އެމްޑީޕީއިން މިއަދު ބޭއްވި ޕްރެސްގެ ތެރެއިން
އެމްޑީޕީއިން މިއަދު ބޭއްވި ޕްރެސްގެ ތެރެއިން
ކިތަންމެ ވަރަކަށް ހުރަސްއެޅި ނަމަވެސް، އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސް މާލެ ސިޓީ ހޯލު ހުރި ހާމައަށް އޮތް ބިމުގައި ޓެންޓު ޖަހައިގެން ވިޔަސް ކުރިއަށް ގެންދާނެ ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބްރޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިބްރާހީމް ވަހީދު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިލްޒާމުތައް ފުރިހަމަކުރުމަށް ބާއްވާ މި ކޮންގްރެސް ބޭއްވުމަށް ސަރުކާރުން އެކި ގޮތްގޮތުން ދަތިތައް ކުރިމަތިކުރަމުންދާ ކަމަށެވެ.

ވެރިކަން ކުރާ ޕީއެންސީގެ ކޮންގްރެސް ބޭއްވުމަށް ސޯޝަލް ސެންޓަރާއި އެ ސަރަހައްދުގެ ތިން ސްކޫލް ބަންދުކޮށްގެން ފުރުސަތު ދިންއިރު، ހުރިހާ ސިޔާސީ ޕާޓީތަކަށް ހަމަހަމަ ފުރުސަތު ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ވާހަކަފުޅާއި ޢަމަލާ ދިމާނުވާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އަންނަ އޮކްޓޫބަރު މަހުގެ 1 އިން 3 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންގްރެސްގައި 980 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ. ކޮންގްރެސްގައި ބައިވެރިވާން އެދޭ މެންބަރުންނަށް މި މަހުގެ 20 އިން 25 އަށް އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ބައިވެރިންގެ ކިޓު ދޫކުރުން އޮންނާނީ މި މަހުގެ 29 އާއި 30 ވަނަ ދުވަހު އެމްޑީޕީ ހަރުގޭގައެވެ.

އިބްރާހީމް ވަހީދު އިތުރަށް ވިދާޅުވީ ސަރުކާރުގެ ފަރާތުން ކިތަންމެ ގޮންޖެހުންތަކެއް ކުރިމަތިކުރި ނަމަވެސް، ޕާޓީގެ އާންމު މެންބަރުންގެ ބޮޑު ތާއީދަކާއި އެއްބާރުލުމާއެކު ކޮންގްރެސް ކާމިޔާބުކަމާއެކު ބާއްވާ ނިންމާލާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް