ވެސްޓްޕާކް ސަރަހައްދު
ވެސްޓްޕާކް ސަރަހައްދު
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމުގެ ގޮތުން، ވެސްޓްޕާކް ސަރަހައްދުން މަގުގެ އެއްފަޅި މިރޭ ދަންވަރު 12:00 އިން ފެށިގެން ބަންދުކުރުމަށް އެމްޓީސީސީން ނިންމައިފިއެވެ.

އެމްޓީސީސީން ބުނި ގޮތުގައި މަގުގެ އެއްފަޅި ބަންދުކުރި ނަމަވެސް، ދަތުރުފަތުރަށް މުޅިން ބުރޫނުނޭރާނެހެން މަގުގެ އަނެއް ފަޅި އާންމުންނަށް ބޭނުންކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.

އަދި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި މަގު ބޭނުންކުރާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.

މާލޭގެ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން މިހާތަނަށް ދެ ފިޔަވައްސެއްގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައި، މިހާރު ވަނީ އާންމު ދަތުރުފަތުރަށް ހުޅުވާލާފައެވެ.

އެގޮތުން ނޯތު ހާބަރުން ފެށިގެން ނަސަންދުރައާ ހަމައަށް ތާރުއަޅައި މަގު ފުޅާކުރުމުގެ ސަބަބުން، ކުރިން ވަރަށް ބޮޑަށް ހަލާކުވެ ބާރުބޮޑުވަމުން އައި ސަރަހައްދުގެ ދަތުރުފަތުރަށް ވަނީ ބޮޑު ހައްލެއް ލިބިފައެވެ.

ހާއްސަކޮށް، ސަރުކާރުގެ އެކި އޮފީސްތަކާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނޭ ސަރަހައްދުގެ މަގުމަތީގައި ޕާކުކުރުން މަނާކޮށް، ސައިކަލުތަކަށް ވަކިން ޕާކިން ޒޯނެއް ގާއިމުކޮށްދިނުމުން ޓްރެފިކް ބާރުބޮޑުވުމުގެ މައްސަލައަށް ވަނީ ބޮޑު ލުޔެއް ލިބިގެން ގޮސްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް