އެމްޑަބްލިއުއެސްސީ އޮޑިޓޯރިއަމް-
އެމްޑަބްލިއުއެސްސީ އޮޑިޓޯރިއަމް-
މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ އެކި އެކި ބައްދަލުވުންތަކާއި ރަސްމިއްޔާތުތައް ބޭއްވުމަށް ޚާއްޞަކޮށްގެން، ޒަމާނީ ފެންވަރަށް ތަރައްޤީކުރި އެ ކުންފުނީގެ ފުރަތަމަ އޮޑިޓޯރިއަމް ރަސްމީކޮށް ހުޅުވައިފިއެވެ.

މި ޚާއްޞަ އޮޑިޓޯރިއަމް ރަސްމީކޮށް ހުޅުވައިދެއްވީ ދީނީ ޢިލްމުވެރިޔާ ޝައިޚް އަޙްމަދު ސަމީރުއެވެ. މި ރަސްމިއްޔާތުގައި އެމްޑަބްލިޔުއެސްސީގެ އިސްވެރިންނާއި ގިނަ ޢަދަދެއްގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ އެމްޑަބްލިޔުއެސްސީގެ ތާރީޚުގައިވެސް އެ ކުންފުނީގައި މިފަދަ އޮޑިޓޯރިއަމެއް ޤާއިމުކުރެވުނު ފުރަތަމަ ފަހަރެވެ. މީގެކުރިން އެ ކުންފުނީގެ ބޮޑެތި ބައްދަލުވުންތަކާއި ޖަލްސާތައް ބޭއްވުމަށް އަމިއްލަ ތަނެއް ނެތުމުގެ ސަބަބުން، ބޮޑު ޚަރަދުކޮށްގެން ބޭރުގެ އެކި ތަންތަން ކުއްޔަށް ނަގަން ޖެހުނު ނަމަވެސް، އަލަށް ހުޅުވުނު މި އޮޑިޓޯރިއަމާއެކު އެ ދަތިތަކަށް ދާއިމީ އަދި ފުރިހަމަ ޙައްލެއް ލިބިގެންދާނެއެވެ.

އަލަށް ތަރައްޤީކުރި މި އޮޑިޓޯރިއަމް ފަރުމާކޮށްފައިވަނީ އެއްފަހަރާ 425 މީހުންނަށް ބައިވެރިވެވޭނެ ފަދަ ޖާގަ ތަނަވަސް ކޮންފަރެންސް ރޫމަކާއި، 28 މީހުންގެ ޖާގައިގެ ޒަމާނީ ބޯޑް ރޫމެއް ހިމެނޭ ގޮތަށެވެ. މީގެއިތުރުން، ބައްދަލުވުންތަކާއި ކޮންފަރެންސްތަކަށް ބޭނުންވާ އެންމެ ފަހުގެ ޒަމާނީ އޯޑިއޯ އަދި ވީޑިއޯ ވަސީލަތްތަކުގެ އިތުރުން، ކޭޓަރިންގގެ ޚިދުމަތް ފަސޭހަކަމާއެކު ދެވޭނެ އިންތިޒާމުތައް

ވެސް މިތަނުގައި ވަނީ ފުރިހަމަކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވީ، މިއީ އެ ކުންފުނީގެ ހީވާގި މުވައްޒަފުންގެ ބުރަ މަސައްކަތުން ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ. އެގޮތުން، ބޭރުގެ އެއްވެސް ފަރާތަކަށް ބަރޯސާނުވެ، މުޅި މަޝްރޫޢު އެއްކޮށް ނިންމާލާފައިވަނީ އެ ކުންފުނީގެ މުވައްޒަފުން އަމިއްލައަށް މަސައްކަތްކޮށްގެން އެންމެ 45 ދުވަހުގެ ކުރު މުއްދަތެއްގެ ތެރޭގައި ކަން އެމްޑީ ފާހަގަކުރެއްވިއެވެ.

މެނޭޖިންގ ޑިރެކްޓަރ އިތުރަށް ވިދާޅުވީ، މި އޮޑިޓޯރިއަމަކީ ހަމައެކަނި އެ ކުންފުނީގެ އެތެރޭގެ ބޭނުންތަކަށް ޚާއްޞަ ތަނެއް ނޫން ކަމަށާއި، ކޯޕަރޭޓް ދާއިރާގެ އެކި އިވެންޓްތަކަށާއި ސަރުކާރުގެ އެކި މުއައްސަސާތަކުން ބާއްވާ ރަސްމީ ބައްދަލުވުންތަކަށްވެސް މި ތަން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ އިވެންޓްތައް ބޭއްވުމަށް އެކަށޭނަ ތަންތަން ހޯދުމުގައި އޮތް ދަތިކަމަށްވެސް ލިބިގެންދާނެ ބޮޑު ލުޔެއް ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު