ދައުރުވަމުންދާ ވީޑިއޯ އިން ކެޕްޗަރ ކޮށްފައި-
ދައުރުވަމުންދާ ވީޑިއޯ އިން ކެޕްޗަރ ކޮށްފައި-
މޯލްޑިވްސް ލެޖެންޑް ލިވްއެބޯޑް އަދި އިންފިނިޓީ އެކްސްގެ ޑައިވިންގ ޓީމުތަކުގެ މެދުގައި އދ. އަތޮޅު ކުޑަރަށް ތިލައިގައި ފަތުރުވެރިއަކާއި ޑައިވަރުންތަކެއްގެ މެދުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން، އެ ހާދިސާގައި ހިމެނޭ މޯލްޑިވްސް ލެޖެންޑް ކުންފުނީގެ ޑައިވް ޕްރޮފެޝަނަލް ސަސްޕެންޑްކޮށް، އެ މައްސަލަ ފުލުހުންނަށާއި ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.

މޯލްޑިވްސް ލެޖެންޑްގެ ޑައިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިންގ ޢަލީ ސުޖުއާން ޝަފީޤު ސޮއިކުރަށްވައި މިއަދު ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާ ހިނގާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 28 ވީ ބުދަ ދުވަހު ކުޑަރަށް ތިލައަށް ފީނަން ގޮސް އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި ކަނޑުއަޑީގައި ހިނގި މި ހާދިސާއާ ގުޅިގެން ބައިނަލްއަޤުވާމީ ޑައިވިންގ ކޮމިއުނިޓީއާއި، ޗައިނާގެ ޕާޓްނަރުން ހިމެނޭހެން ވިޔަފާރީގެ ބައިވެރިން ފާޅުކުރަމުންދާ ކަންބޮޑުވުންތައް ނުހަނު ސީރިއަސްކަމާއެކު ބަލައިގަންނަ ކަމަށް އެ ބަޔާނުގައިވެއެވެ.

ހަމައެއާއެކު ކުންފުނިން އެތެރޭގައި ހިންގި ތަހުގީގަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު، މި ކުރިމަތިލުން ފެށިފައިވަނީ އެހެން އުޅަނދެއްގެ ޑައިވް ގައިޑަކާއި އެ ކުންފުނީގެ މެހެމާނަކާ ދެމެދު ހިނގި ހާދިސާއަކަށްފަހު، މޯލްޑިވްސް ލެޖެންޑްގެ ޑައިވް ޓީމުން އެކަމުގެ ތެރެއަށް ވަނުމުން ކަމަށާއި، މި ހާދިސާގައި އެ ކުންފުނީގެ ޑައިވް ޕްރޮފެޝަނަލްގެ އަމަލުތަކާ މެދު ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާތީ، މައްސަލަ ބަލައި ނިމެންދެން އޭނާ މިހާރު ވަނީ ވަޒީފާއިން ސަސްޕެންޑްކޮށްފައި ކަމަށް ބަޔާނުގައިވެއެވެ.

މޯލްޑިވްސް ލެޖެންޑުން ބުނީ، އެ ކުންފުންޏަކީ އަނިޔާވެރިކަމާއި، ޖިސްމާނީ ހަމަލާ ދިނުމާއި، ކަނޑުއަޑީގައި ވިޔަސް އަދި އެއްގަމުގައި ވިޔަސް ޑައިވަރުންގެ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް އަމަލަކަށް ޖާގަދޭނެ ކުންފުންޏެއް ނޫން ކަމަށެވެ. އަދި ކުރިމަތިލުމަކަށް މަގުފަހިވި ސަބަބުތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް، މުވައްޒަފުންގެ ކިބައިން ފަންނީ އަޚްލާޤާއި ކެތްތެރިކަމަށް އަބަދުވެސް އުންމީދުކުރާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެހެންކަމުން މޯލްޑިވްސް ލެޖެންޑުން މި މައްސަލަ މިހާރު ވަނީ ރަސްމީކޮށް މިނިސްޓްރީ އޮފް ޓޫރިޒަމް އަދި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަހަޅާފައެވެ. އަދި ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ކުންފުނިން ވަނީ ދީފައެވެ.

މީގެއިތުރުން، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކުރު ވީޑިއޯތަކާއި ފުރިހަމަނުވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ގޮތް ނުނިންމުމަށާއި، ފުރިހަމަ ހަގީގަތުގެ މައްޗަށް ބިނާކޮށް ގޮތް ނިންމުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. އަދި ހާއްސަކޮށް ޗައިނާގެ މާކެޓާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޕާޓްނަރުންނާއެކު އޮތް އިތުބާރު ދެމެހެއްޓުމަށާއި، މެހެމާނުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަބަދުވެސް އިސްކަންދޭނެ ކަމަށް މޯލްޑިވްސް ލެޖެންޑުން ވަނީ ހާމަކޮށްފައެވެ.

މި ޙާދިސާ އާއި ގުޅިގެން ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.ބީ.އޭ.އެމް) ނެރުނު ބަޔާނެއްގައި ބުނީ، މިއީ ނުހަނު ސީރިއަސް މައްސަލައެއް ކަމަށާއި، މިކަމުގައި އެއްވެސް ފަރާތަކުން ހިންގާފައިވާ ނުރަނގަޅު އަމަލެއް ނުވަތަ އިހުމާލެއް ވާނަމަ، ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ތެރެއިން އެކަން ދެނެގަނެ ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު