"ދެރަހަ" ބޯޓު ފަރަށް އަރާފައި
"ދެރަހަ" ބޯޓު ފަރަށް އަރާފައި
މާލެއިން ފުރައިގެން ގދ. ތިނަދޫއަށް ދަތުރުކުރަނިކޮށް ގއ. ފެންފުއްޓާގެ އުތުރު ފަރާތު ފަރަށް އެރި "ދެރަހަ" ބޯޓުން ހާލުގައި ޖެހުނު 10 ފަޅުވެރިން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފުން މާއުލޫމާތުދޭގޮތުގައި ރޭގެ ދަންވަރުގެ ވަގުތެއްގައި ހިނގި މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، ސިފައިން ވަނީ ވަގުތުން އެ ސަރަހައްދަށް ދަތުރުކޮށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. ބޯޓު ފަރަށް އެރިއިރު އޭގައި ހަތަރު ދިވެހީންނާއި ހަ ބިދޭސީން ހިމެނޭހެން ޖުމްލަ 10 ފަޅުވެރިން ތިއްބެވެ.

ކޯސްޓްގާޑުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން، ދަންވަރު 1:05 ހާއިރު އޭގެ ތެރެއިން ހަތް މީހަކު ވަނީ ކޯސްޓްގާޑުގެ ހާބާ ކްރާފްޓަށް ނަގާފައެވެ.

އަދި ބޯޓު ފަރަށް އެރުމާއެކު ޑިންގީއެއްގައި ގއ. ފެންފުއްޓާއަށް އަރައި ތިބި ބާކީ ތިން ފަޅުވެރިން ވެސް، ދަންވަރު 2:10 ހާއިރު ސިފައިންގެ އެހީތެރިކަމާއެކު ވަނީ ހާބާކްރާފްޓަށް ނަގާފައެވެ.

ފަރަށް އެރި ބޯޓު ފުންކުރުމުގެ މަސައްކަތަށް އެހީތެރިވުމަށްޓަކައި، ބޯޓުގެ ވެރިފަރާތުން ފޮނުވި "ސްވިފްޓް" ނަމަކަށް ކިޔާ ދޯނި ފަތިހު 4:22 ހާއިރު އެ ސަރަހައްދަށް އައުމުން، ކޯސްޓްގާޑުގެ ބެލުމުގެ ދަށުގައި ތިބި ފަޅުވެރިން ވަނީ އެ ދޯންޏަށް ބަދަލުކޮށްފައެވެ.

އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، ބޯޓުގެ ވެރިފަރާތާ ގުޅިގެން "ދެރަހަ" ބޯޓު ފުންކުރުމުގެ މަސައްކަތަށް ބޭނުންވާ ފަންނީ އެހީތެރިކަން ކޯސްޓްގާޑުން މިހާރު ވެސް ދަނީ ފޯރުކޮށްދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު