ގދ. ތިނަދޫ
ގދ. ތިނަދޫ
ގދ. ތިނަދޫން އެކި ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތައް، ހެދިފައިވާއެއްބަސްވުންތަކާ ޚިލާފަށް ބޭނުންކުރަމުންދާ ނަމަ އެ ފަރާތްތަކާ މެދު ޤާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ތިނަދޫ ސިޓީ ކައުންސިލުން ދީފިއެވެ.

ތިނަދޫ ކައުންސިލުން މިއަދު އާންމުކުރި އިއުލާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ރަށުގެ އިޤްތިޞާދީ އަދި އެހެނިހެން ބޭނުންތަކަށް ކައުންސިލް މެދުވެރިކޮށް ދޫކޮށްފައިވާ ބައެއް ބިންތައް، ކަނޑައެޅިފައިވާ މަޤްޞަދާ ޚިލާފަށް އަދި ޤަވާއިދާ ނުބައްދަލު ގޮތްގޮތަށް ބޭނުންކުރަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

އެހެންކަމުން، ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ބޭނުން ފިޔަވައި، އިތުރު އެއްވެސް ކަމަކަށް އެ ބިންތައް ބޭނުން ނުކުރުމަށް ކައުންސިލުން ވަނީ ވަކިވަކި ފަރާތްތަކަށާއި ވިޔަފާރިތަކަށް އަންގާފައެވެ. އަދި ބިން ކުއްޔަށް ހިފާފައިވާ ފަރާތްތަކުން އެއްބަސްވުމުގެ މާއްދާތަކަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތުމަށާއި، ކައުންސިލުން އެކަށައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ވެސް އެ އިއުލާނުގައި ވަނީ އިލްތިމާސްކޮށްފައެވެ.

ކައުންސިލުން އިތުރަށް ބުނީ، މި އެންގުމާ ޚިލާފުވެ އެއްބަސްވުމާ ނުގުޅޭ ގޮތަށް ބިންތައް ބޭނުންކުރާ ފަރާތްތަކާ ދެކޮޅަށް، ހެދިފައިވާ ޤަވާއިދުތަކާއި ޤާނޫނުތަކުގެ ދަށުން އަޅަންޖެހޭ ހުރިހާ ޤާނޫނީ ފިޔަވަޅުތަކެއް ފަސްޖެހުމެއް ނެތި އަޅަމުން ގެންދާނެ ކަމަށެވެ.

ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ މައްސަލައިގައި ކައުންސިލުން މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމާފައި މިވަނީ، ތިނަދޫން ޤަވާއިދާ ޚިލާފަށް ބިން ދޫކުރި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެ މައްސަލައިގައި މިހާރުގެ މޭޔަރު ސައުދު އަލީ އާއި، ވޭތުވެދިޔަ ދައުރުގެ ކައުންސިލްގެ ތިން މެމްބަރަކު ސޮއިކުރައްވައި ޤަވާއިދާ ޚިލާފަށް ބިން ދޫކޮށްފައިވާ ކަމަށް ތުހުމަތުކުރެވި، އެ ބޭފުޅުންގެ މައްޗަށް ދައުވާ ކުރުމަށްޓަކައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް