އަބޫ ޛައްރުލް ޣިފާރީ (ރ.ޢ.) ދިރިއުޅުއްވި ކަމަށް ބުނާ އަވަށް-
އަބޫ ޛައްރުލް ޣިފާރީ (ރ.ޢ.) ދިރިއުޅުއްވި ކަމަށް ބުނާ އަވަށް-
މައްކާއާއި ބޭރު ދުނިޔެ ގުޅުވައިދޭ ވައްދާން ވާދީގައި އުޅެމުންދިޔައީ ބަނޫ ޣިފާރު ގަބީލާގެ މީހުންނެވެ. މި ގަބީލާގެ މީހުން ދިރިއުޅުމަށްޓަކައި މައިގަނޑު ގޮތެއްގައި ބަރޯސާވެފައިވަނީ މައްކާއާއި ސޫރިޔާއާ ދެމެދު ދަތުރުކުރާ ގުރައިޝުންގެ ގާފިލާތަކުން ލިބޭ މަދު މިންވަރެއްގެ އެހީތެރިކަމަށެވެ. ބައެއް ފަހަރު، އެމީހުންގެ ބޭނުންތައް ފުދޭވަރަށް އެހީ ނުލިބިއްޖެ ހާލަތްތަކުގައި މި ގާފިލާތައް ފޭރުމަކީވެސް އެމީހުން ކޮށްއުޅުނު ކަމެއް ކަމަށް ބެލެވެއެވެ.

އަބޫ ޛައްރުގެ ނަމުން މަޝްހޫރުވެވަޑައިގެންފައިވާ ޖުންދަބު ބިން ޖުނާދާއަކީ މި ގަބީލާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަލެކެވެ. އެކަލޭގެފާނަކީ އިސްލާމްދީން ގަބޫލުކުރެއްވި ހަތަރުވަނަ ނުވަތަ ފަސްވަނަ ބޭކަލެވެ. އިސްލާމްވެވަޑައިގަތުމުގެ ކުރިން އެކަލޭގެފާނުގެ ހަޔާތްޕުޅާ ބެހޭގޮތުން އެނގެން އޮތީ ވަރަށް މަދު މައުލޫމާތެކެވެ.

ޢަބްދުﷲ ބިން ޢަމްރު (ރ.ޢ.) ރިވާކުރައްވާފައިވާ ގޮތުގައި، ރަސޫލުﷲ (ޞ.ޢ.ޥ.) ހަދީޘްކުރެއްވިއެވެ: "އަބޫޛައްރަށްވުރެ ތެދުވެރި، އުޑު އޭނާގެ މަތީގައި ހިޔާދީފައިވާ އަދި ބިން އޭނާ އުފުލާފައިވާ އެހެން އެކަކުވެސް ނުވެއެވެ." (ތިރުމިޛީ: 3801)

އެކަލޭގެފާނަކީ ހިތްވަރުގަދަ، ކެތްތެރި، އަދި ދުރުވިސްނޭ ބޭކަލެކެވެ. އަދި އެކަލޭގެފާނުގެ ގަބީލާގެ މީހުން އަޅުކަންކޮށްއުޅުނު ބުދުތަކަށް ނުހަނު ބޮޑަށް ނަފުރަތު ކުރެއްވިއެވެ. އެ ދުވަސްވަރުގެ އަރަބީންގެ މެދުގައި އޮތް ބާޠިލް އަގީދާތަކާއި ދީނީ ފަސާދަތައް އެކަލޭގެފާނު ގަބޫލެއް ނުކުރެއްވިއެވެ.

އަބޫޛައްރު (ރ.ޢ.) ވައްދާން ސަހަރާގައި ހުންނަވަނިކޮށް، މައްކާގައި އާ ނަބިއްޔަކު ފާޅުވެއްޖެ ކަމުގެ ޚަބަރު ލިބިވަޑައިގަތެވެ. އެ ނަބިއްޔާގެ ސަބަބުން މީހުންގެ ހިތްތަކާއި ފިކުރުތަކަށް ބަދަލު އައިސް، ކުށްހީތަކުގެ އަނދިރިކަމުން މީހުން ސަލާމަތްވާނެ ކަމަށް އެކަލޭގެފާނު އުންމީދު ކުރެއްވިއެވެ. އެހެންކަމުން، ލަސްނުކުރައްވައި އެކަލޭގެފާނުގެ އަޚު އަނީސްއަށް ގޮވާލައްވައި ވިދާޅުވިއެވެ: "މައްކާއަށް ގޮސް، އަމިއްލައަށް ނަބިއްޔަކު ކަމަށް ދައުވާކޮށް އުޑުން ވަޙީ އަންނަ ކަމަށް ބުނާ މީހާގެ ޚަބަރުތައް ބަލާށެވެ. އޭނާ ދައްކާ ބައެއް ވާހަކަތައް އަޑުއަހައިގެން އައިސް އަހަންނަށް ކިޔައިދޭށެވެ."

އަނީސް މައްކާއަށް ގޮސް ރަސޫލުﷲ (ޞ.ޢ.ޥ.) އާ ބައްދަލުކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ވާހަކަފުޅުތައް އަޑުއެއްސެވުމަށްފަހު އެނބުރި ވައްދާން ސަހަރާއަށް ވަޑައިގަތެވެ. އަބޫޛައްރު (ރ.ޢ.) ކެތްތެރިކަމެއް ނެތި އެކަލޭގެފާނާ ބައްދަލު ކުރަށްވައި ޚަބަރު އޮޅުންފިލުއްވިއެވެ.

އަނީސް ވިދާޅުވިއެވެ: "އަހަރެން ދުށީ މަތިވެރި އަޚުލާގަށް މީހުންނަށް ގޮވާލައްވާ ބޭކަލެކެވެ. އެކަލޭގެފާނު އެ ވިދާޅުވާ ބަސްފުޅުތަކަކީ ހަމައެކަނި ޅެންވެރިކަމެއް ނޫނެވެ." އަބޫޛައްރު (ރ.ޢ.) އެއްސެވިއެވެ: "މީހުން އެކަލޭގެފާނާ ބެހޭގޮތުން ބުނަނީ ކީކޭ ހެއްޔެވެ؟" އަނީސް ޖަވާބު ދެއްވިއެވެ: "އެއީ ސިހުރުވެރިއެއް، ކާހިނެއް ނުވަތަ ޅެންވެރިއެއް ކަމަށް އެމީހުން ބުނެއެވެ."

އަބޫޛައްރު (ރ.ޢ.) ވިދާޅުވިއެވެ: "މި މައުލޫމާތުން އަހަރެންގެ ހިތެއް ނުފުރެއެވެ. އަހަރެން އަމިއްލައަށް ގޮސް އެ ނަބިއްޔާގެ ދައުވަތު ބަލާނަމެވެ. އަހަރެން އެނބުރި އަންނަންދެން އަހަރެންގެ އާއިލާ ބަލަހައްޓައިދޭނަން ހެއްޔެވެ؟" އަނީސް އެކަމަށް އެއްބަސްވެވަޑައިގަތެވެ. ނަމަވެސް މައްކާގެ މީހުންގެ ކިބައިން ސަމާލުވުމަށް އެދިވަޑައިގަތެވެ.

މައްކާއަށް ވަޑައިގަތުމާއެކު އަބޫޛައްރު (ރ.ޢ.) އަށް ނުތަނަވަސްކަން އިހުސާސްކުރެވި، ވަރަށް ބޮޑަށް ސަމާލުވެވަޑައިގަތެވެ. ގުރައިޝުން ތިބީ އެމީހުންގެ އިލާހުންނަށް އަމާޒުވާ ފާޑުކިޔުންތަކުގެ ސަބަބުން ނުހަނު ކޯފާވެފައެވެ. ރަސޫލާގެ ސަހާބީންނަށް އެމީހުން ކުރަމުންދިޔަ އަނިޔާތަކުގެ ޚަބަރު އެކަލޭގެފާނަށް ލިބިވަޑައިގަތެވެ. އެހެންކަމުން، މީހަކު ކުރެން މުހައްމަދު (ޞ.ޢ.ޥ.) އާ ބެހޭގޮތުން އެއްސެވުމަށް އެކަލޭގެފާނު ޖެހިލުންވެވަޑައިގަތެވެ. އެއީ އެ ސުވާލުކުރެވެނީ އެކަލޭގެފާނުގެ އެކުވެރިއަކާތޯ ނުވަތަ ދުޝްމަނަކާތޯ އެނގިވަޑައި ނުގަންނަވާތީއެވެ.

ރޭގަނޑުވުމުން އެކަލޭގެފާނު މަސްޖިދުލް ހަރާމްގައި އޮށޯވެވަޑައިގަތެވެ. އެ ވަގުތު ޢަލީ ބިން އަބީ ޠާލިބު (ރ.ޢ.) އެކަލޭގެފާނުގެ ކައިރިން ވަޑައިގަންނަވަމުން، އެއީ ބޭރު ރަށަކުން އައިސް ހުރި މީހެއްކަން އެނގިވަޑައިގަތުމުން، ގެއަށް ވަޑައިގަތުމަށް ދައުވަތު ދެއްވިއެވެ. އަބޫޛައްރު (ރ.ޢ.) އެ ރޭ އެކަލޭގެފާނާއެކު ހޭދަކުރެއްވުމަށްފަހު، ހެނދުނު އަލުން މިސްކިތަށް ވަޑައިގަތެވެ. އެއްވެސް ބޭކަލަކު އަނެއް ބޭކަލަކާ އެއްވެސް ސުވާލެއް ނުކުރަށްވައެވެ.

ޖެހިގެން އައި ދުވަހުވެސް ރަސޫލާ (ޞ.ޢ.ޥ.) އާ ބައްދަލުވާގޮތެއް ނުވިއެވެ. ރޭގަނޑު އަނެއްކާވެސް މިސްކިތަށް ނިދަން ވަޑައިގަތުމުން، އަލީގެފާނު ވަޑައިގެން ވިދާޅުވިއެވެ: "މީހަކު އޭނާ ހުންނާނެ ތަނެއް ހޯދަންވީ ވަގުތު އަދިވެސް ނުޖެހޭ ހެއްޔެވެ؟"

އަބޫޛައްރު (ރ.ޢ.) ދެވަނަ ރޭވެސް ޢަލީގެފާނުގެ ގޭގައި މަޑުކުރެއްވިއެވެ. މި ފަހަރުވެސް އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ނަމަވެސް ތިންވަނަ ރޭ ޢަލީގެފާނު އެއްސެވިއެވެ: "މައްކާއަށް ތިޔަ ވަޑައިގަތީ ކޮން ބޭނުމަކުތޯ ވިދާޅުވެދެއްވިދާނެ ހެއްޔެވެ؟" އަބޫޛައްރު (ރ.ޢ.) ޖަވާބު ދެއްވިއެވެ: "އަހަރެން ހޯދާ ކަމަކަށް ތިޔަބޭފުޅާ މަގުދައްކަވައިދޭނެ ކަމުގެ ޔަގީންކަން ދެއްވައިފިނަމަ ބުނެދީފާނަމެވެ." ޢަލީގެފާނު އެކަމަށް އެއްބަސްވެވަޑައިގަތުމުން، އަބޫޛައްރު (ރ.ޢ.) ވިދާޅުވިއެވެ: "އަހަރެން މައްކާއަށް މިއައީ ވަރަށް ދުރު ތަނަކުންނެވެ. އެއީ އާ ނަބިއްޔާއާ ބައްދަލުކޮށް، އެކަލޭގެފާނުގެ ވާހަކަފުޅުތައް އަޑުއެހުމަށެވެ."

ޢަލީގެފާނުގެ މޫނުފުޅު އުފާވެރިކަމުން އުޖާލާވެގެން ދިޔައެވެ. އަދި ވިދާޅުވިއެވެ: "ﷲ ގަންދީ ބުނަމެވެ. އެކަލޭގެފާނަކީ ހަމަކަށަވަރުންވެސް ﷲ ގެ ރަސޫލާއެވެ." ދެން އެކަލޭގެފާނު ރަސޫލާ (ޞ.ޢ.ޥ.) އާ ބެހޭގޮތުންނާއި އިސްލާމްދީނުގެ ތައުލީމުތަކާ ބެހޭގޮތުން އަބޫޛައްރަށް ކިޔައިދެއްވިއެވެ. އަދި ވިދާޅުވިއެވެ: "ހެނދުނު އަހަރެންދާ ކޮންމެ ތަނަކަށް އަހަރެންގެ ފަހަތުން އަންނާށެވެ. ކަލޭގެފާނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމުގެ ބިރު ހީވެއްޖެނަމަ، އަހަރެން ކުޑަކަމުދާން މަޑުކުރާ ފަދަ ގޮތަކަށް މަޑުކުރާނަމެވެ. އަހަރެން ހިނގަމުންދާނަމަ، އަހަރެން ވަންނަ ތަނަކަށް ވަންނަންދެން ފަހަތުން އަންނާށެވެ."

ރަސޫލާ (ޞ.ޢ.ޥ.) އާ ބައްދަލު ކުރެއްވުމަށާއި ވަޙީގެ ބަސްފުޅުތައް އަޑުއެއްސެވުމަށް ހުރި ޝައުގުވެރިކަމެއްގެ ބޮޑުކަމުން، އެ ރޭ އެކަލޭގެފާނަށް ލޮލުފިޔައެއް ނުޖެހުނެވެ. ހެނދުނު ޢަލީގެފާނުގެ ފަހަތުން ވަޑައިގެން ރަސޫލާ (ޞ.ޢ.ޥ.) ގެ އަރިހަށް ފޯރުއްވިއެވެ. އަބޫޛައްރު (ރ.ޢ.) ސަލާމް ގޮވައިލެއްވިއެވެ: "އައްސަލާމް ޢަލައިކަ ޔާ ރަސޫލަﷲ!" ރަސޫލާ (ޞ.ޢ.ޥ.) ޖަވާބު ދެއްވިއެވެ: "ވައަލައިކަ އައްސަލާމުﷲ ވަރަޙްމަތުﷲ ވަބަރަކާތުހޫ." އިސްލާމީ ސަލާމުން ރަސޫލާ (ޞ.ޢ.ޥ.) އަށް އެންމެ ފުރަތަމަ ސަލާމް ދެންނެވި ބޭކަލަކީ އަބޫޛައްރު (ރ.ޢ.) އެވެ. އޭގެ ފަހުން މި ސަލާމް އާންމުވެ، މުސްލިމުންގެ މެދުގައި ބޭނުންކުރަން ފެށުނެވެ.

ރަސޫލުﷲ (ޞ.ޢ.ޥ.) އަބޫޛައްރު (ރ.ޢ.) އަށް މަރުޙަބާ ވިދާޅުވެ، އިސްލާމްދީނަށް ދައުވަތު ދެއްވައި، ގުރުއާނުގެ ބައެއް އާޔަތްތައް ކިޔަވައި ދެއްވިއެވެ. މާގިނަ އިރުތަކެއް ނުވެ، އެކަލޭގެފާނު ހުންނެވި ތަނުން ތެދުވެވަޑައިގަތުމުގެ ކުރިން ޝަހާދަތުގެ ދެކަލިމަ ކިޔައި، އިސްލާމްދީނަށް ވަދެވަޑައިގަތެވެ. ކުރިން ދެންނެވި ފަދައިން، އެކަލޭގެފާނަކީ އިސްލާމްދީން ގަބޫލުކުރެއްވި އެންމެ ފުރަތަމަ ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ.

އަބޫޛައްރު (ރ.ޢ.) އެކަލޭގެފާނުގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވެފައިވެއެވެ. "އޭގެ ފަހުން އަހަރެން މައްކާގައި ރަސޫލާ (ޞ.ޢ.ޥ.) އާއެކު ހުރީމެވެ. އެކަލޭގެފާނު އަހަންނަށް އިސްލާމްދީނުގެ ކަންކަމާއި ޤުރުއާން ކިޔަވަން ދަސްކޮށް ދެއްވިއެވެ. ދެން ރަސޫލާ (ޞ.ޢ.ޥ.) އަހަންނަށް ހަދީޘްކުރެއްވިއެވެ: 'މައްކާގެ އެއްވެސް މީހެއްގެ ގާތުގައި ކަލޭގެފާނު އިސްލާމްވި ވާހަކަ ނުބުނާށެވެ. އެމީހުން ކަލޭގެފާނު ގަތުލުކޮށްފާނެތީ އަހަރެން ބިރުގަނެއެވެ.' އަބޫޛައްރު (ރ.ޢ.) ވިދާޅުވިއެވެ: 'އަހަރެންގެ ފުރާނަ އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދީ ބުނަމެވެ. އަހަރެން މަސްޖިދުލް ހަރާމަށް ގޮސް، ގުރައިޝުންގެ މެދުގައި ހުރެ ހައްގުގެ ގޮވައިލުން ގޮވާލުމަށްފަހު މެނުވީ މައްކާއަކުން ނުދާނަމެވެ.'"

ރަސޫލާ (ޞ.ޢ.ޥ.) އެއްޗެއް ވިދާޅުނުވެ ހަނުހުންނެވިއެވެ. އަހަރެން މިސްކިތަށް ދިޔައިރު ގުރައިޝުން ވާހަކަދައްކަން ތިއްބެވެ. އަހަރެން އެމީހުންގެ މެދުގައި ހުރެ، އަޑުގެ ނެތްތަނަށް ގޮވައިލީމެވެ: "އޭ ގުރައިޝުންގެ މީހުންނޭވެ! ﷲ މެނުވީ އެހެން އިލާހަކު ނުވާކަމަށާއި، މުހައްމަދު (ޞ.ޢ.ޥ.) އަކީ ﷲ ގެ ރަސޫލާކަމަށް އަހަރެން ހެކިވަމެވެ."

އަހަރެންގެ ބަސްތަކާއެކު އެމީހުން ކުއްލިއަކަށް ހައިރާންވެ، ތެދުވެ ވިދާޅުވިއެވެ: "އަމިއްލަ ދީން ދޫކޮށްލި މި މީހާ ހިފަހައްޓާށެވެ!" އެމީހުން އަހަރެންގެ މައްޗަށް އަތްގަދަކޮށް، ރަހުމެއް ނެތް ގޮތުގައި ތަޅައި އަނިޔާކުރަން ފެށިއެވެ. އެމީހުން ބޭނުންވީ އަހަރެން މަރާލުމަށެވެ. ނަމަވެސް ރަސޫލާ (ޞ.ޢ.ޥ.) ގެ ބޮޑުބޭބޭފުޅު އައްބާސް ބިން ޢަބްދުލްމުއްޠަލިބު (ރ.ޢ.) އަށް އަހަރެން އެނގިވަޑައިގެން، އަހަރެންގެ ގައިމަތީގައި އޮށޯވެވަޑައިގެން އެމީހުންގެ އަނިޔާތަކުން އަހަރެން ސަލާމަތްކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: "ތިޔަބައިމީހުންނަށް ހަލާކު ހުއްޓެވެ! ތިޔަބައިމީހުން ތިޔަ ގަތުލުކުރަން އުޅެނީ ޣިފާރު ގަބީލާގެ މީހެއް ހެއްޔެވެ؟ ތިޔަބައިމީހުންގެ ގާފިލާތައް ދަތުރުކުރަން ޖެހެނީ އެމީހުންގެ ސަރަހައްދުންކަން ހަނދާން ނެތީ ހެއްޔެވެ؟"

ދެން އެމީހުން އަހަރެން ދޫކޮށްލިއެވެ. އަހަރެން އެނބުރި ރަސޫލާ (ޞ.ޢ.ޥ.) ގެ އަރިހަށް ދިޔުމުން، އަހަރެންގެ ހާލަތު ފެނިވަޑައިގެން ހަދީޘްކުރެއްވިއެވެ: "އިސްލާމްވިކަން ފާޅުނުކުރުމަށް އަހަރެން ކަލޭގެފާނަށް ނުބުނަން ހެއްޔެވެ؟" އަހަރެން ދެންނެވީމެވެ: "އޭ ﷲ ގެ ރަސޫލާއެވެ! އެއީ އަހަރެންގެ ހިތަށް އެރި ކަމެކެވެ. އަދި އަހަރެން އެކަން ފުރިހަމަ ކުރީއެވެ."

ރަސޫލާ (ޞ.ޢ.ޥ.) އަމުރުކުރެއްވިއެވެ: "ކަލޭގެފާނުގެ ގަބީލާގެ މީހުންގެ ގާތަށް ވަޑައިގަންނަވާށެވެ. އަދި ކަލޭގެފާނަށް ފެނުނު ކަންތައްތަކާއި އިވުނު އަޑުތައް އެމީހުންނަށް ކިޔައިދެއްވާށެވެ. އެމީހުންނަށް ﷲ ގެ މަގަށް ދައުވަތު ދެއްވާށެވެ. ފަހަރުގައި ﷲ އެމީހުންނަށް ކަލޭގެފާނުގެ ސަބަބުން ހެޔޮ ގޮތްތައް މިންވަރު ކުރަށްވައި، ކަލޭގެފާނަށް އެކަމުގެ ސަވާބު ދެއްވައިފާނެއެވެ. އަދި އަހަރެން ފާޅުގައި ނުކުމެއްޖެ ކަމުގެ ޚަބަރު ލިބުމުން އަހަރެންގެ ގާތަށް ވަޑައިގަންނަވާށެވެ."

އަހަރެން އެނބުރި ރަށަށް ދިޔުމުން، އަހަރެންގެ އަޚު އައިސް "ކީއްކުރީތޯ" އެއްސެވިއެވެ. އަހަރެން އިސްލާމްވި ވާހަކައާއި މުހައްމަދު (ޞ.ޢ.ޥ.) ގެ ތައުލީމުތަކުގެ ތެދުވެރިކަމަށް އީމާންވި ވާހަކަ ބުނީމެވެ. އޭނާ ވިދާޅުވިއެވެ: "ކަލޭގެފާނުގެ ދީނާމެދު އަހަރެންގެ ނުރުހުމެއް ނެތެވެ. އަހަރެންވެސް މިހާރު މުސްލިމަކަށް ވެއްޖައީމެވެ." ދެން އަހަރެމެން ދެބެން މަންމަގެ ގާތަށް ގޮސް އިސްލާމްދީނަށް ދައުވަތު ދިނުމުން، މަންމަވެސް ވިދާޅުވީ ދީނާމެދު އެއްވެސް ނުރުހުމެއް ނެތް ކަމަށާއި އިސްލާމްދީން ގަބޫލުކުރަށްވާ ކަމަށެވެ.

އެ ދުވަހުން ފެށިގެން އެ އާއިލާގެ ބޭފުޅުން ވަރުބަލިކަމެއް ނެތި ޣިފާރު ގަބީލާގެ މީހުން ﷲ ގެ މަގަށް ގެނައުމަށް މަސައްކަތް ކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ބަޔަކު އިސްލާމްވެ، އެމީހުންގެ މެދުގައި ޖަމާއަތުގައި ނަމާދުކުރަން ފެށުނެވެ.

އަބޫޛައްރު (ރ.ޢ.) ސަހަރާގައި ހުންނެވީ ރަސޫލާ (ޞ.ޢ.ޥ.) މަދީނާއަށް ހިޖުރަކުރަށްވައި، ބަދުރު ހަނގުރާމައާއި، އުހުދު ހަނގުރާމައާއި، ޚަންދަގު ހަނގުރާމަ ނިމެންދެނެވެ. އޭގެ ފަހުން މަދީނާއަށް ވަޑައިގެން، ރަސޫލާ (ޞ.ޢ.ޥ.) ގެ ޚާއްޞަ ޚިދުމަތްތެރިއަކަށް ވުމަށް އެދިވަޑައިގަތެވެ. ރަސޫލާ (ޞ.ޢ.ޥ.) އެކަމަށް އެއްބަސްވެވަޑައިގެން، އެކަލޭގެފާނުގެ އެކުވެރިކަމާއި ޚިދުމަތާމެދު އުފާކުރެއްވިއެވެ. ބައެއް ފަހަރު އެހެން މީހުންނަށްވުރެ އަބޫޛައްރު (ރ.ޢ.) އަށް އިސްކަން ދެއްވައެވެ. އަދި ބައްދަލުވާ ކޮންމެ ފަހަރަކު ހިނިތުންވުމާއެކު އުފާވެރިކަން ފާޅުކުރައްވައެވެ.

ރަސޫލާ (ޞ.ޢ.ޥ.) ސުވަރުގެ ވަޑައިގަތުމުން، ލިބުނު ފުން ހިތާމައެއްގެ ބޮޑުކަމުން މަދީނާގައި ހުންނަވަން އަބޫޛައްރު (ރ.ޢ.) އަށް ދަތިފުޅުވިއެވެ. އެހެންކަމުން އެކަލޭގެފާނު ސޫރިޔާގެ ސަހަރާއަށް ވަޑައިގެން، އަބޫބަކުރުގެފާނާއި އުމަރުގެފާނުގެ ޚިލާފަތުގައި އެތަނުގައި ހުންނެވިއެވެ.

ޢުޘްމާނު ބިން ޢައްފާން (ރ.ޢ.) ގެ ޚިލާފަތުގައި ދިމިޝްގުގައި ހުންނެވި ދުވަސްވަރު، މުސްލިމުން ދުނިޔަވީ ކަންކަމަށް ހުސްވެ، މުއްސަނދިކަމާއި އަރާމަށް ދަހިވެތިވެފައިވާ މިންވަރު ފެނިވަޑައިގެން ނުހަނު ދެރަފުޅުވިއެވެ. އެހެންކަމުން ޢުޘްމާނުގެފާނު އެދިވަޑައިގަތުމުން މަދީނާއަށް ވަޑައިގަތެވެ. މަދީނާގައިވެސް މީހުން ދުނިޔަވީ އުފާތަކުގެ ފަހަތުން ދުވާތީ އެކަމަށް ފާޑުވިދާޅުވިއެވެ. އެންމެ ފަހުން ޢުޘްމާނުގެފާނުގެ އަމުރުފުޅަށް، މަދީނާގެ ކައިރީގައިވާ ކުޑަ އަވަށެއް ކަމަށްވާ ރަބަޛާއަށް ވަޑައިގަތެވެ. އެތަނުގައި މީހުންނާ ވަކިން އުޅުއްވައި، ދުނިޔަވީ މުދަލަށް ފުރަގަސްދެއްވައި، އާޚިރަތުގެ ދާއިމީ ގޮވަތި އިޚްތިޔާރު ކުރެއްވިއެވެ.

އެއްފަހަރަކު މީހަކު އެކަލޭގެފާނަށް ޒިޔާރަތްކޮށް، ގޭގައި ހުރި އެއްޗެހި ބެލިއިރު އެއްވެސް މުދަލެއް ނެތެވެ. އެ މީހާ އެއްސެވިއެވެ: "ކަލޭގެފާނުގެ މުދާތައް ކޮބައިތޯއެވެ؟" އަބޫޛައްރު (ރ.ޢ.) ވިދާޅުވިއެވެ: "އަހަރެމެންގެ އެހެން ގެއެއް (އާޚިރަތް) އެބަހުއްޓެވެ. އަހަރެމެންގެ އެންމެ ރަނގަޅު މުދާތައް ފޮނުވަނީ އެތަނަށެވެ." އެ މީހާއަށް އެ ބުނި އެއްޗެއް ފަހުމްވެގެން ބުންޏެވެ: "އެކަމަކު މި ދުނިޔޭގައި އުޅޭއިރުވެސް ބައެއް މުދާ ހުންނަންޖެހޭނެ ނޫންތޯއެވެ؟" އަބޫޛައްރު (ރ.ޢ.) ޖަވާބު ދެއްވިއެވެ: "މި ގޮވަތީގެ ވެރިފަރާތް (ﷲ) އަހަރެމެން މިތަނަށް ފޮނުވީ، މިތަނުގައި ދާއިމީކޮށް ބައިތިއްބާކަށް ނޫނެވެ."

އަބޫޛައްރު (ރ.ޢ.) އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ނިޔަލަށް ދެމިހުންނެވީ ސާދާ އަދި ފުދުންތެރި ދިރިއުޅުއްވުމެއްގައެވެ. އެއްފަހަރަކު ސޫރިޔާގެ އަމީރު، އެކަލޭގެފާނުގެ ބޭނުންތައް ފުއްދުމަށް ތިންސަތޭކަ ދީނާރު ފޮނުއްވުމުން، އެ ފައިސާ އަނބުރާ ފޮނުވާލައްވަމުން ވިދާޅުވިއެވެ: "އަހަންނަށްވުރެ ބޮޑަށް މި ފައިސާއަށް ބޭނުންޖެހިފައިވާ އެހެން މީހަކު ސޫރިޔާގެ އަމީރަށް ފެނިވަޑައިނުގަތީ ހެއްޔެވެ؟"

ހިޖުރައިން 32 ވަނަ އަހަރު (މީލާދީން 652 ވަނަ އަހަރު)، ދުނިޔެވީ އުފާތަކަށް ފުރަގަސްދެއްވި މި މަތިވެރި ސަޙާބީ އަބޫޛައްރު (ރ.ޢ.) އަވަހާރަވިއެވެ. އެކަލޭގެފާނު ފަސްދާނު ލެވިފައިވަނީ ސައޫދީ އަރަބިއްޔާގެ އަލް-ރަބަޛާގައެވެ. މާތްﷲ އަބޫ ޛައްރުލް ޣިފާރީ (ރ.ޢ.) އަށް ރުއްސުންލައްވައި، އެކަލޭގެފާނަށް ހެޔޮވެގެންވާ މަތިވެރި ދަރުމަ ދެއްވާށިއެވެ. އާމީން.



ކިޔުންތެރިންގެ ހިޔާލު