ފަލަސްތީނުގެ ދަރިއެއް
ފަލަސްތީނުގެ ދަރިއެއް
ތިން އަހަރަށް ދެމިގެންދިޔަ ލާއިންސާނީ ހަނގުރާމައިގެ ސަބަބުން، ޣައްޒާގެ ކުޑަކުދިންނަށް ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ފެނިފައިނުވާ ފަދަ ބިރުވެރި އަދި ނުރައްކާތެރި ހާލަތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށާއި، މި ހަނގުރާމައިގައި މަދުވެގެން 20،000 ކުޑަކުދިން ޝަހީދުވެފައިވާ ކަމަށް ބައިނަލްއަޤްވާމީ އިންސާނީ އެހީދޭ ޖަމްޢިއްޔާއެއް ކަމަށްވާ 'ސޭވް ދަ ޗިލްޑްރަން' އިން ހާމަކޮށްފިއެވެ.

އެ ޖަމްޢިއްޔާއިން ބުރާސްފަތި ދުވަހު ނެރުނު އަހަރީ ރިޕޯޓުގައި މިކަން ހާމަކޮށްފައިވާއިރު، ހަމަ އެ ދުވަހު އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފަށް މެދުތެރޭ ޣައްޒާގައި ކުރިއަށްގެންދިޔަ އެއްގަމު އަސްކަރީ އޮޕަރޭޝަން ނިންމާލާފައިވާ ކަމަށް އޭއެފްޕީ ނިއުސް އެޖެންސީއަށް މަޢުލޫމާތު ދީފައެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ އަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިންނާ ދެކޮޅަށް ހިންގާފައިވާ އަނިޔާވެރި ޢަމަލުތަކުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ހިންގާފައިވަނީ އިސްރާއީލުން ޣައިރު ޤާނޫނީ ގޮތުގައި ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައެވެ. މީގެ ތެރޭގައި ހޮސްޕިޓަލްތަކަށާއި މަދަރުސާތަކަށް އަމާޒުކޮށްދިން ޙަމަލާތަކާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގަސްދުގައި ހުރަސްއެޅުމުގެ 12،500 އަށްވުރެ ގިނަ ހާދިސާ ވަނީ ރެކޯޑްކުރެވިފައެވެ.

އެ ޖަމްޢިއްޔާގެ ރީޖަނަލް ޑިރެކްޓަރ އަޙްމަދު އަލްހެންދާވީ ވިދާޅުވީ، ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކަކީ މި ޒަމާނުގައި ދުވަހަކުވެސް ފެނިފައިނުވާ މިންވަރުގެ އަނިޔާވެރި ޢަމަލުތަކެއް ކަމަށެވެ. އަދި ދިރިތިބި ކުދިންގެ ތެރެއިން ގިނަ ކުދިންނަކީ ޖިސްމާނީ ގޮތުން ބޮޑެތި ޒަޚަމްތަކެއް ލިބި، މައިންބަފައިންނާއި ޢާއިލާ އެއްކޮށް ގެއްލިފައިވާ ޔަތީމު ކުދިން ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރިޕޯޓުގެ ހޯދުންތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ ފެންވަރުގައި ކުޑަކުދިންނާ ދެކޮޅަށް އެންމެ ބޮޑަށް އިތުރުވަމުން އަންނަ ޖަރީމާއަކީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅުމެވެ. މިގޮތުން 2015 ވަނަ އަހަރު މިފަދަ 509 ހާދިސާ ރެކޯޑްކުރެވުނު ނަމަވެސް، 2025 ވަނަ އަހަރު އެ އަދަދު ވަނީ 8،322 އަށް މައްޗަށް ގޮސްފައެވެ. މިއީ ގާތްގަނޑަކަށް ކޮންމެ ގަޑިއިރަކު ހާދިސާއެއް ހިނގުމާ އެއްވަރުގެ މިންވަރެކެވެ. މީގެ 70 އިންސައްތައަށްވުރެ ގިނަ ހާދިސާތައް އަމާޒުވެފައިވަނީ ފަލަސްޠީނުގެ ކުޑަކުދިންނަށެވެ.

މީގެއިތުރުން، 2005 ވަނަ އަހަރުން ފެށިގެން ކުޑަކުދިން މެރުމާއި ދާއިމީ ނުކުޅެދުންތެރިކަން ކުރިމަތިކުރުވި 171،712 ހާދިސާ ކަށަވަރުކުރެވިފައިވާއިރު، މީގެ 70 އިންސައްތައަށްވުރެ ބޮޑުބައި ހިއްސާކުރަނީ އިސްރާއީލުން ހިސާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައެވެ.

ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ފުރާނަ ސަލާމަތްކުރުމަށްޓަކައި ޣައްޒާއިން ބޭރުން އަވަސް ފަރުވާ ހޯދުމަށް އިސްރާއީލުގެ ހުއްދައަށް އިންތިޒާރުކުރަމުން ދަނިކޮށް، މަދުވެގެން 300 ކުޑަކުދިން ވަނީ ނިޔާވެފައެވެ. މީގެ ތެރޭގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ 90 ކުދިން ހިމެނެއެވެ. އަދި ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ނުލިބި އިތުރު 5،400 ކުދިން މިހާރުވެސް ވެއިޓިންގ ލިސްޓުގައި އެބަތިއްބެވެ. 2024 ވަނަ އަހަރުގެ މެއި މަހު ރަފަޙް ބޯޑަރު ބަންދުކުރި ފަހުން، ފަރުވާއަށް ފުރޭނެ ގޮތެއް ނެތި 1،360 ބަލިމީހުން ދުނިޔެ ދޫކޮށްފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

ގެދޮރު ގެއްލި ޙާލުގައި ޖެހިފައިވާ އުމުރުން 65 އަހަރުގެ ރިޔާޟް އަބޫ ޝާމިލްގެ ވާހަކައިން ޣައްޒާގެ ހަޤީޤީ ހާލަތު ސިފަވެއެވެ. އޭނާ ބުނި ގޮތުގައި ޣައްޒާގެ ކުޑަކުދިން ވަނީ އިންސާނަކަށް ބޭނުންވާ އެންމެ އަސާސީ ޙައްޤުތަކުންވެސް މަޙްރޫމްވެފައެވެ. މޭވާއެއް ނުވަތަ ތަރުކާރީ ކޮޅެއް ފަދަ އާދައިގެ ކާބޯތަކެތި ހޯދުމަކީވެސް މިއަދު އެ ކުދިންނަށް އަތްނުފޯރާ ފަދަ ކަމެކެވެ.

2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވެވުނު އެއްބަސްވުމަށްފަހު އިސްރާއީލުން ފެށި ފުރަތަމަ ފުޅާ އެއްގަމު އޮޕަރޭޝަން ނިންމާލާފައިވާއިރު، އިސްރާއީލު ސިފައިން ވަނީ އެއްބަސްވުމުގެ "ޔެލޯ ލައިން" ހުރަސްކޮށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ޙަމާސްއިން މި ޙަމަލާ ސިފަކޮށްފައިވަނީ ސުލްޙައިގެ އެއްބަސްވުމާ ޚިލާފަށް ހިންގި ފާޅުކަން ބޮޑު ޖަރީމާއެއްގެ ގޮތުގައެވެ.

ޞިއްޙަތާބެހޭ ވުޒާރާއިން ނެރުނު ތަފާސްހިސާބުތަކަށް ބަލާއިރު، ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވި ފަހުންވެސް ޒަޔަނިސްޓު އިސްރާއީލުގެ ޙަމަލާތަކުގައި ފަލަސްޠީނުގެ 1،600 އަށްވުރެ ގިނަ ރައްޔިތުން ވަނީ ޝަހީދުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު