އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގަން ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާ ފްރަންޓް އެންޑް މެރީނާ" މަޝްރޫއުއާ މެދު އާންމުން ދެކޭ ގޮތް ބެލުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލައި އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުން އެޕާޓީގެ މަޖިލީސް މެންބަރުންނާ ހަވާލުކޮށްފައި އޮތް ޒިންމާގެ ދަށުން ރަސްމާލެ މަޝްރޫއާ ގުޅޭ އާންމު ވޯޓަކަށް ދިޔުމަށް ގޮވާލާ ގަރާރު މީގެ ދެ ދުވަސް ކުރިން މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ނާޒިލް ވަނީ މަޖިލީހުގެ ގަވައިދަށް ބަދަލު ގެނެސްފައި ވާތީ، ގަރާރަކާ މެދު ބަހުސްކުރަން ވޯޓަކަށް ދިޔުމަކީ ވެސް މެންބަރުންނަށް އޮތް ހުރަހެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ގަރާރުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވީ، އެމްޑީޕީގެ ގަރާރުގައި ހުށަހަޅާފައިވަނީ ރާއްޖޭގެ އެއްވެސް ސަރަަހައްދެއްގައި ބޭރު ބަޔަކަށް ދިރިއުޅެން ހުއްދަކުރާ ނަމަ، އެކަމާ މެދު އާންމު ރައްޔިތުން ދެކޭ ގޮތް ބެލުމަށް ކަމަށެވެ. އަދި އެކަމުގައި ދިވެހި ރައްޔިތުންގެ ބަހެއް ހޯދުމަކީ މަޖިލީހުގެ މައްޗަށް ލާޒިމް ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް މި ގަރާރު ހުށައަޅާފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން އާންމު ވޯޓަކަށް ދިޔުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ގޮވާލާފައެވެ. އަދި، މި މަހުގެ 15އާ ހަމައަށް އެކަމަށް ސަރުކާރުން އިޖާބަނުދީ ނަމަ، ސީދާ ހަރަކާތަށް ނުކުންނަން ވެސް އެޕާޓީން ފާސްކޮށްފައިވެއެވެ.

އޭގެއިތުރުން ރައްޔިތުންގެ އާންމު ވޯޓުގެ ނަތީޖާ ލިބުމުގެ ކުރިން އީގަލް ހިލްސް ނުވަތަ ތިންވަނަ ފަރާތެއްގެ ހައްގު ރަސްމާލެ ބިމުގެ މައްޗަށް އުފަންވާ ފަދަ އެއްވެސް ކަމެއް ނުކުރުމަށް އެމްޑީޕީން ގޮވާލާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު