައެވެ. ނަމަވެސް، މި ހާދިސާގައި ދޯނީގެ ކެޕްޓަން، ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫން ވަނީ ގެއްލިފައެވެ. މީގެއިތުރުން، އެ ހާދިސާގައި މީހުން ސަލާމަތްކުރުމުގެ ނުރައްކާތެރި އޮޕަރޭޝަނުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުން ދިޔަ ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢު އާއި އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު ވެސް ވަނީ ކަނޑުވެ ގެއްލިފައެވެ.

އެ ތިން މީހުން ގެއްލުނު ފަހުން މިހާރު ދެ މަސްދުވަސް ފުރެން ގާތްވެފައިވާއިރު، އެމްއެންޑީއެފުން މިދިޔަ މަހުގެ 17 ގައި ހާމަކުރި ގޮތުގައި އެ މީހުން ހޯދުމަށްޓަކައި މުޅި ހުވަދޫ ކަނޑުގެ ސަރަހައްދު ވަނީ އެއްކޮށް ބަލާ ފާސްކޮށްފައެވެ. އަދި ހާދިސާ ހިނގިތާ ގިނަ ދުވަސްތަކެއް ވެފައިވުމުންނާއި ކަނޑުގެ ހާލަތަށް ބަލާއިރު، އެ މީހުން ކަނޑުމަތިން ފެނުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށް ބެލެވޭތީ، އެ މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ މުޅިން ނިންމާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް