މާލޭގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތައް ނެގުމުގެ މަސައްކަތް ފެށުމަށް ފުލުހުން ނިންމައިފިއެެވެ.

ފުލުހުން ބުނީ މާލޭގައި ގަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތަކާއި، ރަޖިސްޓްރީނުކޮށް ބަހައްޓާފައި ހުރި އުޅަނދުތަކާއި، އަދި އޭ ޒޯން ފިޔަވައި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައި ހުރި އުޅަނދުތައް ނެގުމަށް ނިންމާފައިވާ ކަމަށެވެ.

އެކަމާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން މިމަހުގެ 23 ވަނަ ދުވަހުން ފެށިގެން ފުލުހުންނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާގެ ދަށުން ފުލުހުން ކަނޑައަޅާ ތަނަކަށް މިފަދަ އުޅަނދުތައް ޓޯ ކޮށްގެން ގެންދެވޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

އެހެން ކަމުން އުޅަނދުތައް މިމަހުގެ 22 ވަނަ ދުވަހުގެ 23:30 ގެ ކުރިން ނަގައި ނިންމުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

އުޅަނދުތައް ނެގުމަށްފަހު ފުލުހުން ކަނޑައަޅާތަނަކަށް ގެންދެވޭނޭ ކަމަށާއި، އުޅަނދު އުފުލައި ގެންދިއުމުގެ ތެރޭގައި ލިބޭ އެއްވެސް ގެއްލުމަކަށް، އަދި ގެންގޮސް ބަހައްޓާފައި ހުންނަ ހުރުމުގައި ލިބޭ ގެއްލުމަކަށް އެ އިދާރާއިން ޒިންމާ ނުވާނެ ކަމަށް ފުލުހުން ހާމަކުރިއެވެ.

އަދި ޓޯ ކުރުމަށްފަހު ބަހައްޓާފައި ހުންނަ ތަނުން އެހެން ތަނަކަށް ގެންދިއުމަކީ އުޅަނދުގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު