ޞާދިރު ޢަލީދީދީ   23 ސެޕްޓެމްބަރު 2026 - 5:30
ރ. ދުވާފަރު
ރ. ދުވާފަރު
ފީނަން ގޮސް އުޅުނު ރ. ދުވާފަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ރ. ދުވާފަރު، ލިލީމާގޭ، އުމުރުން 30 އަހަރުގެ މުޙައްމަދު ޝައްފާނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދެއްވި ގޮތުގައި، މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ އަންގާރަ ދުވަހުގެ މެންދުރުފަހު 15:15 ހާއިރުއެވެ. އަދި އޭނާ ނިޔާވީ ފީނަން ގޮސް އުޅުމުގެ ތެރޭގައި ދިމާވި ހާދިސާއެއްގައެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާ ޙަވާލާދީ ފުލުހުން ވިދާޅުވީ، އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ވަނީ ނިޔާވެފައެވެ. އަދި ފުލުހުންގެ ތަޙުޤީޤަށް ބޭނުންވާ ސީޓީ ސްކޭނެއް ހެދުމަށްޓަކައި، ހަށިގަނޑު މިވަގުތު ބާއްވާފައިވަނީ އުނގޫފާރު ހޮސްޕިޓަލުގައެވެ.

މިކަމާ ގުޅޭގޮތުން ދުވާފަރު ކައުންސިލުގެ ރައީސް އަޙްމަދު ޝާހު ވިދާޅުވީ، އެ ޒުވާނާގެ ހަށިގަނޑު އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ފުލުހުންގެ ފޮރެންސިކް ތަޙުލީލުތަކެއް ހެދުމަށް ކަމަށެވެ. އަދި އޭނާ ފެނިފައިވަނީ ށ. މަރޮށި ކައިރިން ކަމަށް ވެސް ކައުންސިލް ރައީސް ފާހަގަކުރެއްވިއެވެ.

"ހަށިގަނޑު މިރަށަށް (ދުވާފަރަށް) ގެނައުމަށްޓަކައި ރަށަށް އެރުވުމުގެ ހުއްދައަކަށް އެދި އަޅުގަނޑަށް ވެސް ގުޅި،" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު