ރައީސް ޑރ. މުއިއްޒު ވެލިދޫ ކައުންސިލްގެ އިސްވެރިންނާ ބައްދަލުކުރުން، ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު ވެލިދޫ ކައުންސިލްގެ އިސްވެރިންނާ ބައްދަލުކުރުން، ފޮޓޯ: ރައީސް އޮފީސް
މިއަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި ލޯކަލް ކައުންސިލްތަކަށް ދައުލަތުން ދޫކުރާ ބްލޮކް ގްރާންޓުގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ މިހާތަނަށް ދޫކުރި މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ދޫކުރި 1.6ބިލިއަން ރުފިޔާއާ އަޅާބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެކެވެ. މިއަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލްތަކަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައެޅި އަހަރަށް ވާއިރު، މިއަހަރުގެ ބަޖެޓުގައި ބްލޮކް ގްރާންޓުގެ ގޮތުގައި ޖުމްލަ 2.4 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

މާލީ ހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރު ކައުންސިލްތަކަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އަދި 2023 ވަނަ އަހަރު ބަޖެޓު ކުރެވުނު 2.1 ބިލިއަން ރުފިޔާގެ އިތުރަށް، 8 މިލިއަން ރުފިޔާ ހިމެނޭހެން ބޮޑު ޚަރަދެއް ކައުންސިލްތަކަށް ސަރުކާރުން ވަނީ ކޮށްފައެވެ. މީގެއިތުރުން، އަންނަ އަހަރުގެ ބަޖެޓުގައިވެސް ކައުންސިލްތަކުގެ އެހީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ކަނޑައެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ދައުލަތުގެ އާމްދަނީއަށް ރިއާޔަތްކޮށް، ޚާއްސަ ފޯމިއުލާއެއްގެ ދަށުން 2020 ވަނަ އަހަރުން ފެށިގެން ދޫކުރަމުން އަންނަ މި ގްރާންޓުގެ އެންމެ ބޮޑު ބައެއް ލިބެނީ ސިޓީ ކައުންސިލްތަކަށެވެ. އަދި އޭގެ ތެރެއިންވެސް އެންމެ ބޮޑު ހޭދައެއް ކުރެވެނީ މާލޭ ސިޓީ ކައުންސިލަށެވެ.

ކައުންސިލްތަކުގެ މާލީ ބާރުވެރިކަން އިތުރުކުރުމުގެ ގޮތުން ސަރުކާރުން މިހާރު ދަނީ މި ނިޒާމަށް މުހިންމު އިސްލާހީ ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން، އަތޮޅު ކައުންސިލްތައް އުވާލުމާ ގުޅިގެން ރަށު އަދި ސިޓީ ކައުންސިލްތަކަށް ލިބޭ ފައިސާގެ ނިސްބަތް އިތުރުވެގެންދާނެއެވެ.

އަދި މީގެކުރިން ހަމައެކަނި އާބާދީއަށް ބަލައިގެން ފައިސާ ދޫކުރި ނަމަވެސް، ކުރިއަށް އޮތްތަނުގައި ރަށްރަށުގެ ބިމުގެ ބޮޑުމިނަށްވެސް ބަލައި ފައިސާ ދޫކުރުމަށް ވަނީ ނިންމާފައެވެ. ސަރުކާރުން ދެކޭގޮތުގައި މި ބަދަލުތަކުގެ ސަބަބުން ކައުންސިލްތަކުގެ ތަނަވަސްކަން އިތުރުވެ، ރަށްރަށުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް މިހާރަށްވުރެ ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު