ރަސްމާލެ ތަރައްޤީ ކުރުމުގެ މަޝްރޫޢާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކާއި ދައްކަމުންދާ ވާހަކަތައް ދިވެހި ރައްޔިތުން ބަލައިނުގަންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެއެވެ.

ޔޫއޭއީގެ އީގަލް ހިލްސްއާ ޙަވާލުކޮށްގެން ރަސްމާލޭގައި ހިންގަން ރާވާފައިވާ މަޝްރޫޢާ ގުޅޭގޮތުން އެމްއެމް ޓީވީގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑު) ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ފައިދާހުރި އަދި މުހިންމު ކޮންމެ ކަމެއް ހުށަހެޅި ނަމަވެސް އިދިކޮޅު ފަރާތްތަކުން އަބަދުވެސް އެކަމާ ދެކޮޅު ހަދާ ކަމަށެވެ. އޭގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ ކުރިއެރުމާއި މަންފާ އަދި މުސްތަޤުބަލާ ގުޅޭ ކަންކަން މަޑުޖެހިގެންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝާޑު ވިދާޅުވީ ރަސްމާލޭގެ މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ކުރީއްސުރެ ތަޞައްވަރަކާއެކު ފެއްޓެވި މަސައްކަތެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެތަން ހިއްކަން ފެށި އިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ދިޔައީ ދަރަނީގެ ޙާލަތާއި އިޤްތިޞާދީ ޙާލަތު ދަށް ދަރަޖައެއްގައި އޮއްވާ އެތަން ހިއްކުމަކީ ބޭކާރު ކަމެއް ކަމަށެވެ.

"އެކަން ފުރިހަމަކޮށް ނިންމާފަ މިތަން ފެނުނީމަ... އެތަން ތަރައްޤީ ކުރުމަށްޓަކައި އޭރުގެ މިކަން ކުރެވޭ ވަރުގެ ބަޔަކު ހޯދާ އެމީހުންނަށް މިކަން ޙަވާލުކުރެވޭތޯ... ފަށަން މަސައްކަތް ކުރެވުނު ތަނުން މި މައްސަލައަކީ. އަނެއްކާވެސް މިއީ މިކަމާ ގުޅުމެއް ނެތް އެތައް ކަމެއްގެ ވާހަކަ އިދިކޮޅު ފަރާތްތަކުން މި ދައްކަން ފެށީ ރައްޔިތުންނަށް." މެމްބަރު ވިދާޅުވިއެވެ.

މީގެ އިތުރުން މީޑިއާތަކާއި އެކި ޕޯޑިއަމްތަކުގައި ރަސްމާލެ މަޝްރޫޢާ ގުޅޭގޮތުން ރައްޔިތުންގެ މެދުގައި ނަފްރަތާއި ދެކޮޅުވެރިކަން އުފެއްދުމަށް، ސަރުކާރަށް އުނދަގޫ ކުރުމުގެ ނިޔަތުގައި ތަފާތު ތުހުމަތުތައް އަޅުވަމުންދާ ކަމަށް ޝާޑު ތުހުމަތު ކުރެއްވިއެވެ. ނަމަވެސް، މިއަދުގެ ޙަޤީޤަތަކީ އެ ވާހަކަތައް ރައްޔިތުން ބަލައިނުގަތުން ކަމަށާއި، އެ ވާހަކަތަކަށް ތަބާވަނީ ވަރަށް މަދު ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާޑު އިތުރަށް ވިދާޅުވީ ކޮންމެ ރައްޔިތަކުވެސް އެދެނީ ޤައުމުގެ ކުރިއެރުމާއި ހަމަޖެހުމާއި ތަރައްޤީއަށް ކަމަށެވެ. އަދި ސިޔާސީ މަޤްޞަދު ޙާޞިލު ނުވާނެހެން ހީވުމުން ރައްޔިތުން އެހެން މިޞްރާބަކަށް ގެންދަން އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބު ނުވާނެ ކަމަށާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އިތުރު ޙަރުފަތަކަށް ގެންދިއުމުގައި ރައީސުލްޖުމްހޫރިއްޔާ ދެމިހުންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު